މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި، އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމަށް ބަދަލު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
ބުދ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކޮށްފައިވާއިރު ކޮމިޓީ ރިޕޯޓުގައި ބުނީ ކޮމިޓީން މިކަން ނިންމާފައިވަނީ 25 މެއި 2021 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި އެ މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމަށް 5 މެއި 2021 ވަނަ ދުވަހު ބަދަލު ކުރައްވާފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލު ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ އުވާލެއްވުމާ ގުޅިގެން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާ ބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޮލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކުރައްވަމުން ގެންދަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.
މީގެ އިތުރުން މި ސިޓީގައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރގެ ދަށުން ހިންގަމުން ގެންދާ ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އެ މިނިސްޓްރީގެ ދަށުން ވަކިކޮށް، ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި 5 މެއި 2021 ވަނަ ދުވަހު ހަމަޖެއްސެވުމާ ގުޅިގެން އެ ދެ މިނިސްޓްރީއަށް ގެނައި ބަދަލުތައް ފާސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގައި ފަރުވާގެ ނިޒާމު އެހާ ރަނގަޅަށް ހިނގަމުން ނާންނަ ކަމުގެ ޝަކުވާ ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. މިއާއެކު އެތަން ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރު ފެއްޓެވިއެވެ. މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ.