ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ކުރިމަތިލުންތަކުގެ ތެރެއިން ތުރުކީ އާއި ވޭލްސް ބައްދަލުކުރާ މެޗަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ސްވިޓްޒަލެންޑާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން ވޭލްސް އެއްވަރުވިއިރު، ތުރުކީ ވަނީ އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިޔުމަށް މި މެޗުން މޮޅުވުން ދެ ޓީމަށްވެސް މުހިންމެވެ.
ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖުގެ ބަސް:
ތުރުކީ މެޗުގެ ކުރިން ވާހަކަދައްކަމުން ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ މި މެޗަކީ ވޭލްސްއަށް މުހިންމު މެޗެއް ކަމަށާއި، އެގޮތުން މުބާރާތުގައި އިތުރަށް ކުރިއަށްދިޔުމަށް ތިން ޕޮއިންޓް ހޯދުން މަޖުބޫރު ކަމަށެވެ. އަދި މިދިޔަ މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ތަކުރާރު ނުވާނެ ކަމަށާއި، އަދި މި މެޗުގައި އެޓޭކިން ގޭމެއް ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ޕޭޖް ބުންޏެވެ. ޕޭޖް ބުނީ މި މެޗުގެ ޕްރެޝަރު ވޭލްސްއަށްވެސް އެބައޮތް ކަމަށާއި، އެކަމަކު އެ ޕްރެޝަރު ތުރުކީއަށް މާ ބޮޑުވާނެ ކަމަށެވެ.
ތުރުކީގެ ކޯޗު ސެނުލް ގަނޭސްގެ ބަސް:
ތުރުކީގެ ކޯޗު ސެނުލް ގަނޭސް ބުނީ މި މެޗަށް ނުކުންނައިރު، ވޭލްސްގެ ކުޅުން ވަރަށް ރަނގަޅަށް ބެލިއްޖެ ކަމަށާއި، ވޭލްސްއަކީ ޑިފެންސިވްކޮށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ކައުންޓަ އެޓޭކުތަކުގައި ވޭލްސްގައި ތިބި ހަލުވި ކުޅުންތެރިންގެ ބޭނުން އެ ޓީމުން ވަރަށް ރަނގަޅަށް ހިފާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން މި މެޗަށް ނުކުންނަނީ އެކަންކަމަށް ތައްޔާރުވެ، ތިން ޕޮއިންޓް ހޯދުމަށް ކަމަށްވެސް ގަނޭސް ވަނީ ބުނެފައެވެ.
މި މެޗު ބަލާނީ ކިހިނެއް:
ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.
މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އޭ ގެ އެނަލިސްޓް އިސްމާޢީލް ޒަރިޔަންދެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޒަރީރް (ޒައްރަ) ބައިވެރިވެވަޑައިގަންނަވާނެއެވެ.
ތުރުކީ އާއި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 21:00 ގައެވެ.