ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 16:21
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް ބަލީގައި ޒުވާނަކު ނިޔާވުން
ދަރިފުޅަށް މަހެއް ނުވަނީސް ކޮވިޑްގައި ޒުވާން މަޔަކު ނިޔާވެއްޖެ
ސަމީއާގެ ހާލު ސީރިއަސްވުމާއި ގުޅިގެން މާލެ ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު
ނިޔާވެފައިވަނީ ފ. ނިލަންދޫ، މޯނިންގްސަންގެ 25 އަހަރުގެ ސަމީއާ އަހުމަދު

ކޮވިޑް-19 ޖެހިގެން 25 އަހަރު ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ފ. ނިލަންދޫ، މޯނިންގްސަންގެ 25 އަހަރުގެ ސަމީއާ އަހުމަދެވެ.

ސަމީއާ ބައްޔަށް ޕޮޒިޓިވްވިއިރު އިނީ ދަރިފުޅަށް ބަލިވެއެވެ. ނަމަވެސް ހާލު ސީރިއަސްވުމުގެ ސަބަބުން ސިޒޭރިއަން ހަދައިގެން ބަނޑުގައިވާ ދަރިފުޅު ވަނީ ނަގާފައެވެ. ދަރިފުޅަށް ބަލީ އަސަރެއްކޮށްފައިނުވާއިރު، ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. ސަމީއާގެ ހާލު ސީރިއަސްވުމާއި ގުޅިގެން މާލެ ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 195 ވަނަ މީހާއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު 84 އަހަރުގެ އަންހެނެއް ނިޔާވެފައިވެއެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ޒުވާނުންގެ ނިސްބަތް ގިނަކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ކުރިއާ ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ޒުވާނުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާއިރު، ކޮވިޑްގައި އުމުރުން 28 އަހަރުގެ އަންހެނަކު ވެސް ވަނީ ނިޔާވެފައެވެ. އަދި މިބަލީގައި އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ވެސް ނިޔާވެފައިވެއެވެ.


Advertisement
- ކޮމެންޓް