ކ. މާލެ
|
16 ޖޫން 2021 | ބުދަ 02:20
ފްރާންސާއިން ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 1-0 ން
ފްރާންސާއިން ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ފްރާންސްއިން ޖަރުމަން ބަލިކޮށްފި
މެޗުގައި ދެ ޓީމަށްވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައި
ޖަރުމަން އަތުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގްރޫޕް އެފް ގެ ދެވަނަ މެޗުގައި ޖަރުމަން އަތުން ފްރާންސް މޮޅުވެއްޖެއެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 16 ވަނަ މިނެޓުގައި ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާއެވެ.

މި މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ޖަރުމަނުގެ މެޓްސް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މި ލަނޑާއެކު ޖަރުމަނުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ޖަރުމަނުގެ އިތުބާރު ފޯވާޑް ތޯމަސް މުލާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި އިލްކާއި ގުންޑޮގާނަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނުއިރު، އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ފްރާންސްގެ އެޑްރިއަން ރަބިއޯއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ އެއް މިނެޓު ފަހުން ޖަރުމަނުގެ ސާޖް ގްނާބްރީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އަދި މި ހާފުގައި ފްރާންސްގެ އެމްބާޕޭ އާއި ކަރީމް ބެންޒެމާ ލަނޑުތަކެއް ޖެހި ނަމަވެސް، އެ ލަނޑުތަކަކީ އޮފްސައިޑް ލަނޑުތަކެއް ކަމަށް ވަނީ ނިންމާފައެވެ.

މި މެޗުން ފްރާންސް މޮޅުވިއިރު، މި ގްރޫޕްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލުން ވަނީ ފަހު ވަގުތު ތިން ލަނޑު ޖަހައި ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

- ކޮމެންޓް