ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ބ.އޭދަފުށީގައި އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތު އިތުރުކޮށްފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، މިހާރު އިއުލާނު ކުރެވިފައިވާ ކާފިއު ގަޑިއަށް ބަދަލު ގެނައުމަށް ކައުންސިލްގެ ފަރާތުން އެދިފައިވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކާފިއުގެ ވަގުތު އިތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އެގޮތުން ހަވީރު 04:00ން ފަތިހު 04:00ށް ކާފިއުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ޖޫން 18ވާ ހުކުރު ދުވަހުން ފެށިގެން ކާފިއުގެ ވަގުތު އިތުރުކޮށްފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން މޮނީޓަރިންގއަށް ލާ ކޮންމެ ރަށެއްގައި ކާފިއު ހިންގުމަށް އެޗްޕީއޭއިން ނިންމާފައިވެއެވެ. އެއީ ރޭގަނޑު 9:00ން ފަތިހު 4:00ށެވެ.
ކޮވިޑް-19ގެ ކޭހެއް ފެނުމާ ގުޅިގެން އޭދަފުށި މޮނީޓަރިންގއަށް ލާފައި ވަނީ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ. އެގޮތުން މިހާތަނަށް 308 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. 21 އެކްޓިވް ހިމެނޭއިރު، 285 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި އެކަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް މިބަލީގައި ތިން މީހަކު ބަލީގައި ނިޔާވެފައިވެއެވެ.