ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، 23 ޖޫން 2021ން 30 ޖޫން 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ހެނދުނު 8:00ން ހަވީރު 6:00 ގެ ނިޔަލަށް ހަމައެކަނި ދެވޭނެ ޚިދުމަތަކީ ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 23 ޖޫން 2021ން 30 ޖޫން 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެނދުނު 6:00ން މެންދަމު 12:00ށް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މިމުއްދަތުގެ ތެރޭގައި މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ހެނދުނު 8:00ން ހަވީރު 6:00އާ ދެމެދު ކަމަށެވެ. އަދި މުދާ ވިއްކާ ތަންތަނުން ވެސް ހެނދުނު 6:00ން މެންދަމު 12:00ށް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ތަނުގައި މުވައްޒަފުން ތިބެންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފަހުއެވެ. އަދި ޕޮލިސް ޕޯޓަލް އިން ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާނަަމަ، ހުއްދައަށް އެދި [email protected],mvށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.