ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ ތިން މަސް ނުވާ މީހުން ރަށްރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޕީސީއާރު ޓެސްޓު ހަދާނީ ބަލީގެ އަލާމާތް ފެންނަ ނަމަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މި އުސޫލަށް އަމަލު ކުރަން ޖެހޭނީ މާލެއިންނާއި ރިސޯޓްތަކުން އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވިތާ ތިން މަސް ނުވާ މީހުން ކަމަށެވެ. ތިން މަސް ކަމަށް ބަލަނީ ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ދުވަހުން ފެށިގެންނެވެ.
އެޗްޕީއޭއިން ފަހުން ގެނައި ބަދަލާއެކު ޕޮޒިޓިވްވާތާ 3 މަސް ނުވާ މީހުންވެސް ކަރަންޓީނުވާންޖެހޭނެއެވެ. ނަމަވެސް ކުރިން އޮތީ ޕޮޒިޓިވްވާތާ 3 މަސް ނުވާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށެވެ. ފިޔަވަޅުތައް ވަރުގަދަކުރީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔަމުންނެވެ.
އެޅި ފިޔަވަޅުތަކާއެކު ޖޫން މަސް ފެށުނުފަހުން އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ރިކޯޑް ކުރަމުން އަންނަނީ 500ން ދަށުންނެވެ.