ކ. މާލެ
|
23 ޖޫން 2021 | ބުދަ 15:29
ސްލޮވާކިއާ މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ސްލޮވާކިއާ މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ސްލޮވާކިއާ އާއި ސްޕެއިންގެ ކުރިމަތިލުން
ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސްޕެއިނަށް މޮޅުވުން ނޫން ގޮތެއް ނެތް
މެޗު އެއްވަރުކޮށްލައިގެންވެސް ސްލޮވާކިއާ ދެވަނަ ބުރަށް ދަތުރުކުރާނެ

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްލޮވާކިއާ އާއި ސްޕެއިން ބައްދަލުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ.

ޔޫރޯގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ސްޕެއިން ވަނީ އެއްވަރުވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ޕޮލެންޑާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ސްލޮވާކިއާއިން ކުޅުނު ފުރަތަމަ މެޗުން ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުން ވަނީ ސްވިޑެން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ ދެވަނައިގައި ސްލޮވާކިއާ އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ސްޕެއިން އޮތީ ދެ މެޗުން ދެ ޕޮއިންޓާއެކުއެވެ. އެހެންކަމުން ބުދަ ދުވަހުގެރޭ ކުޅޭ މެޗު އެއްވަރުކޮށްލައިގެންވެސް ސްލޮވާކިއާ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އަދި ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސްޕެއިނަށް މޮޅުވުން ނޫން ގޮތެއް ނެތެވެ.

މި މެޗާ ކުރިމަތިލާއިރު ސްޕެއިނަށް އޮތް ހިތްހަމަޖެހުމަކީ ކޮވިޑް-19 އިން ރަނގަޅުވެ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޓީމާ އަލުން ގުޅިފައިވުމެވެ. މި މުބާރާތުގެ ކުރިން ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭނާއަށް ވަނީ ސްޕެއިނުން ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ބަސް:

ސްލިވާކިއާ މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗަށް ނުކުންނައިރު މިއީ ސްޕެއިނަށް މޮޅުވާން މަޖުބޫރު މެޗެއް ކަމަށާއި، ސްޕެއިންގައި އޮތް ޒުވާން ސްކޮޑާއެކުގައިވެސް ދެވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި މެޗުގައި ސްޕެއިންގެ ޓީމުން ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށާއި، އެކަމަކު ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗުގެ ބަސް:

ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް ބުނީ ސްޕެއިންގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށާއި، އަދި އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ޔޫރަޕުގެ ގަދަ ބާރުތަކަށް ކުޅެމުން އަންނަ މޮޅެތި ކުޅުންތެރިންތަކެއް ކަމަށެވެ. އަދި މި މެޗަށް ސްޕެއިން ނުކުންނާނީ ކުރިން ކުޅުނު ދެ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށާއި، އެކަމަކު ސްލޮވާކިއާއިން އެ ފުރުސަތު ސްޕެއިނަށް ނުދޭނެ ކަމަށެވެ. އަދި މި މެޗުން މޮޅުވާން ސްޕެއިންގެ ބަލި ފައިތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށްވެސް ޓާކޮވިޗް ބުންޏެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އީ ގެ އެނަލިސްޓް އިމާދު ލަތީފެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝާކިރު (ޝާކިއްޓެ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްލޮވާކިއާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

- ކޮމެންޓް