ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކުރި ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައްޔިތުން ބޯ ހިޔާ ކޮށްލަން ވަންނާނެ ގެދޮރު ހޯދައި ދިނުމަށް މޮޅެތި ނަންނަމުގައި އެކި މަޝްރޫއުތަށް އެކި ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ވެށިފަހި މާލެ ޕްރޮގްރާމެވެ. ނުވަތަ ޓާޓާ ފްލެޓޭ މިކިޔޭ ފްލެޓްތަކެވެ. އަދި ކުރީގެ ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތަށް ނަންދެވިގެން ދިޔައީ ހިޔާ މަޝްރޫއުގެ ނަމުންނެވެ.
ކޮންމެ އަކަސް ހިޔާ ފްލެޓްގެ ނަމުގައި އަވަސް އަރުވާލައިގެން ޔާމީންގެ ސަރުކާރުން ފްލެޓްތަކެއް ހަދައިފިއެވެ. ކުލަކުލައިގެ އުސް ޓަވަރުތައް އުފުލިގެން ދިޔުމާއެކު ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައި ތިބި ރައްޔިތުންގެ އުންމީދުތައްވެސް އެގޮތުގައި އުފުލިގެންގެ ދިޔައެވެ. މިހާރު އިދިކޮޅުގައި އޮތް ޕީޕިއެމްގެ ސަރުކާރުގެ ތަރައްގީގެ ފަސް މަންޒަރުގެ ގޮތުގައި، ރައީސް ޔާމީންގެ ބޮޑު ފޮޓޯގެ ފަހަތުގައި ވެސް މި ދެންނެވި ކުލަ ޓަވަރުތައް އެ ޕާޓީން ގެންދަނީ ބޭނުން ކުރަމުންނެވެ. ބަލައިލަން ޗާލު ނަމަވެސް އެތެރެހުރީ " ކޮތަރުކޮށި" ތަކެއް ހެނެވެ. ކޮންމެއަކަސް އެވާހަކަ ބާއްވަމާ ހިނގާށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫންތާއެވެ.
ހިޔާ ފްލެޓާއި ބެހޭގޮތުން ވާހަކަ ދައްކާއިރު މިހާރު އެންމެ ހޫނު މައުލޫއަކީ އެ ފްލެޓްތަކުގެ އަގެވެ. ފްލެޓް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ 7500 ކަމަށް މިސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެކަމަކު މި އަގަކީ "ސިއްސައިގެން" ދާހާ ބޮޑު އަގެއް ކަމަށް ނިމިދިޔަ ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންނެވެ. އަޑަށް ބާރު ލާފައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަނީ 5600 ރުފިޔާއަށް ފްލެޓްތައް ދެވެން ޖެހޭނެ ކަމަށެވެ. އެއީ މާ ވަރުގަދަ ތަޖުރިބާކާރުންތަކަކާ މަޝްވަރާކުރުމަށްފަހު ޖެއްސެވި ހިސާބެއް ކަމަށް މުއިއްޒު ވިދާޅުވެއެވެ. އެހެން މުއިއްޒު ވިދާޅުވުމާ އެކު ޓާޓާ ފްލެޓްތަކުގެ މަތިން ހަނދާން ނެތުނީތޯ ބައެއް ރައްޔިތުން މިހާރު އަންނަނީ ސުވާލު ކުރަމުންނެވެ.
ޓާޓާ ފްލެޓް ލިބުނު މީހުންގެ ދިގު އިންތިޒާރަށް ޕީޕީއެމްގެ ވެރިކަމުގައި ހަދާލި ގޮތް މިހާ އަވަހަށް ހަނދާން ނެތުނީ ތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ. ޓާޓާ ފްލެޓްތަކުގެ އިމާރާތްކުރި ފައިސާ ހަމަޖެއްސުމަށް ރައްޔިތުންނަށް ޖެހުނީ އެމީހުންގެ ފްލެޓްތަކަށް އެއްފަހަރާ ބޮޑު އަގު ދައްކާށެވެ. އެކަމަކު "ރައްޔިތުންނަށް ލުއި ފަސޭހަ ކޮށް ދިނުމުގެ" ގޮތުން ދެ ފުރުސަތެއް އެ ސަރުކާރުން ފަހިކޮށްދިނެވެ. އޭގެ ތެރެއިން އެއް މަގަކީ ދިގު އިންތިޒާރަކަށް ފަހު، އަމިއްލަ ދެރަ ނިކަމެތިކަން ގަބޫލުކޮށް ކުރުމަށްފަހު ފްލެޓް ދޫކޮށްލުމެވެ. ދެވަނަ މަގަކީ މީހާ ސަލާމަތް ނުވާވަރުގެ އިންޓަރެސްޓް ބޮޑު ލޯނެއް ނެގުމަށްފަހު ފައިސާ ދެއްކުމެވެ.
ބޮޑު އިންޓަރެސްޓްގައި ލޯނު ނެގި މީހުންގެ ލޯން ވިހި އަހަރު ދުވަހުން ޚަލާސްކޮށް ނިމޭއިރު އެ ފެންވަރުގެ ދެ ފްލެޓް ގަންނަހާ ފައިސާ އެމީހުންގެ އަތުން ޚަރަދުވެއެވެ. އެ ރައްޔިތުން ގެންދަނީ ލޯންގެ ގޮތުގައި މަހަކު 17،000 ރުފިޔާ ދައްކަމުންނެވެ. އޭގެ ފަހުން އެއަށްވުރެ ކުޑަ އިންޓަރެސްޓެއްގައި ވެސް ލޯން ނެގި މީހުން އެބައުޅެއެވެ. އެފަދަ ގޮތެއްވެސް ހަމަނުޖެހުނު މީހުންގެ އަތުން ސަރުކާރުން ފްލެޓް އަތުލީއެވެ. ފްލެޓްތައް ދިނީ ފަސްއަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ދެއްކޭނެ ފެންވަރުގެ މީހުންނަށެވެ. މިއީ މަޝްރޫއު އެމްޑީޕީގެ ވެރިކަމުގައި ހަވާލު ކުރި އިރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
އެއްބައެއްގެ އަތުން ފްލެޓް އަތުލި އިރު، ބޮޑު ލޯނާއެކު ފްލެޓްތަކަށް ވަން މީހުންނަށް ވެސް ހިތްހަމަޖެހުމެއް ނެތެވެ. ދޮރުފަތްތަކުގައި ޖަހާފައި ހުރި ބިއްލޫރި ކޮޅުވެސް ވަޔާފޭބިއެއެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ފީއެއް ދައްކައިގެން އުޅޭ އިރު ވެސް، ވިއްސާރަ މޫސުމެއްނަމަ ޖެހެނީ ފާރުތަކުގައި ފޮތި އޮޅާށެވެ. ބޯހިޔާކޮށްލުމަށް ދަރާވިކިގެން ހޯދި ފްލެޓުން ރައްޔިތުންނަށް ހަގީގީ ހިޔާވަހި ކަމެއް ނުލިބުނެވެ. ހިޔާ ފްލެޓްގެ ވާހަކަ ދައްކާއިރު, ޓާޓާ ފްލެޓްތަކުގެ ހިސާބު ކުރީ ސަރުކާރުން ހެދިގޮތުގެ ހިތި ރައްޔިތުންގެ ކަރުބުޑުން ފިލާނެ ޒަމާނެއް ވެސް ނޭނގެއެވެ.