ފުވައްމުލައް ސިޓީން އިތުރު 6 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 671ށް އަރައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ހުކުރު ދުވަހުގެ ހަވީރު 5:00ން ހޮނިހިރު ދުވަހުގެ ހަވީރު 5:00ށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި 80 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. ފާއިތުވި 24 ގަޑިއިރު 6 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއީ 4 ދިވެހިންނާއި 2 ބިދޭސީއެކެވެ. މިކޭސްތަކާ ގުޅިގެން 6 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި، 166 އެކްޓިވް ކޭސް ހިމެނޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި އެކަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު 16 މީހުންނާއެކު ބަލި ރަނގަޅުވި މީހުންގެ އަދަދު 506ށް ވަނީ އަރާފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެކަމުގައި ވަނީނަމަ ލަސްނުކޮށް ސާމްޕަލް ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 14،073 ސާމްޕަލެއް ނަގާފައިވެއެވެ. އަދި ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 247 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، 580 ގެއެއް މޮނިޓަރިންނަށް ލާފައިވާ ކަމަށް ތަފާސް ހިސާބުތަކަށް ދައްކައެވެ.
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ފުވައްމުލައް ސިޓީން މިހާތަނަށް 5839 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ. އަދި 3176 މީހަކު ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.
ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރިކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ.
ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00ން ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.
ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މީގެ ކުރިން ވެސް ފުވައްމުލަކުން ކޮވިޑް-19ގެ ތިން ކްލަސްޓަރއެއް ފެނުމާ ގުޅިގެން މޮނިޓަރިންއަށް ގެނެސްފައިވެއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވެސް އެސިޓީގައި ހިންގާފައިވެއެވެ. ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އާއްމު ހާލަތަށް އާދެވި މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 15 ގައެވެ.