ކ. މާލެ
|
16 ޖޫން 2021 | ބުދަ 19:46
ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު
ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު
ރާއްޖެއެމްވީ
ސަރުކާރުން ކޮރަޕްޝަން ހުއްޓުވުން
ފެނަކަ އެމްޑީ މަޤާމުން ދުރުކުރާކަށް ނޫޅޭ- ރައީސް އޮފީސް
މިކަމުގައި ރައީސް ފިޔަވަޅެއް އަޅުއްވަން އަދި ނިންމަވާފައެއް ނެތް- ރައީސް އޮފީހުގެ ތަރުޖަމާނު
ސަޢީދު ވަނީ ތުހުމަތުތައް ދޮގުކުރައްވައި، މިފަދަ ޙަޤީޤަތާ ޚިލާފު ޚަބަރު ނުފެތުރުމަށް އެދިވަޑައިގެންފައި
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އިޤުރާރެއްގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ބަޔަކީ ފެނަކަގެ މުއައްޒަފުން
2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުންފުންޏަށް ފައިދާވެ، ބައިނަލްއަޤްވާމީ އެވޯޑްތައް މި ދެ އަހަރު ކުންފުންޏަށް ވަނީ ލިބިފައި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު މަޤާމުން ދުރުކުރަން އުޅޭކަމަށް ދައްކާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުންދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެމަނިކުފާނު މަޤާމުން ދުރުކުރައްވަން އުޅޭކަމަށް ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ރާއްޖެ އެމްވީއިން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒަށް ގުޅާލުމުން އެމަނިކުފާނުވަނީ އާންމުވެފައިވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް އައިރު، ރައީސް އެއްވެސް ފިޔަވަޅެއް އަޅުއްވަން ނިންމާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެން ކުރެއްވި ޓުވީޓެއްގައި ސަޢީދު ވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއްނުވާނެކަމަށާއި، އަބުރު ކަތިލަން ދައްކާ ވާހަކަ ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގައިގެން އޭނާ ވަޒީފާއަކުން ވަކިކުރަން ނުޖެހޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ފަދަ ގޮތަކަށް ޚަބަރު ފަތުރަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ނޫންކަން ފާހަގަކުރައްވައި، އަބުރު ކަތިލުމުގެ މަޤުޞަދުގައި ފަތުރާ ޙަޤީޤަތާއި ޚިލާފު މިފަދަ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިއީ ފެނަކަގެ އެމްޑީއަށް މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ފެނަކަގެ ބައެއް މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރުންނަށް މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ މީޑިއާއެއްގައި މިއަހަރުގެ ޖަނަވަރީމަހު ޚަބަރެއް އާންމުކޮށްފައެވެ. ފެނަކައިން އޭރުވެސް ވަނީ އެކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށްވެސް ލިބިދޭންޖެހޭ ފައިސާ އެ އެއްބަސްވުމެއްގެ ރޫޙާ އެއްގޮތްވާގޮތުން، ނުދީ ނޯންނާނެކަމަށް ބުނެފައެވެ.

ސަރުކާރުގެ "ޒީރޯ-ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތަށް އެއްބާރުލުންދީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އިޤުރާރެއްގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ބަޔަކީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނެވެ. 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ސޮއިކުރި އިޤުރާރުގައި ސޮއިކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކޮރަޕްޝަނާ ގުޅުންހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތަށް ފެނަކައިން ފުރިހަމައަށް ތާޢީދުކޮށް، އެކަމަށް އެކުންފުނިން އެއްބާރުލުން ދޭނެކަމަށެވެ. އަދި މި ޤަރާރަކީ ރަމްޒީކަމެއްގެ ގޮތުގައި ނުދެކި ޢަމަލީގޮތުން އެކަން ދެއްކުމަށް ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް ސަޢީދު މުޙައްމަދުވަނީ އިލްތިމާސްކުރައްވާފައެވެ..

ފެނަކަގެ މުވައްޒަފުން ސޮއިކުރި އިޤުރާރު އެކުލަވާލާފައިވަނީ މައިގަނޑު 7 ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާދެކޮޅަށް އެކަންކަމާމެދު ހޭލުންތެރިކުރުވައި އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް ފިޔަވަޅުއެޅުމާއި، މަޤާމުގެ މަސްއޫލިއްޔަތުތައް ނަޒާހަތްތެރިކަމާއެކު ކުރުންފަދަ ކަންކަން ހިމެނެއެވެ. މި އިޤުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ގޮފިތަކަކުން ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ސަޢީދުގެ ލީޑަޝިޕްގެ ދަށުން ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އުފެދުނު ފަހުން، މިހާތަނަށްވެސް ގެއްލުމުގައި ހިންގަމުންއައި ފެނަކަ ކޯޕަރޭޝަނަށް، ފުރަތަމަ ފަހަރަށް ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ފެނަކައިން ވަނީ ހާސިލުކޮށްފައެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކުންފުންޏަށް 2019 އަހަރު އާމްދަނީގެ ގޮތުގައި، 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޚަރަދު ކެނޑުމަށްފަހު ތިރީސް ފަސް މިލިއަން ނުވަ ލައްކަ ސާދަ ހާސް ހަ ސަތޭކަ ސާޅީސް ތިން ރުފިޔާ، ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ ލިބިފައެވެ.

އޭގެ ކުރީން 2018ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، 143 މިލިއަން ރުފިޔާގެ ގެއްލުންވެފައި ވެއެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ކުންފުނީގެ ލާމަސީލު މަސައްކަތާއެކު ބައިނަލްއަޤްވާމީ އެވޯޑްތައްވެސް ހާސިލުކޮށްފައެވެ.

- ކޮމެންޓް