ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 16:11
ޖަރުމަން މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ޖަރުމަން މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ފްރާންސް އާއި ޖަރުމަނުގެ ކުރިމަތިލުން
ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ވަނީ މެޗަށް ފިޓްވެފައި
މެޗު ކުޅޭނީ މިއުނިކުގައި ހުންނަ އެލިއާންޒް އެރީނާގައި

ޔޫރޯ 2020 ގެ މަރުގެ ގްރޫޕުގައި އަންގާރަ ދުވަހުގެރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރި ގަދަވާނެ މެޗު ކަމަށް ގިނަބަޔަކު ދެކޭ މެޗަކީ ފްރާންސް އާއި ޖަރުމަން ކުރިމަތިލުމެވެ. އެންމެ ފަހުގެ ޔޫރޯގެ ރަނަރަޕް ފްރާންސްއިން މި މުބާރާތަށް ނުކުންނާނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ކާމިޔާބީ އަލުން އާކުރުމަށެވެ. އަދި ޖަރުމަނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމު ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން އެ ގައުމުން ވަނީ މީގެ ކުރިން މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ޔޫރޯގައި ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗު ކުޅޭނީ މިއުނިކުގައި ހުންނަ އެލިއާންޒް އެރީނާގައެވެ. މި މެޗަށް ނުކުންނައިރު ފްރާންސްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ގައުމުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ މެޗަށް ފިޓްވުމެވެ. ޔޫރޯއަށް އެކުލަވާލި ސްކޮޑުގައި އުމުރުން 33 އަހަރުގެ ބެންޒެމާ ހިމެނިއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން ބެންޒެމާއަށް ފްރާންސްގެ ސްކޮޑުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޑިއޭ ޑިޝޯމްޕްސްގެ ބަސް:

ޖަރުމަން މެޗުގެ ކުރިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ ޔޫރޯގެ ފުރަތަމަ މެޗަކީ އޭނާގެ ޓީމަށް ފައިނަލެއް ކަމަށެވެ. ޖަރުމަނާއި ފްރާންސަކީ މި މުބާރާތުގެ ފޭވަރިޓުންކަން ފާހަގަކުރަމުން ޑިޝޯމްޕްސް ބުނީ މި މެޗުގައި ފްރާންސްއަށް އެންމެ ބޭނުންވާ ކުޅުން ނުކުޅެވޭނެ ކަމަށާއި، އެހެންކަމުން އެންމެ މުހިންމު ކަމަކީ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ކަމަށެވެ.

ފްރާންސް މެޗުގެ ކުރިން ޖަރުމަނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން - ގެޓީ އިމޭޖަސް

މި ފަހަރުގެ ޔޫރޯއާ ޖަރުމަން ކުރިމަތިލާއިރު، މިއީ ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯގެ ފަހު މުބާރާތެވެ. ޔޫރޯއަށް ފަހު ޖަރުމަން ޓީމާ ހަންސީ ފްލިކް ހަވާލުވާއިރު، ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން އުމުރުން 61 އަހަރުގެ ލޯ މީގެ ކުރިން ވަނީ ނިންމާފައެވެ. މިހާތަނަށް ޖަރުމަން ޓީމާއެކު ލޯ 14 އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕެވެ. އަދި ލޯއާއެކު ޖަރުމަނުން ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯގެ ބަސް:

ފްރާންސް މެޗުގެ ކުރިން ލޯ ބުނީ މި މެޗުގައި އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ޖަރުމަނުގެ އަމާޒަށް ވާސިލުވުމަށް މި މެޗުން މޮޅުވުން މުހިންމު ކަމަށެވެ. އަދި މި މެޗު ކޮންމެ ނަތީޖާއަކުން ނިމުނު ކަމުގައިވިޔަސް އޭގެ އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އަދި މަރުގެ ގްރޫޕާއެކު ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އެފް ގެ އެނަލިސްޓް މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން ސޮބާހު މުޙައްމަދު (ސޮބާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

- ކޮމެންޓް