ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު ލެސްޓާއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު ލީރޯއި ސާނޭގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ލެސްޓާގެ ގޯލަށް ނުރައްކާކުރަމުންނެވެ.
އެގޮތުން 36 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ގެބްރިއެލް ޖީސަސް އެވެ. އެހެންނަމަވެސް 42 ވަނަ މިނެޓުގައި ލެސްޓާގެ ޝިންޖީ އޮކަޒާކީ ވަނީ އެޓީމަށް ނަތީޖާގެ ފަރަގުކުޑަކޮށްދީފައެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ސިޓީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހަފް ފެށިގެން ލެސްޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައްވެސް ގިނަކޮށްފައެވެ. އެގޮތުން ސިޓީގެ ހާފާށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފާއްދާފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓާ އަށް ޕެނަލްޓީއެއް ލިބިފައިވާއިރު، އެޓީމުގެ ރިޔާދް މަހްރޭޒް ފޮނުވާލި އެ ޕެނަލްޓީ ގޯލު ތެރެއަށް ވަތްނަމަވެސް ރެފްރީ ނިންމީ ދެފަހަރު ބޯޅައާ ކޮންޓެކްޓްވިކަމަށް ބަލާ ޕެނަލްޓީ އިތުރަށް ނުދިނުމަށެވެ.
މި ނަތިޖާއާއެކު ސިޓީ އޮތީ ކުޅުނު 36 މެޗުން ލިބުނު 72 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 36 މެޗުން ލިބުނު 43 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގަ އެވެ.