ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 15:51
ވޭލްސް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ވޭލްސް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - އިޓަލީ އާއި ވޭލްސްގެ ކުރިމަތިލުން
 
އިޓަލީން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި
 
މެޗު އެއްވަރުކޮށްލައިގެންވެސް ވޭލްސް ދެވަނަ ބުރަށް ދާނެ

ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ވޭލްސް އާއި އިޓަލީ އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާއިރު، އިޓަލީން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި މެޗުން މޮޅުވެގެން ނުވަތަ މެޗު އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު ވޭލްސްއަށް އެބައޮތެވެ. މި މެޗު ކުޅޭނީ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ.

މި ގްރޫޕްގެ ޕޮއިންޓް ޓޭބަލަށް ބަލާލާއިރު އިޓަލީ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ސްވިޓްޒަލެންޑް އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ތުރުކީއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނެތެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީގެ ބަސް:

ވޭލްސް މެޗުގެ ކުރިން ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މި މެޗުގައި އިޓަލީގެ ފުރަތަމަ އެގާރައިން ކޮންމެސް ވަރެއްގެ ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށާއި، އެކަމަކު މެޗާ އިޓަލީން ކުރިމަތިލަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުވެސް ކާމިޔާބުކުރުމަށް ކަމަށެވެ. އަދި މި މެޗުގައި މީގެ ކުރިން ކުޅުނު ދެ މެޗާ ޚިލާފަށް ވޭލްސްއިން އެޓޭކިން ގޭމެއް ކުޅޭނެ ކަމަށާއި، އެހެންކަމުން ވޭލްސްގެ ހަލުވި ފޯވަޑުންނާ މެދު ވިސްނަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖުގެ ބަސް:

ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ ޔޫރޯގައި އޭނާގެ ޓީމުން މިހާތަނަށް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، ބޭނުންވަނީ އިޓަލީ ބަލިކޮށް ދެވަނަ ބުރަށް ދިޔުމަށް ކަމަށެވެ. އަދި އިޓަލީން ޔޫރޯގައި ކުޅުނު ދެ މެޗުގައި ތަފާތު ދެ ސްޓައިލަކަށް ކުޅުނުކަން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން މި މެޗުގައިވެސް އެ ޓީމު ކުޅޭނީ ތަފާތު ސްޓައިލަކަށް ކަމަށް ބެލެވޭ ކަމަށްވެސް ޕޭޖް ބުންޏެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އޭ ގެ އެނަލިސްޓް އިސްމާޢީލް ޒަރިޔަންދެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝަރީފް (ޑުންގާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިޓަލީ އާއި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް