ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 02:35
ޑެންމާކާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 4-1 ން
ޑެންމާކާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ޑެންމާކް ދެވަނަ ބުރަށް
 
ރަޝިއާ އަތުން ޑެންމާކް މޮޅުވީ 4-1 ގެ ނަތީޖާއަކުން
 
ފިންލެންޑް އަތުން ބެލްޖިއަމް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ކުޅުނު ފަހު މެޗުގައި ފަސޭހަކަމާއެކު ރަޝިއާ ބަލިކޮށް ދެވަނަ ބުރަށް ޑެންމާކް ދަތުރުކޮށްފިއެވެ.

ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ. ޔޫރޯގައި ކުޅުނު ފުރަތަމަ ދެ މެޗުން ޑެންމާކް ބަލިވި ނަމަވެސް، މި މޮޅާއެކު ޑެންމާކުން ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. މިއީ ޔޫރޯގެ ތާރީޚުގައި ފުރަތަމަ ދެ މެޗުން ބަލިވި ޓީމެއް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޑެންމާކުގެ ފަރާތުން ތަފާތު މޮޅު އެޓޭކިން ގޭމެއް ފެނުނުއިރު، މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކެލް ޑޭމްސްގާޑެވެ. މެޗުގެ ދެވަނަ ހާފުގައި ޑެންމާކުން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް ޕޯލްސެންއެވެ.

އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ރަޝިއާއިން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޓޭމް ޒޫބާއެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ޑެންމާކުން އިތުރު ލަނޑެއް ޖެހިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެނެޑާސް ކްރިސްޓިއަންސެންއެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި ޔޮއަކިމް މީލް ވަނީ ޑެންމާކުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޔޫރޯގެ ދެވަނަ ބުރަށް ޑެންމާކް ދަތުރުކުރިއިރު، މުބާރާތުގެ ދެވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ވޭލްސްއާއެވެ.

ފިންލެންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 2-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން މި ގްރޫޕްގައި ދެން ކުޅުނު މެޗުން ފިންލެންޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ބެލްޖިއަމް ވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފިންލެންޑުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް އެ ޓީމަކަށް ނުވިއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ބެލްޖިއަމުން އެޓީމުގެ އެޓޭކުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ބެލްޖިއަމުގެ އިތުބާރު ފޯވާޑް ރޮމޭލޫ ލުކާކޫ ލަނޑު ޖެހި ނަމަވެސް، ވީޑިއޯ އެސިސެސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ފިންލެންޑުގެ ގޯލްކީޕަރު ލޫކަސް ހްރަޑެކްސްކީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

މި ނަތީޖާއާއެކު ބެލްޖިއަމުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑެންމާކާއި ތިންވަނައިގައި އޮތް ފިންލެންޑް އަދި ފުލުގައި ރަޝިއާއަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް