ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 15:42
ޗެކް ރިޕަބްލިކް މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ޗެކް ރިޕަބްލިކް މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ޗެކް ރިޕަބްލިކާއި އިންގްލެންޑުގެ ކުރިމަތިލުން
ދެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި
މި ދެ ޓީމު މިހާރު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އަންގާރަ ދުވަހުގެރޭ ޗެކް ރިޕަބްލިކާއި އިންގްލެންޑް ބައްދަލުކުރާއިރު، މި ދެ ޓީމު މިހާރު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޗެކް ރިޕަބްލިކާއި އިންގްލެންޑަށްވެސް މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމަށް އަނެއް ބުރުގެ ފުރުސަތު ލިބުނީ ވާދަކުރާ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނައަށް ދާ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ނޮކައުޓް ބުރުގެ ޖާގައެއް ކަަށަވަރުވާތީއެވެ.

ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ލަނޑެއް ނުޖެހި ސްކޮޓްލެންޑާ އެއްވަރުވެފައެވެ. އަދި ޗެކް ރިޕަބްލިކުން ކުޅުނު ފުރަތަމަ މެޗުން ސްކޮޓްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ކްރޮއޭޝިއާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓުގެ ބަސް:

ޗެކް ރިޕަބްލިކް މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މެޗަކީ އިންގްލެންޑަށް މުހިންމު މެޗެއް ކަމަށާއި، ނަމަވެސް މި މެޗަށް ނުކުންނައިރު އިންގްލެންޑް ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އަދި މި މެޗުގައި އިންގްލެންޑުގެ ޒުވާން ތަރި ޖޭޑަން ސަންޗޯ އާއި ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއާއަށް ފުރުސަތު ދޭނެ ކަމަށް ވަނީ ބުނެފައެވެ. ސައުތުގޭޓް އިތުރަށް ބުނީ އިންގްލެންޑުން ދެވަނަ ބުރަށް ދާން ބޭނުންވަނީ މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށާއި، އެހެންކަމުން މި މެޗު ކާމިޔާބުކުރުމަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޗެކް ރިޕަބްލިކުގެ ކޯޗު ޔަރޯސްލާވް ޝިލްހަވީގެ ބަސް:

ޗެކް ރިޕަބްލިކުގެ ކޯޗު ޔަރްސްލާވް ޝިލްހަވީ ބުނީ އިންގްލެންޑަކީ މި ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، އަދި އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ކޮންމެ ދަނޑިވަޅެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން މި މެޗަކީ ޗެކް ރިޕަބްލިކަށް މޮޅުވާން އުނދަގޫ މެޗަކަށްވާނެ ކަމަށާއި، އެކަމަކު އިންގްލެންޑަކީ ބަލި ނުކުރެވޭނެ ފެންވަރުގެ ޓީމެއް ނޫން ކަމަށްވެސް ޝިލްހަވީ ބުންޏެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 23:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ޑީ ގެ އެނަލިސްޓް މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޒަރީރު (ޒައްރަ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޗެކް ރިޕަބްލިކާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

- ކޮމެންޓް