ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އަންގާރަ ދުވަހުގެރޭ ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މި ދެ ޓީމަށްވެސް އެބައޮތެވެ.
ޔޫރޯގައި ކުޅުނު ދެ މެޗުން ކްރޮއޭޝިއާ އާއި ސްކޮޓްލެންޑަށްވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެ ޓީމުން ވަނީ ޗެކް ރިޕަބްލިކާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. އަދި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ އިންގްލެންޑާ ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ.
މި ގްރޫޕުގެ އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކާއި އިންގްލެންޑުން ހަތަރު ޕޮއިންޓް ހަމަކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެއެވެ.
ކްރޮއޭޝިއާގެ ކޯޗު ޒެލާޓްކޯ ޑަލިކުގެ ބަސް:
ސްކޮޓްލެންޑް މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ކޯޗު ޒެލާޓްކޯ ޑަލިކް ބުނީ ހުރިހާވެސް ވިސްމުނެއް ހުރީ ސްކޮޓްލެންޑް ބަލިކޮށް ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކަމަށާއި، އެހެންކަމުން ކުރީ މެޗުތަކުގެ ނަތީޖާއަށް ވިސްނައިގެން ތިބެވެން ނެތް ކަމަށެވެ. އަދި މިވަގުތު ޓީމަށް ޕްރެޝަރު އޮތް ނަމަވެސް އެކަން މި މެޗުން ނުދައްކާނެ ކަމަށާއި، ކުޅުންތެރިން ތިބީ ދެވަނަ ބުރަށް ދިޔުމުގެ ވިސްނުމުގައި ކަމަށްވެސް ބުންޏެވެ. އަދި މިއީ ކްރޮއޭޝިއާއަށް މޮޅުވުން މަޖުބޫރު މެޗެއް ކަމަށްވެސް ޑަލިކް ބުންޏެވެ.
ސްކޮޓްލެންޑުގެ ކޯޗު ގްރެގޯ ޓައުންޒެންޑުގެ ބަސް:
ސްކޮޓްލެންޑުގެ ކޯޗު ގްރެގޯ ޓައުންޒެންޑް ބުނީ މި މެޗަށް އޭނާގެ ޓީމުން އޮތީ ތައްޔާރަށް ކަމަށާއި، ހާއްސަކޮށް އިންގްލެންޑް މެޗުގައި ދެއްކި ކުޅުން ތަކުރާރުކުރުމަށް ކުޅުންތެރިން ބޭނުންވާ ކަމަށެވެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށްގެން ކްރޮއޭޝިއާ ބަލިކޮށް، ދެވަނަ ބުރަށް ދަތުރުކުރުމުގެ އަޒުމުގައި ތިބި ކަމަށްވެސް ޓައުންޒެންޑް ބުންޏެވެ.
ޔޫރޯގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.