ޔުއެފާ ޔޫރޯ 2020 ގެ މެޗުތައް ހުކުރު ދުވަހުގެރޭ ފެށިއިރު، ހޮނިހިރު ދުވަހު ކުޅޭ މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްވިޓްޒްލެންޑާއި ވޭލްސްއެވެ. މި މެޗަށް ދެ ގައުމުންވެސް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި މެޗު ކުޅޭނީ އަޒަބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
ބަކޫ އޮލިމްޕިކް ސްޓޭޑިއަމަކީ 70،000 މީހުންނަށް އެއްފަހަރާ ވަދެވޭ ސްޓޭޑިއަމަކެވެ. އެހެންނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު، މި މެޗު ބަލަން ސްޓޭޑިއަމަށް ވަދެވޭނީ 50 އިންސައްތަ މީހުންނަށެވެ. އެއީ އަޒަބައިޖާންގެ ރައްޔިތުންނާއި، ގްރޫޕް އޭ ގައި ހިމެނޭ ގައުމުތަކަށް ނިސްބަތްވާ އަޒަބައިޖާންގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
ޔޫރޯގެ ގްރޫޕް އޭގައި ހިމެނޭ ވޭލްސް އާއި ސްވިޓްޒަލެންޑް ހޮނިހިރު ދުވަހު ބައްދަލުކުރާއިރު، މި ދެ ގައުމު ވަނީ މީގެ ކުރިން ހަތް ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ފަސ މެޗުން ސްވިޓްޒްލެންޑް މޮޅުވެފައިވާއިރު، ދެ މެޗުން ވޭލްސް ވަނީ މޮޅުވެފައެވެ.
ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖުގެ ބަސް:
މުބާރާތުގެ ކުރިން ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ ކޮވިޑުގެ ހާލަތާއެކުވެސް ވަކިވަރަކަށް ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅުން އެއީ ކުޅުންތެރިންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، އަދި ޔޫރޯގެ މެޗުތަކަށް ނުކުންނައިރު ކުޅުންތެރިން ނުކުންނާނީ އިތުރު ހިތްވަރަކާއެކު، ގައުމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ. އަދި އުއްމީދަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުން ކަމަށްވެސް ޕޭޖް ބުންޏެވެ.
ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑެމިއާ ޕެޓްކޮވިޗުގެ ބަސް:
ވޭލްސް މެޗުގެ ކުރިން ވްލެޑެމިއާ ޕެޓްކޮވިޗް ބުނީ ސްވިޓްޒްލެންޑަކީ އިހުތިރާމު ލިބެން ޖެހޭ ޓީމެއް ކަމަށާއި، އަދި އެ ޓީމުގެ އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލް ކުޅުން ކަމަށެވެ. އަދި މި މުބާރާތުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވާން 100 އިންސައްތަ މަސައްކަތް ފެންނާނެ ކަމަށްވެސް ޕެޓްކޮވިޗް ބުންޏެވެ.
ރިޕޯޓަރުންގެ ޚިޔާލު:
ވޭލްސްގެ ކުޅިވަރު ރިޕޯޓަރު މަތިއު ހަވަތްސް ދެކޭ ގޮތުގައި މި މެޗަށް ވޭލްސް ޓީމުން އެންމެ އިސްކަމެއް ދޭނީ ލަނޑު ނުޖެހޭ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު، އިތުބާރު ފޯވާޑް ގެރެތު ބޭލް ފޯމުގައި ހުރުން އެއީ ވޭލްސް ޓީމަށް ލިބުނު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ދެކެއެވެ. ހަވަތްސް ބުނީ މެޗުގައި ވޭލްސްގެ ޓީމުން ކުޅޭނީ އެޓޭކިން ގޭމަކަށް ވިސްނައިގެން ކަމަށާއި، އެގޮތުން ވޭލްސްގެ ފޯވާޑް ލައިންގައި ތިބި ހަލުވި ކުޅުންތެރިންގެ ބޭނުން މި މެޗުގައި އެންމެ އެކަށޭނެ ގޮތުގައި ހިފާނެ ކަމަށެވެ.
ސްވިޓްޒްލެންޑުގެ ރިޕޯޓަރު ޕީޓާ ބާރާ ދެކޭގޮތުގައި މި މެޗުގައި ސްވިޓްޒްލެންޑުން ރީތި ހިތްގައިމު އެޓޭކިން ފުޓްބޯޅައެއް ކުޅޭނެއެވެ. އަދި މި މެޗަށް ނުކުންނައިރު އެ ގައުމުގެ ސްކޮޑް އެހެން އަހަރުތަކާ އަޅާބަލާއިރު ވަރުގަދަވުން އެއީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުމަށް ސްވިޓްޒްލެންޑަށް ލިބޭނެ ފުރުސަތެއް ކަމުގައި އޭނާ ދެކެއެވެ.
މި މެޗު ބަލާނީ ކިހިނެއް:
ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އެގޮތުން މެޗުގެ ކުރިން ގެނެސްދޭ މައިލޯ ޔޫރޯ ފޯރި ޝޯ ހޮނިހިރު ދުވަހު ހަވީރު 17:00 ގައި ފަށާއިރު، ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އޭ ގެ އެނަލިސްޓު އިސްމާޢީލް ޒަރިޔަންދުއެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.
ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ގަޑިން 18:00 ގައެވެ.