ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 21:39
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް
ޕީޖީ އޮފީސް
ޢީސަގެ ގެވެށި އަނިޔާގެ މައްސަލަ
އަސްރާގެ ސިޓީ ފޮނުވީ ވަކީލުން ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން: ޕީޖީ އޮފީސް
 
އެއީ ކޮން ފަރާތަކުން ފޮނުވި ސިޓީއެއްކަން ޔަގީން ވާނީ އާދިއްތަ ދުވަހު
 
އެމައްސަލަ ނުބަލައި ދޫކޮށްލުމަށް އެދި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުން
 
ޢީސަގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
 
މައްސަލަ ނުބެލުމަށް އެދި އަސްރާ ދެފަހަރަކު ފުލުސް އޮފީހަށް ދިޔަ

ގެވެށި އަނިޔާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ނަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނީ ޢީސަގެ ވަކީލުންގެ ފަރާތުން ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް އެ އޮފީހުން ބުނެފިއެވެ.

އަސްރާ ޖަޒުބާތުގައި ޖެހި ހުށަހެޅި މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ނުބަލައި ދޫކޮށްލުމަށް އެދި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅީ ޢީސައާ ހިލޭ އަންހެނަކާ ގާތް ގުޅުމެއް އޮވެ އެކަމުގެ ތެރެއިން ދިޔަ ހަމަނުޖެހުމެއްގައި ކަމަށާއި، އަސްރާ ޖަޒުބާތުގައި ޖެހި ފުލުހުންނަށް ބަޔާން ދިނީ ކަމަށް ވެސް ސިޓީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެފަދަ ސިޓީއެއް ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށާއި، އެއީ އީސަގެ ވަކީލުންގެ ފަރާތުން ކަމަށް އެ އޮފީހުން މީގެ ކުރިން ބުނި ނަމަވެސް، ފަހުން އެ އޮފީހުން ބުނެފައިވަނީ އެއީ މައުލޫމާތުގެ ކުށެއް ކަމަށެވެ. އަދި އެއީ ކޮން ފަރާތަކުން ފޮނުވި ސިޓީއެއްކަން ޔަގީން ވާނީ އާދިއްތަ ދުވަހު ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން އަސްރާ ވިދާޅުވީ މައްސަލަ ނުބަލަން އެދި ދެފަހަރަކު ފުލުހަށް ދިޔަ ކަމަށެވެ. އެކަމަކު ޕީޖީއަށް އެފަދަ އެއްވެސް ސިޓީއެއް އަސްރާގެ ނަމުގައި ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އޮފީހުން ވެސް ގުޅައި ސުވާލުކޮށްފައިނުވާ ކަމަށާއި، ކޮށްފި ނަމަ އެކަމުގައި ޕީޖީއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޢީސަގެ މައްޗަށް ދައުވާ އުފުލާފައެވެ. އެގޮތުން ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ)ގެ 2ވަނަ ނަންބަރުގެ ދަށުން، ޢީސަގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލާގައި ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު އަސްރާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ، އެ ކުރެވުނު ތަޖުރިބާއަކީ އެކަމަކަށް ދުވަހަކު ވެސް އުއްމީދުކޮށްގެން ހުރި ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި ދަރިފުޅާއި އޭނާއަށް ވެސް މިއީ ވަރަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ.

މި މައްސަލަ ކުރިއަށް ނުގެންދިޔުމަށް އަސްރާ ފުލުސް އޮފީހުގައި އެދުމުން އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައަކީ ޖިނާއީ މައްސަލައަކަށްވާތީ، އަސްރާ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދުނު ނަމަވެސް، ތަހުގީގު ކުރިއަށްދާނެ ކަމަށެވެ. މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ފުލުހުންގެ ކިބައިން އެދުނީ ކީއްވެގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް