ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 20:05
ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ވޭލްސް އާއި ސްވިޓްޒަލެންޑުގެ ކުރިމަތިލުން އެއްވަރު
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ގޭމެއް ފެނިގެންދިޔަ
ވޭލްސް އާއި ސްވިޓްޒަލެންޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ދެވަނަ މެޗުގައި ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

 ހޮނިހިރު ދުވަހު ހަވީރު ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އަޒަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު، މެޗުގެ 14 ވަނަ މިނެޓުގައި ވެލްސްގެ ކީފާ މޯ އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރޭ މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ސްވިޒްލޭންޑްގެ ކީޕަރު ޔަން ސޮމާ ވަނީ ދިފާއު ކޮށްފައެވެ. އޭގެ ފަހުން މެޗު ނިމެން ކައިރިވެފައިވަނިކޮށް ސްވިޓްޒަލެންޑް ހެރިސް ސެފެރޮވިޗް އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވޭލްސްގެ ކީޕަރު ޑެނީ ވާޑް އެވެ.

މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ސްވިޒްލޭންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރީލް އެމްބާލޯ އެވެ. މި ލަނޑާއިއެކު ވޭލްސްއިން ކުޅުން ރަނގަޅުކޮށް ސްވިޓްޒަލެންޑްގެ ހާފަށް ބާރު ބޮޑުކޮށްފައިވާއިރު މެޗުގެ 74 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖޯ މޮރެލްގެ އެހީތެރިކަމާއިއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ މޯ އެވެ. އެކަމަކު މެޗުގެ 86 ވަނަ މިނެޓުގައި ސްވިޓްޒަލެންޑްގެ މާރިއޯ ގަވްރަނޮވިޗް ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޭނާ އޮފްސައިޑްގައި ހުރެ ޖެހި ލަނޑެއް ކަމަށެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި އިޓަލީން ވަނީ ތުރުކީ ފަސޭހަކަމާއިއެކު ބަލިކޮށްފައެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނައިގައި އިޓަލީން އޮތީ ލިބުނު ތިން ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސްވިޓްޒަލެންޑް އަދި ތިންވަނައިގައި އޮތް ވޭލްސްއަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

- ކޮމެންޓް