ކ. މާލެ
|
23 ޖޫން 2021 | ބުދަ 23:28
ސްލޮވާކިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 5-0 ން
ސްލޮވާކިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 5-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ލަނޑު ގޯންޏަކާއެކު ސްޕެއިން ދެވަނަ ބުރަށް
 
ސްލޮވާކިއާ އަތުން ސްޕެއިން މޮޅުވީ 5-0 ގެ ނަތީޖާއަކުން
 
ޕޮލެންޑް އަތުން ސްވިޑެން މޮޅުވީ 3-2 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ގްރޫޕް އީ ގެ ފަހު މެޗުގައި ފަސޭހަކަމާއެކު ސްލޮވާކިއާ ބަލިކުރުމަށްފަހު ދެވަނަ ބުރަށް ސްޕެއިން ދަތުރުކޮށްފިއެވެ.

ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސްޕެއިނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައިވެއެވެ. އެގޮތުން ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ ސްލޮވާކިއާގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ސްލޮވާކިއާގެ ގޯލްކީޕަރު މާޓިން ޑޫބްރަވްކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އައިމެރިކް ލަޕޯޓް ވަނީ ލަނޑެއް ޖަހައި، ސްޕެއިނަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ސްޕެއިނުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފަސްވަނަ ލަނޑަކީ ސްލޮވާކިއާގެ ޑިފެންޑަރު ޔުރައި ކުޗްކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން 5-0 ގެ ނަތީޖާއަކުން ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިން މޮޅުވިއިރު، މި މެޗަކީ ސްޕެއިނަށް ރިކޯޑު މޮޅެކެވެ. އެގޮތުން މިއީ ޔޫރޯގައި ޓީމެއް ކޮޅަށް ސްޕެއިނުން ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްވިޑެން މޮޅުވީ 3-2 ން

ދެން މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ސްވިޑެންއިން ވަނީ 3-2 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

މި މެޗުގައި ސްވިޑެންއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ށްދިނީ އެމިލް ފޯސްބާގެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި ފޯސްބާގް ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޮސްކީ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ލެވެންޑޮސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް މި މެޗުން ސްވިޑެން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ވިކްޓާ ކްލާސަން ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި ސްވިޑެން އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްޕެއިނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ސްލޮވާކިއާ އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. އަދި މި ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް