ހިޔާ މަޝްރޫޢުގެ ފްލެޓުތަކުގެ އެގްރީމަންޓުގައި އެޗްޑީސީއާއި، ފްލެޓު ލިބޭ މީހުންނާއި އެކު އެގްރީމެންޓުގައި ސޮއިކުރުން އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާއި ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުން މި އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ފްލެޓުތަކަށް ވަނުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެގޮތުން އެތަނަށް ކަރަންޓު ދިނުމާއި ތަޅުދަނޑި ހަވާލުކުރުމާއި މި ހުރިހާ ކަމެއް ވެސް އަދި ބާކީ އޮތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތައް ކުރަން ޖެހޭނީ ވެރިފަރާތުން އަމިއްލައަށެވެ. އެގޮތުން ފްލެޓުތައް ދޭ އިރު ހުންނާނީ ހަތަރު ފާރު އެކަންޏެވެ. ދޮރުތައް ހަރުކުރުމާއި، ލައިޓު ހަރުކުރުމާއި ޓައިލްސް ޖެހުން ފަދަ ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހޭނީ އަމިއްލައަށެވެ. އެހެންވެ ފްލެޓަށް ވަންނަތާ ފުރަތަމަ ތިން މަސް ދުވަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ފްލެޓު ލިބިގެން ތިން މަސް ކަމަށް ގުނާނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ނޫން ކަމަށާއި، ތިން މަސް ގުނާނީ އެތަނުގައި ދިރިއުޅެން ފަށަން ނިންމަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމައި، އެތަނަށް ވަންނަ ދުވަހުން ފެށިގެން ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން އޭޕްރީލް މަހުން ފަށައިގެން ފްލެޓުގެ ގުރުއަތުލުން ކުރިއަށްދާއިރު، ފްލެޓުގެ ތަޅުދަނޑި ދޫކުރުން ލަސްވަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ، 8،500 ރުފިޔާއެެވެ.
ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެއެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމުތައް ވެސް ހަމަޖައްސައިދޭނެއެވެ.