ޔޫރޯ 2020 ގައި ގްރޫޕް އޭ ގައި ކުޅުނު ދެވަނަ މެޗުގައި ސްވިޓްޒަލެންޑް ބަލިކޮށް ދެވަނަ ބުރަށް އިޓަލީ ދަތުރުކޮށްފިއެވެ.
ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އިޓަލީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން އިޓަލީން ސްވިޓްޒަލެންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު މެޗުގެ 10 ވަނަ މިނެޓުގައި އިޓަލީގެ އިތުބާރު ފޯވާޑް ޗީރޯ އިމޮބިލޭއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިއާ ތެރޭން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައި އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން ކިއެލީނީ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. ޑޮމެނިކޯ ބެރާޑީގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަނުއެލް ލަކޮޓެއްލީއެވެ.
އަދި މެޗުގެ ދެވަނަ ހާފުގައި އިޓަލީން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 52 ވަނަ މިނެޓުގައި އިޓަލީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަކޮޓެއްލީއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އިމޮބިލޭ ވަނީ އިޓަލީގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މި ނަތީޖާއާއެކު ދެވަނަ ބުރުން އިޓަލީ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސްވިޓްޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ތުރުކީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.