ފާއިތުވި 24 ގަޑިއިރު ފުވައްމުލައް ސިޓީން އިތުރު 11 މީހަކު ޕޮޒިޓިވްވެ، 19 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ބުދަ ދުވަހުގެ ހަވީރު 5:00ން ބުރާސްފަތި ދުވަހުގެ ހަވީރު 5:00ށް ނެގުނު 103 ސާމްޕަލްގެ ތެރެއިން 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި 72 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. ފާއިތުވި 24 ގަޑިއިރު 11 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއީ 10 ދިވެހިންނާއި އެއް ބިދޭސީއެކެވެ. މިކޭސްތަކާ ގުޅިގެން 16 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
122 އެކްޓިވް ކޭސް ހިމެނޭއިރު، އެއީ 97 ދިވެހިންނާއި 25 ބިދޭސީން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު 19 މީހުންނާއެކު ބަލި ރަނގަޅުވި މީހުންގެ އަދަދު 590ށް ވަނީ އަރާފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެކަމުގައި ވަނީނަމަ ލަސްނުކޮށް ސާމްޕަލް ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 14،684 ސާމްޕަލެއް ނަގާފައިވެއެވެ. އަދި ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 247 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، 602 ގެއެއް މޮނިޓަރިންނަށް ލާފައިވާ ކަމަށް ތަފާސް ހިސާބުތަކަށް ދައްކައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ވެކްސިން ޖެހުމުގެ މުހިންމުކަމާއި، ވެކްސިންއަށް އާއްމުން ހޭލުންތެރިވުމުގެ ގޮތުން ގިނަ މަސައްކަތްތަކަށް ހޮސްޕިޓަލުން ކުރަމުންދެއެވެ. އެގޮތުން މިހާތަނަށް 5845 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ. އަދި 3200 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.
ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރިކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ. ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00ން ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.
ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.