ކ. މާލެ
|
18 ޖޫން 2021 | ހުކުރު 13:16
ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން،
ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން،
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
އެންމެ ފަރުދަކު ވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ، އެކަމުގެ ސުންޕާ މުޅި މުޖުތަމައުއަށް ފޯރާނެ: ޚުތުބާ
 
މާތް ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، މުންކަރާތެއް
 
ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެއް
 
މުންކަރާތް ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ

މުޖްތަމައުގައި އެންމެ ފަރުދަކު ވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ، އޭގެ ނޭދެވޭ އަސަރު، މުޅި މުޖްތަމައުއަށް ފޯރާނެ ކަމަށާއި، އެ ސުންޕާ އަމަލުގެ ސަބަބުން ﷲގެ ރަހުމަތާއި، ބަރަކާތް ކެނޑޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނާ އުފެދުނީން ސުރެ، ޝައިތާނާ އަކީ އޭނާގެ ދުޝްމަނެއް ކަމަށާއި، ނުރައްކާތެރި ހަތުރެއް ކަމަށެވެ. ޝައިތާނާގެ ބޮޑާކަމާއި، ކިބުރުވެރިކަމުގެ ސަބަބުން، މާތް ﷲ ގެ ރަހުމަތުން އޭނާ ދުރުކުރެއްވުނު ދުވަހުން ފެށިގެން، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް ފަށާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ މި އުއްމަތުގެ ތެރެއިން ބަޔަކު، ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި، ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުން ދާއިރު، އެއުރެން ހެޔޮ މަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މާތް ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، މުންކަރާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ﷲ އަށް އުރެދުމަކީ މުންކަރާތެއް ކަމަށާއި، ދީނުގެ ޝިއާރުތަކަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމަކީ މުންކަރާތެއް ކަމަށެވެ. ޚުތުބާގައި ބުނީ އަމަން އަމާންކަން ނަގާލުމަކީ މުންކަރާތެއް ކަމަށާއި، ހައްގަކާނުލައި، މީހުންގެ މުދަލަށާއި، ފުރާނައަށާއި، އަބުރަށް އަރައިގަތުމަކީ ވެސް މުންކަރާތެއް ކަމަށެވެ. މީސްތަކުންގެ މެދުގައި މުންކަރާތްތައް އާންމުވެގެން ދިއުމުން ﷲ ތަޢާލާ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ފޮނުއްވަވައި، އެބައިމީހުންނަށް އިންޒާރު ކުރައްވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "ހަމަ "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޛާރު ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި ޢަޛާބު އައުމުގެ ކުރިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެން ހުރި އިންޛާރުކުރާ މީހަކީމެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އަދި ތިޔަ ބައިމީހުން، އެކަލާނގެއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަ ބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!"
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ، އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެއް ކަމަށާއި، ﷲ ގެ ކޯފާ ހައްގުވާ ކަމެއް ކަމަށެވެ. ޚުތުބާގައި ބުނީ މި މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމުގެ ސަބަބުން ބައެއް އުއްމަތްތަކަށް ﷲ، ލައުނަތް ލައްވައި، ހަލާކުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ބަނީއިސްރާއީލުބާގައިގެ މީހުން ކުރެ، ކާފިރުވީ ބަޔަކު ފާހަގަކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މުންކަރާތް ނަހީކޮށް، ނުބައި ކަންކަން ހުއްޓުވުމަކީ، ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަމަށާއި، ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތްކުރުމުގެ އިތުރަށް، ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް މުސްލިމް ދައުލަތެއްގެ ވާޖިބެއް ކަމަށެވެ.

މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކު ވެސް އެ މީހެއްގެ ޒިންމާ ދެނެގަންނަން ޖެހޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ވާޖިބު އަދާކުރަން ޖެހޭނެ ކަމަށާއި، ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި، އިޚްތިޔާރުގެ ތެރެއިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އެމީހެއްގެ އަތުން އެކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ، ދުލުން އެކަން މަނާކުރާށެވެ! ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ ހިތުން އެކަމަށް އިންކާރުކުރާށެވެ! އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ." އިސްވެދިޔަ ޙަދީޘްގައި ބަޔާންކުރެވިފައިވާ، ތިން ޙާލަތުން ކުރެ ފުރަތަމަ ޙާލަތަކީ، އަތުން މަނާކުރުމުގެ ޙާލަތެވެ. ބާރާއި އިޚްތިޔާރު އޮންނަ ފަރާތްތަކަށް، މުންކަރާތް މަނާކުރުމުގައި ބާރުގެ ބޭނުން ކުރެވޭނެއެވެ. ގޭތެރޭގައި ހިނގާ ވިޔާނުދާ ޢަމަލުތައް، ގޭގެ ވެރިފަރާތަށް ހުއްޓުވޭނެއެވެ. ޤައުމުގައި ހިނގާ މުންކަރާތްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެއެވެ. ދެވަނަ ޙާލަތަކީ ދުލުން މަނާކުރުމުގެ ޙާލަތެވެ. އަތުންމަނާ ކުރުމުގެ ބާރާއި އިޚްތިޔާރު ނެތް ފަރާތްތައް، މުންކަރާތާ ދެކޮޅަށް ވާހަކަދައްކަން ޖެހެއެވެ. ނަސޭޙަތްތެރިވާން ޖެހެއެވެ. ތިންވަނަ ޙާލަތަކީ، އެންމެ ނިކަމެތި ޙާލަތެވެ. އެއީ އަތުންނާއި ދުލުން މުންކަރާތް މަނާކުރެވެން ނެތް ޙާލަތެވެ. މި ޙާލަތުގައި ހިތުން އެކަމާ ދެކޮޅުހަދަން ޖެހެއެވެ. މި ޙާލަތަކީ ހުރިހާ މުސްލިމުންނަށް ވެސް ބައިވެރިވެވޭނެ ޙާލަތެކެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މުޖްތަމައުގައި ހިނގަމުންދާ ނުބައިކަންކަން ހުއްޓުވުމަކީ މާފަސޭހަކަމެއް ނޫން ކަމަށާއި، ގިނަ ފަހަރަށް އެފަދަ ކަންކަން ރާވައި ހިންގާފަރާތްތަކަކީ، ނުފޫޒު ގަދަ ބަޔަކު ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް އެއީ މިކަން ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މި ކަމަކީ މި އުއްމަތުގެ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށާއި، މިކަން ކުރާ މީހާގެ ކިބައިގައި، ކެތްތެރިކަމާއި، އިހްލާސްތެރިކަން ހުންނަން ޖެހޭ ކަމަށެވެ. އަދި ކަމެއް މަނާ ކުރުމުގައި އަބަދުވެސް އެންމެ އެކަށީގެންވާ އުސޫލު ގެންގުޅެން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ވިޔާނުދާ އަމަލުތައް ކުރާ ބައެއް މީހުން ހީކުރާ ގޮތުގައި، އެ ކަންކަމަކީ އެހެން މީހަކާ ބެހޭ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އަޒާބު ލިބެންޏާ ވެސް ލިބޭނީ އޭނާއަށް ކަމަށާއި، އެހެން މީހުން އެކަންކަމާ ދެކޮޅު ހެދުމަކީ، އޭނާގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ހީކުރެވޭ ކަމަށެވެ. މިއީ ވަރަށް ބޮޑު ކުށްހީއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުޖްތަމައުގައި އެންމެ ފަރުދަކު ވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ، އޭގެ ނޭދެވޭ އަސަރު، މުޅި މުޖްތަމަޢަށް ފޯރާނެ ކަމަށާއި، އެ ސުންޕާ އަމަލުގެ ސަބަބުން ﷲގެ ރަހުމަތާއި، ބަރަކާތް ކެނޑޭނެ ކަމަށެވެ. އަދި އާންމުވެގެންވާ ކޯފާއެއް އަންނައިރު އެއްވެސް މީހަކު ސަލާމަތެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އެންމެ ބޮޑުފާފަ ކަމުގައިވާ ޝިރުކުން ފެށިގެން، ކުދި ފާފަތަކުންނާއި، ހުރިހާ މުންކަރާތްތަކަކުން އެއްކިބާވާން ޖެހޭ ކަމަށެވެ. ތިމާގެ ފަރާތުން އަނެކާއަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ކުރިމަތިވެދާނެ ކޮންމެ ކަމަކުން ދުރުވުމަށް ވެސް ޚުތުބާގައި ގޮވާލާފައިވެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި، ހަޑިހުތުރު ބަހުން މީސްމީހުންނަށް އެއްޗެތި ގޮވުމާއި، އިންޒާރު ދިނުމާއި، ނޫސްމަޖައްލާ ތަކުގައި، މީސްމީހުންގެ އަބުރު ކަތިލައި، ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި، މަގުމަތީގެ ހުރުމަތް ކަނޑައި، ގަވާއިދާ ޚިލާފަށް ވެހިކަލު ދުއްވުމާއި، މީހުންނަށް ދަތިވާ ގޮތަށް ޕާކުކުރުން ފަދަ އެންމެހާ ކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
ފުރިހަމަ މުއުމިނަކު ދުވަހަކުވެސް އަޅުކަންކުރުމަށް އަލްވަދާއު ނުކިޔާނެ - ހުކުރު ހުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"
ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން: ޚުތުބާ