ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ހަމައެކަނި ކުޑަކުއްޖާ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓު ފައިނަލައިޒް ކުރެވިފައި ވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ޖޫން މަހުގެ 2 ވަނަ ދުވަހު އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވަނީ މިޝްކާގެ މަރުގެ ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު ހަފްތާއެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަފްސީލީ ރިޕޯޓާ ބެހޭގޮތުން ނަޒްލާ ވިދާޅުވީ، އެންމެ ފުރަތަމަ ނެރުނު ރިޕޯޓަށްފަހު، ހެލްތު މިނިސްޓްރީގެ ކޮލިޓީ ޑިޕާޓްމަންޓުން ޓީމެއް ނަގައިގެން އެ ކޭސް ބެލުމުގެ މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި ވަރަށް ގިނަ މަސައްކަތަށް ފަހު މިހާރު ރިޕޯޓު ފައިނަލައިޒްކުރެވިފައި ވާކަމަށް ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ފައިނަލް ރިޕޯޓުގައި ހުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ބަލަންޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް ކަމަށެވެ.
ތަފްސީލީ ތަހުގީގެއް ކުރުމަށް، މަޖިލީހުގައި ހެލްތު މިނިސްޓަރު ހަފްތާއަކަށް އެދިވަޑައިގެންނެވުމުން މިޝްކާގެ އާއިލާއިން ވަނީ ހަފްތާއެއް ވާން ބާކީ އޮތް ދުވަސްތައް ގުނާފައެވެ. އެގޮތުން މިނިސްޓަރުގެ އެދިވަޑައިގެންނެވުމަށް ހަފްތާއެއް ވުމާއެކު މިޝްކާގެ އާއިލާއިން ވަނީ، މަޖިލީހުގެ ކޮމެޓީން، އެޗްއާރްސީއެމް އަދި ހެލްތު މިނިސްޓަރާ ސުވާލު ކުރާނެ ދުވަހާކާ ބެހޭގޮތުން ސުވާލު އުފައްދާފައެވެ. އަދި އެ ކަމުގައި އިހުމާލުވީ މީހުންނާއި ހަގީގަތް އެނގެން ބޭނުން ވާކަމަށް އާއިލާއިން ބުނެފައި ވެއެވެ.
މިނިސްޓަރު ދެއްވާފައިވާ މުހުލަތަށްވުރެ މަސައްކަތް ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށް ވެސް ހިއްސާކުރުން އިތުރަށް ލަސް ނުކުރާނެކަމަށް އާއިލާއިން މީގެ ކުރިން ބުނެފައިވެއެވެ.