ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް "ގެދޮރުވެރިޔާ"ގެ ނަމުގައި ލުއި ލޯން ސްކީމެއް ހޯމަ ދުވަހުގެ ރޭ ތައާރަފް ކޮށްފިއެވެ.
އަލަށް ތައާރަފް ކުރި މި ލޯން ސްކީމަކީ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބު އަމިއްލަ ބޯހިޔަވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން ހުޅުވާލާފައިވާ ލުއި ލޯނު ސްކީމެކެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. މި ލޯން ސްކީމާއެކު އަމިއްލަ ގެއެއް ހަދަން ފަށައި، މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް މި ލުއި ލޯން ސްކީމާއެކު ދިރުއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގު ފަހިވެގެންދާނެއެވެެ. ލޯން ސްކީމްގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމެވެ.
ގެދޮރުވެރިޔާ ލޯނުގެ ތަފްސީލް:
- ލޯނު ދޫކުރެވޭނީ އަމިއްލަ ގޯތީގައި އަލަށް ތަނެއް އިމާރާތްކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށް
- ލޯނުގެ މޯގޭޖްގެ ގޮތުގައި އިމާރާތް ކުރެވޭ ތަން ފިޔަވައި އެހެން އިތުރު ތަނެއް ނުހިމެނޭނެ
- ލޯނަށް ޑިޕޮސިޓެއް ބޭނުމެއް ނުވޭ
- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
- 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.
- އެކަކަށް އެއްމެ ގިނަވެގެން ދޫކުރާނީ 700،000ރ.
- ލޯނުގެ އިންޓަރެސްޓް ރޭޓަކީ %6
- ލޯނުގެ ގްރޭސް ޕީރިއަޑަކީ 12-15 މަސް، ގްރޭސް ޕީރިއަޑްގައި އިންޓަރެސްޓެއް ނާރާނެ.
- ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ދެވެނީ 20 އަހަރު.
ލޯނުގެ ގޮތުގައި ދޫކުރާނީ ޕްރޮޖެކްޓްގެ 80 އިންސައްތައެވެެ. ބާކީ 20 އިންސައްތައަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. ލޯނަށް އެދޭ ފަރާތުގެ ޕްރޮޖެކްޓަށްލާ ޖުމްލަ ޚަރަދުގެ 20 އިންސައްތަ ކަނޑައަޅާނީ، ޕްރޮޖެކްޓަށް ކުރެވިފައިވާ ޚަރަދާއި ގަނެފައިވާ ތަކެއްޗާއި، ގޯތީގެ އިމާރާތާއި، އިމާރާތް ނެތް ނަމަ ބިމެވެ.
ގެދޮރުވެރިކަމަށް ބޮޑު އިންޓަރެސްޓްގައި ލޯނު ދޫކުރަމުން އަންނާތީ ގިނަބަޔަކަށް އަމިއްލަ ބޯހިޔާވަހިކަމަށް ނުވަދެވި އެބަތިއްބެވެ. މި ހުރިހާ ރައްޔިތުން މި ލޯން ސްކީމްގެ ދަށުން ލުއިތަކެއް ލިބެގެންދާނެއެވެ.