އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ވެމްބްލީ ސްޓޭޑިއަމަކީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މުހިއްމު ސްޓޭޑިއަމެވެ. ގްރޫޕް ފިޔަވަހީގައި އިންގްލެންޑް ކުޅޭ ހުރިހާ މެޗުތަކާއި ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ވެމްބްލީ ސްޓޭޑިއަމްގައެވެ.
ގްރޫޕް ޑީގައި އިންގްލެންޑް އެންމެ ފުރަތަމަ ކްރޮއޭޝިޔާއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން މި ސްޓޭޑިއަމްގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލުތަކެއް މިހާރު ވަނީ އުފެދިފައެވެ. މެޗު ބަލަން ދަނޑަށް ވެއްދި ސަޕޯޓަރުންގެ ތެރެއިން މީހަކު ސްޓޭޑިއަމުގެ ތަންކޮޅެއް މަތީގައި ހުންނަ ބަޔަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިގެން ހަސްފަތާލުގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެނގިފައިވެއެވެ.
ވެމްބްލީ ސްޓޭޑިއަމަކީ ގާތްގަޑަކަށް 90 ހާސް ،މީހުންގެ ކެޕޭސިޓީގެ ސްޓޭޑިއަމެކެވެ. އިންގްލެންޑުގެ ގައުމީ ސްޓޭޑިއަމަކީވެސް އެއީއެވެ. ކޮރޯނާ ވައިރަހުގެ ބިރުވެރިކަން މިހާރު ފެތުރިފައިވުމާއެކު މިފަހަރުގެ ޔޫރޯގައި މިތަނަށް މީހުން ވެއްދުމަށް ހަމަޖެހިފައިވަނީ ތަނުގެ ކެޕޭސިޓީއަށްވުރެ ވިހި އިންސައްތަ އިތުރު ނުވާގޮތުންނެވެ. އެހެންވީމާ އިންގްލެނެންޑާއި ކޮރޮއޭޝިއާ ހުޅުނު މެޗަށް ގާތްގަޑަކަށް 17 ހާސް މީހުން ސްޓޭޑިއަމަށް ވެއްދިއެވެ. ވެއްޓިފައިވަނީ އޭގެތެރެއިން މީހެކެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާއަކީ އިންގްލެންޑުގެ ސަޕޯޓަރެކެވެ.
އެ މީހަކު ވެއްޓިފައިވަނީ މެޗު ފެށުނުތަނާއެވެ. އެހެންވީމާ އެއީ ދެވަނަ ހާފުގެ ކުރީކޮޅު ރަހީމް ސްޓާލިންގެ ލަނޑުން އިންގްލެނެޑަށް ކުރި ލިބިގެން ސަޕޯޓަރުން ފޯރި ނެގި ވަގުތުކޮޅުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. އޭގެ މާކުރިން ހިނގި ކަމެކެވެ. އެކަހަލަ ވަގުތެއްގައި ވެސް އަދި އެނޫން ވަގުތެއްގައިވެސް ސްޓޭޑިއަމުގެ މަތީ ގޮނޑި ބަރިޔަކުން މީހަކު ވެއްޓުމަކީ ތަނުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. މިހެންވެގެން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާކަމަށްވާ ޔުއެފާއިން ވަނީ މިކަން ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ފަށައިފައެވެ.
ވެމްބްލީ ސްޓޭޑުއަމަކީ އިންގްލެންޑުގެ ގައުމީ ސްޓޭޑިއަމްކަމަށްވުމާއެކު އެތަނުގެ ސަލާމަތާއި ގުޅޭ ކަންކަން ބަލަހައްޓަނީ އެކަމަށް ޚާއްސަވެފައި އޮންނަ ޔުނިޓަކުންނެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއި މުބާރާތް އިންތިޒާމުކުރާ ޚާއްސަ ކޮމިޓީން ވަނީ މި ހާދިސާގެ ތަހުގީގެއް ފަށައިފައެވެ. ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަން ދެން އޮންނަ މެޗެއްގެ ކުރިން ހާމަކުރާނެއެވެ. ދެން އެންމެ އަވަހަށް ވެމްބްލީގައި މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. ބައްދަލު ކުރާނީ އިންގްލެންޑާއި ސްކޮޓްލެންޑެވެ. މިއީ މުޅިންވެސް އިނގިރޭސިވިލާތުގެ ކުރިމަތިލުމެކެވެ.
ވެމްބްލީ ސްޓޭޑިއަމަކުގެ މިލްކުވެރި ފަރާތަކީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނެވެ. މިތަނަކީ 2003 ވަނަ އަހަރު ކުރީގެ ބައު ސްޓޭޑިއަމް ތަޅާލުމަށްފަހު މުޅިން އަލަށް ތައްޔާރު ކުރެވިފައިވާ ޒަމާނީ އައު ސްޓޭޑިއަމެކެވެ. ތަން ފަރުމާކުރެވި އިމާރާތް ކުރެވި ހުޅުވިފައިވަނީ އެއްވެސް ސްޓޭންޑަކުން މީހަކު ތިރިޔަށް ނުވެއްޓޭ ގޮތަށެވެ. އެހެންވީމާ މިފަހަރުގެ ހާދިސާއަކި ހަގީގަތުގައިވެސް ސްޓޭޑިއަމަށް ކުޅިބަލަން ވަންނަ މީހުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ހާދިސާއެކެވެ.