މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ބުނެފިއެވެ.
ޑީއެންއާރުން ބުނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީވެ، އެކަން ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރުން އަޅުއްވަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެ ކާޑު އާކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ. އަދި ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވާނެ ކަމަށް ޑީއެންއާރުން ބުނެއެވެ.
އެހެންކަމުން ކާޑުގެ މުއްދަތު 31 އޯގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޑީއެންއާރުން ބުނެއެވެ. އަދި އާންމު ރައްޔިތުންނަށް ޚިދުމަތްދޭ އެންމެހާ މުއައްސަސާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި މިކަމަށް ރިޔާއަތް ކުރުމަށްފަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޑީއެންއާރުން ބުނީ މިގޮތަށް މުއްދަތު އިތުރުކުރި ނަމަވެސް މިހާރެކޭ ވެސް އެއްފަދައިން ގްރޭޓަރ މާލެ އޭރިޔާގައި ދިރިއުޅޭ މީހުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުން އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާއިރު، ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ގިނަ ވުޒާރާތަކުން ދެމުންދަނީ އޮންލައިންކޮށެވެ.