ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔަކަށް ކާމިޔާބު ސިޔާސީ ލީޑަރަކަށް ވެވިދާނެބާވައެވެ. މި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެވޭނެ އެކަކީ ޔުކްރޭނުގެ ކޯޗު އަންދްރޭ ޝެވަޗެންކޯއެވެ. އޭނާއަކީ ވަރަށް ކާމިޔާބު ކުޅުންތެރިއެކެވެ. އެވަރުގެ ކާމިޔާބު ދެވަނަ ކުޅުންތެރިއަކު ޔުކްރޭނުގައި ނުވެސް އުފެދެއެވެ. އެ މަޝްހޫރުކަމާއި މަގްބޫލުކަމުގެ އެހީގައި ކާމިޔާބު ސިޔާސީ ލީޑަރަކަށް ވުމަށް ޝެވަޗެންކޯ ވަރަށް ބޮޑަށް އުއްމީދު ކުރިއެވެ. އެކަމަކު އެކަމެއް ނުވިއެވެ. ރައްޔިތުންގެ ނިންމުން ވަރަށް ސާފެވެ. ރައްޔިތުން ބުނީ ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދާށޭއެވެ. ސިޔާސީ ދާއިރާ އިހަށް ބާއްވާށޭ އެވެ. އެހެން ބުނެ ހުކުމް އިއްވީމާ ޝެވަޗެންކޯ އަލުން ފުޓްބޯޅައިގެ ދާއިރާއަށް އެނބުރި އައީއެވެ. އެއީ 2016 ވަނަ އަހަރުން ފެށިގެން ޔުކްރޭނުގެ ގައުމީ ޓީމުގެ ކޯޗެވެ.
ސިޔާސީ ދާއިރާގައި ކުރިއަށްދާން ޝެވަޗެންކޯ ކުރި އުއްމީދު ހަގީގަތަކަށް ނުވިޔަސް އޭނާގެ ހިތް އަދިވެސް އޮތީ ސިޔާސީ ދާއިރާގައި ކަމަށް ބުނެވެއެވެ. ކުރީގައި ސިޔާސީ ހެއްވާ ޕްރޮގްރާމުތައް ޓީވީގައި ހުށައަޅައިދިން ވަރަށް އާދައިގެ ޕްރެޒެންޓަރަކު ޔުކްރޭނުގެ ރައީސްކަމަށް އެގައުމުގެ ރައްޔިތުން އިންތިޚާބު ކުރީމާ ކުރިއަށްވުރެވެސް ބޮޑަށް ސިޔާސީ ދާއިރާއަށް އެނބުރި އައުމުގެ ޝައުގު އޭނާގެ ކިބައިގައި ބޮޑުވި ކަމަށް ރަހުމްތަތެރިން ބުނެއެވެ. އެކަމަކު އަދި އެހެރީ ޔުކްރޭނުގެ ކޯޗުގެ މަގާމުގައެވެ. ފަހަރުގައި މި ޔޫރޯއަކީ ޝެވަޗެންކޯގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ހަރުފަތަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ޝެވަޗެންކޯގެ ހިތުތެރޭގައި ސިޔާސީ ލީޑަރަކަށް ވުމުގެ ޝައުގު އަށަގަތީ އުމުރުގެ ކިހާހިސާބަކުން ކަން ކަށަވަރެއް ނޫނެވެ. އެކަމަކު ބޮޑަށް ބެލެވެނީ އެ ޝައުގު އުފެދުނީ 90 ގެ އަހަރު ތަކުގެ ތެރޭގައި އިޓަލީގެ އޭސީ މިލާނަށް ކުޅުމުނު ދުވަސްވަރު ކަމުގައެވެ. އޭސީ މިލާނުގެ އޭރުގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީއަކީ އިޓަލީގެ ސިޔާސީ ލީޑަރެކެވެ. ދިގު މުއްދަތަކަށް އިޓަލީގެ ބޮޑުވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އެހެންވީމާ ޝެވަޗެންކޯގެ ސިޔާސީ ޝައުގު އުފަންވީ އޭސީ މިލާނުގެ ސެންސީރޯ ސްޓޭޑިއަމުން ކަމަށް ވެދާނެއެވެ. ހަމަ އެދުވަސްވަރު ޝެވަޗެންކޯއާއެކު އޭސީ މިލާނުގެ ފޯވާޑްލައިނަށް ކުޅުނު ޖޯޖް ވެއާގެ ކިބައިގައިވެސް ސިޔާސީ ޝައުގުވެރިކަން އުފެދުނީ އެތަނުންނެވެ. ޖޯޖް ވެއާއަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިޔާގެ މިހާރުގެ ރައީސެވެ.
