ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 17:05
ކުޑަ ކުދިން ކުށުގެ ވެށްޓަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފައި
ކުޑަ ކުދިން ކުށުގެ ވެށްޓަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
ކޮންމެ މަރަކާއެކު ދިވެހިންގެ ޒަމީރު ހޭލަނީ ހިނދުކޮޅަކަށް
 
އަނިޔާވެރި ކޮންމެ މަރަކާއެކު ކަރުނަ އަޅާ އެތައް ބަޔަކު ތިބޭ
 
ކުށުގެ ކުރީ ސަފަށް ކުޑަކުދިން ނެރުމުގެ އަޑީގައި ތިބި ބަޔަކު ހޯދަން ޖެހޭ
 
ކުޑަކުދިން ކުށުގެ ވެށިން ފެންނަ މިންވަރު ވަނީ އިތުރުވެފައި

އަންގާރަ ދުވަހުގެ އިރު ފެނުން ހިއްލާލީ، ކުޑަ ކުއްޖެއްގެ މަރުގެ ޚަބަރާއެކު މުޅި މުޖުތަމައަށް ހަމަހިމޭންކަން ވެރި ކުރުވަމުންނެވެ. އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް މަރާލައި މޫދަށް އެއްލާލާފައިވަނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތިއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓްކޮށްގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ މަރާލާފައި އޮއްވައެވެ. 

އަނިޔާވެރި ކޮންމެ މަރަކާއެކު އެތައް ބައެއްގެ ހިތް ކުދިކުދި ވެއެވެ. ހިތަށް ބިރުވެރިކަން ވަދެ، މި މުޖުތަމައުގެ ތެރޭގައި އުޅުމަށް ޖެހިލުން ވެއެވެ. ރަހީނުކޮށްގެން މީހުން ގެންގުޅޭ ވާހަކައާއި، އަނިޔާކުރާ ވާހަކަ މިވަނީ އިތުރުވެފައެވެ. މިފަހަރުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރެވުނު ދެ މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ކުޑަކުދިން ކުށުގެ ވެށްޓަށް ވަދެ އެ ވެށީގައި އުޅުމުގައި ހަމައެކަނި ޒިންމާ ނަގަންޖެހެނީ މުއައްސަސާ ތަކަކުން ނޫނެވެ. މައިންބަފައިންނާއި މުޖުތަމައާއި މުއައްސަސާތައްވެސް ޒިންމާ ނަގަން ޖެހެއެވެ. ކުއްޖާ ސްކޫލަށް ނުގޮސް ހުއްޓާލާ ހިސާބުން، ނުވަތަ މުޖުތަމައަށް ޅައުމުރުގައި ނުކުންނަން ފެށުމުން އެކަމުގައި މައިންބަފައިން ޒިންމާ ނަގައި، ކުއްޖާއަށް އިތުރު ސަމާލުކަން ދޭން ޖެހެއެވެ. މައިންބަފައިން ވަކިވިޔަސް ކުދިންނަށް އޭގެ އަސަރު ނުކުރާ ގޮތަށް ކަންކަން ރާވަން ޖެހެއެވެ. 

މުޖުތަމައުގައި މިފަދަ މަންޒަރު ފެނުނަސް އެއީ ނުފެންނަ މަންޒަރުތަކަށް ހަދައިގެން ތިބުމުގެ ސަބަބުން މި މުޖުތަމައުގައި ކުށްތައް އާއްމު ވީއެވެ. އާއިލާ މީހަކަށް ނުވަތަ ގާތް ރަހުމަތްތެރިއަކަށް ކަމެއް ދިމާނުވާހާ ހިނދަކު އެއީ ނުވާކަމަކަށް ހަދަނީއެވެ.

ގޭންގު ކުށްތައް އާންމުވެ މީހުންގެ ކުރިމަތީގައި މާރާމާރީ ހިންގައި، މީހުން ކަތިލާއިރުވެސް އަޅާނުލަނީއެވެ. ކަމާގުޅުންހުރި މުއައްސަސާތައް ހޭލަނީ ކަމެއް ހިނގުމުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކުށެއް ކުރުމުން ކުށް ކުރި މީހާ ހޯދައި އަދަބު ދިނުމަށް މަސައްކަތްކުރާތަން ފެނެއެވެ. އެހެނަސް ކަންކަމުގެ އަޑީގައި ތިބި މީހުން ދެނެގަނެގެން ނޫނީ، މިކަންކަމަށް ކުޑަ ނަމަވެސް ހައްލެއް އަންނާނެ ކަމަށް ނުފެނެއެވެ. މުޖުތަމައުގައި މިކަހަލަ އަނިޔާވެރިކަން އާއްމުވީ ހަމަ ކުއްލިއަކަށް ނޫނެވެ. މިހިސާބަށް ދިއުމުގެ ޒިންމާ ގާނޫނުތައް ތަންފީޒު ކުރަންތިބި ފަރާތްތަކުންވެސް ނަގަން ޖެހެއެވެ. ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މިއަދު މުޖުތަމައު މިހާލަތަށް ވެއްޓިގެން ދިޔައީއޭވެސް ބުނެވިދާނެއެވެ. ގާނޫނުތައް ވަރުވަރުން ހެދިފައި އޮތަސް އޭގައި އޮންނަ ގޮތަށް ކަންކަން ތަރުތީބުވެގެން ނުދަނީ ކީއްވެތޯ ބަލަން ޖެހެއެވެ.

ކުޑަކުދިން ކުށުގެ ކުރީސަފަށް ނެރެ މިކަހަލަ އަމަލުތައް ހިންގުން އާއްމުވަނީ އެކުދިންނަށް ގާނޫނެއްގެ ދަށުން ދެވޭ އަދަބުތަކުން އެކުދިން މުޖުތަމައަށް އަނބުރާ ނެރުމަށް ފަސޭހަވެފައި އޮތުމުން ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރަން ފެށުމުގެ މަގްސަދަކަށްވެފައި އޮތީ ކުދިންގެ މުސްތަގްބަލް ނުގެއްލޭނެގޮތަކަށް ކުށުގެ އަދަބުދީ އެކުދިން އަނބުރާ މުޖުތަމައަށް ނެރުމެވެ. 

ކޮންމެ ފަހަރަކު އަނިޔާވެރި މަރަކާއެކު ދިވެހި ޒަމީރު ހިނދުކޮޅަކަށް ހޭލައެވެ. އެވާހަކަ އެކި ފޯރަމްތަކުގައި އަޑުގަދަކޮށް ދައްކައެވެ. ދެތިން ދުވަހުން އެވާހަކަތައް އޮބިގެންދަނީއެވެ. އެއާއެކު މިފަދަ އަނިޔާވެރި މަރު ތަކުގައި ކުށްވެރިން ހޯދައި، ކުށްވެރިންނަށް އަދަބު ދޭތަން ނުފެނެއެވެ. ފަހުގެ ތާރީޚުގައި ހިނގާފައި ހުރި މިފަދަ އަނިޔާވެރި މަރުތަކަށް  ބަލާލުމުން މިކަން ސާފުވާނެއެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް އެތައް ދުވަހަކު ތަހުގީގު ހިންގުމަށްފަހު، އެކަމުގައި އަލި މަގެއް ނުފެނި އެ މީހާ އަނެއްކާވެސް މުޖުތަމައަށް ދޫވެގެންދަނީއެވެ. އެމީހާއަށް އަނެއްކާވެސް ކުށްކުރުމަށް ފުރުސަތު ފަހިވެގެންދަނީއެވެ. ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށް އޭނާގެ ކުށުގެ ރެކޯޑް ބަލާއިރު ކޮޅެއް ނުފެންނާނެއެވެ. މިކަމުންވެސް ދޭހަވަނީ ފެއިލްވެފައިވާ ކަމެވެ. 

މުޖުތަމައުގައި ހުރި މައްސަލަތަކުގެ ވާހަކަ އެކި ފޯރަމްތަކުގައި ދެއްކުމަށްފަހު އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭތަން ނުފެނެއެވެ. މުޖުތަމައުގައި މިހާރު އިތުރުވަމުން އަންނަ އަނިޔާވެރި، ރަހުމްކުޑަ މަރުތައް ހުޓުވުމަކަށް ގެނައުމަށް އެންމެންވެސް ޒިންމާ ނަގަންޖެހެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކުޑަކުއްޖަކު ހަމަ ހުރެފައި ކުށުގެ ވެށްޓަށް ނުވަންނާނެ ކަމެވެ. މިކަންކަމުގެ އަޑީގައި، ތިބީ ކޮންބައެއްތޯ އެބަ ހޯދަން ޖެހެއެވެ. ކުށުގެ ވެށްޓަށް ކުޑަކުދިން ނެރެ އެކަމުން މަންފާ ލިބިގަންނަ މީހުން ހޯދަން މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހެއެވެ. ފަހަކަށް އައިސް ހިނގާ މިފަދަ ހާދިސާތަކުގެ ސަބަބުން މި މުޖުތަމައުގެ ތެރޭގައި މިވަނީ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.  

ދިވެހި ޒުވާން ޖީލެއް ހަލާކުގެ ތެރެއަށް ވެއްޓި ނެތިގެންދާތަން ބަލަން އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި، މިހާރަށްވުރެ ބޮޑަށް މިކަންކަން ބަލަން ޖެހެއެވެ. މިއީ ދެދުވަހު ދައްކާފައި ހުއްޓާލާ ވާހަކައަކަށް ނުހަދާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
67%
0%
0%
33%
0%
0%
ކޮމެންޓް
23 ޖޫން 2021 | ބުދަ 05:19
އަލީވަހީދު
ވަކި މަރެއްނޫން. ކޮންމެކަމަކަށްވެސް ދިވެހިންގެ ޒަމީރު ހޭލަނީ ހިނދުކޮޅަކަށް.
22 ޖޫން 2021 | އަންގާރަ 17:47
ނިކަމެތި
ގިނަވެގެން ހަފްތާ އެއްގެ ތެރޭގައި މެމްރީ ޑިލީޓް ވާ ކަނޑުމަސްކާ އަހަރެމެންދިވެހިންގެ ފެންވަރު.