ކ. މާލެ
|
13 ޖޫން 2021 | އާދީއްތަ 01:16
ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފިންލެންޑް މޮޅުވީ 1-0 ން
ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފިންލެންޑް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޑެންމާކް ބަލިކޮށް ފިންލެންޑުން ފެށުން ރަނގަޅުކޮށްފި
މެޗުގެ ކުޅުން ގާތްގަނޑަކަށް ގަޑިއިރެއްހާއިރަށް ހުއްޓާލި
އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓި ފަރުވާދިން
ޑެންމާކް އަތުން ފިންލެންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ޑެންމާކް ބަލިކޮށް ފިންލެންޑުން ފެށުން ރަނގަޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅުނު މެޗުން ފިންލެންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޑެންމާކުން އެޓޭކިން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ޕިއެރޭ-އެމީލް ހޮއިބިއޭއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ޑެންމާކުގެ މާޓީން ބްރެތުވެއިޓުގެ ހަމަލާވެސް ފިންލެންޑުގެ ގޯލްކީޕަރު ހްރަޑެކްސްކީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި ޑެންމާކަށް މައްސަލަތަކަކާއި ދިމާވީ މެޗުގެ 43 ވަނަ މިނެޓުގައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓެން އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާއެކުގައެވެ. އޭނާ ވެއްޓުމާއިއެކު ރެފުރީ ވަނީ ވަގުތުން ކުޅުން ހުއްޓާލާފައެވެ. އަދި ގިނަ އިރުތަކެއްވަންދެން އޭނާއަށް ދަނޑުމަތީ ފަރުވާދިންއިރު، މެޗުގެ ކުޅުން ގާތްގަނޑަކަށް ގަޑިއިރެއްހާއިރަށް ހުއްޓާލިއެވެ. އެއަށްފަހު މެޗުގެ ކުޅުން ފެށީ 23:30 ގައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޑެންމާކުން ފިންލެންޑުގެ ގޯލަށް ނުރައްކާކުރި ނަމަވެސް، މެޗުގެ 59 ވަނަ މިނެޓުގައި ފިންލެންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ޔެރޭ އުރޮނެންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޔޮއެލް ޕޮހްޔަންޕަލޯއެވެ. މި ލަނޑާއެކު ޑެންމާކުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފިންލެންޑް ހާފަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ފިންލެންޑުގެ ޑިފެންޑަރެއް ކުރި ފައުލަކާއި ގުޅިގެން ޑެންމާކަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ޑެންމާކުގެ ހޮއިބިއޭ ފޮނުވާލި ޕެނަލްޓީ ފިންލެންޑުގެ ގޯލްކީޕަރު ހްރަޑެކްސްކީ ވަނީ މަތަކޮށްފައެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ފިންލެންޑް މޮޅުވިއިރު، ދެން އެ ގައުމުން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ. އެ މެޗުގައި ފިންލެންޑް ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ.

- ކޮމެންޓް