ޝެވަޗެންކޯއާއި ޖޯޖް ވެއާއަކީ އޭސީ މިލާނުގެ ތާރީޚުގައިވެސް ފެނިފައިވާ އެންމެ މޮޅު އެންމެ ތޫނުފިލި އެންމެ ހުޝިޔާރު ފޯވާޑުންގެ ތެރެއިން ދެ މީހުންނެވެ. ލަނޑު ޖެހުމުގައި އެވަރެއް ނެތެވެ. އެކަމަކު ސިޔާސީ ގޯލް ޖެހުމުގައި ޝެވަޗެންކޯއަށް ޖެހުނީ ޖޯޖް ވެއާގެ ފަހަތަށް ޖެހިލާށެވެ. ޖޯޖް ވެއާ ވަނީ އެއް ހަރުފަތަކުން އަނެއް ހަރުފަތަކަށް ވާސިލްވަމުން ގޮސް ލައިބީރިޔާގެ އެންމެ މަތީ މަގާމަށް ވާސިލް ވެފައެވެ. އެކަމަކު ޝެވަޗެންކޯއަށް އެންމެ ފުރަތަމަ މަރުހަލާގައިވެސް ކުރިމަތިވީ ނާކާމިޔާބީއެވެ. ޝެވަޗެންކޯ ފުޓްބޯޅަ ކުޅުން މުޅިން ހުއްޓާލީ 2012 ވަނަ އަހަރުއެވެ. އެކަމަކު އޭގެ ކުރިންވެސް އޭނާ ވަނީ ޔުކްރޭނުގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ މެންބަރަކަށްވެ ސިޔާސީ އެކި ކެމްޕޭނުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފުލް ޓައިމް ސިޔާސީ ލީޑަރަކަށް ވުމަށް ޝެވަޗެންކޯ ކުރި އުއްމީދު ހަގީގަތަކަށް ނުވީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔުކްރޭނުގައި ބޭއްވުނު އާއްމު އިންތިޚާބުގައި ޝެވަޗެންކޯގެ ޕާޓީއަށް ކުރިމަތިވި ބޮޑުވެގެންވާ ނާކާމިޔާބީގެ ސަބަބުންނެވެ. އެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ. ފަހަރުގައި މިހާބޮޑު ނާކާމިޔާބީއެއް ކުރިމަތިވި ސަބަބަކީ ޝެވަޗެންކޯއަށް އޭނާގެ އަމަލާއި ބަސް ދިމާކުރަން ނޭނގުން ކަމަށް ވެދާނެއެވެ. އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޝެވަޗެންކޯ ބުނެފައިވަނީ ދުނިޔޭގައި އޭނާއަށް ކުރަން އެނގޭ ކަމަކީ ފުޓްބޯޅަ ކުޅުން ކަމަށާއި މުސްތަގުބަލުގައިވެސް ކުރިއަށް ދާނީ އެދާއިރާއިން ކަމުގައެވެ. އެހެން ބުނެފައި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލީމާ ރައްޔިތުން ވޯޓު ނުދިނީއެވެ. މަޖިލީހަކީ ފުޓްބޯޅަ ދަނޑެއް ނޫނޭ ބުނީއެވެ.
ސިޔާސީ ނާކާމިޔާބީއާ ގުޅިގެން ހަތަރު އަހަރެއްހައި ދުވަހު ވިސްނާން ހުރުމަށް ފަހު ޝެވަޗެންކޯ ފުޓްބޯޅައިގެ ދާއިރާއަށް އެނބުރި އައީ ޔުކްރޭނުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެ މަގާމުގައި ހައެއްކަ މަސް ހޭދަކޮށްފައި ދެން ބަދަލުވީ ގައުމީ ޓީމުގެ ކޯޗަކަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުކްރޭނު ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރަކީ މިފަހަރުގެ ޔޫރޯއެވެ. ޝެވަޗެންކޯ ބޭނުންވަނީ އޭސީ މިލާން ކަހަލަ ޓީމަކަށް ޔުކްރޭނު ހެދުމަށެވެ. އެގޮތުން އޭނާގެ ކޯޗިން ސްޓާފުންގެ ތެރޭގައިވެސް ގިނައިން ގެންގުޅެނީ އޭސީ މިލާނުގައި ތަޖުރިބާތަކެއް ހޯދާފައިވާ މީހުންނެވެ. ޝެވަޗެންކޯ ބޭނުންވަނީ އޭސީ މިލާން ކުޅޭ ގޮތަށް ޔުކްރޭނުވެސް ކުޅުމަށެވެ.
ޝެވަޗެންކޯގެ އިރުޝާދުގެ ދަށުން ޔުކްރޭނުގެ ކުޅުން ގޯހެއް ނޫނެވެ. އެކަމަކު އޭސީ މިލާނު ވަރެއް ނޫނެވެ. މިފަހަރުގެ ޔޫރޯގައި ހޮލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ޔުކްރޭނު ވަނީ ބަލިވެފައެވެ. އެކަމަކު ހޮލެންޑު ކޮޅަށް ދެ ގޯލް ޖަހައި ވަރަށް ވާންކުރިއެވެ. ބަލަން ތިބި މީހުންގެ ތައުރީފު ވެސް ލިބުނެވެ. ހޮލެންޑު އަތުން ހަނިގޮތަކަށް ބަލިވިއަސް މި ގްރޫޕުން އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރު ޔުކްރޭނަށް އެބައޮތެވެ. އޮސްޓްރިޔާ އާއި ނޯތު މެސެޑޯނިއާ އަތުން ޔުކްރޭނު މޮޅުވެއްޖެނަމަ އަނެއް ބުރަށް ދެވޭނެއެވެ. މި ފަހަރުގެ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް ޔުކްރޭނު ދަތުރުކޮށްފިނަމަ ޝެވަޗެންކޯގެ މަގުބޫލުކަން ބޮޑުވެ އަނެއްކާވެސް ސިޔާސީ ނަސީބުގެ އަޖުމަ ބަލައިލަން ބޭނުންވެދާނެއެވެ. ގައުމީ ޓީމަށް ކާމިޔާބު ހޯދައިދިން މީހަކަށް ސިޔާސީ ލީޑަރެއްގެ ގޮތުގައި ޔުކްރޭނަށް ވެސް ކާމިޔާބު ހޯދައިދެވޭނެ ކަމަށް ރައްޔިތުން އަލުން ނިންމުކީ އެކަށީގެންވާ ކަމެކެވެ.