ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ 2020 ފަސް އަހަރަށްފަހު އަންނަ ހުކުރު ދުވަހުގެރޭ ފަށާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ އެތައް ގޮތަކުންވެސް ހާއްސަވާ މުބާރާތެކެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ގިނަ ބަޔަކު އަބަދުވެސް ބަލާއިރު، މި އަހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ކިހިނެއް؟
އެހެން އަހަރުތަކަކޭވެސް އެއްފަދައިން މިއަހަރުގެ ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކުރާނެއެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު ކުޅޭ ސްޓޭޑިއަމް ކަމަށްވާ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި މިއުޒިކުގެ ހަރަކާތްތަކަކާއި، އިޓަލީގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުނަރު ދައްކާލާނެއެވެ.
ޖުމްލަ 70،000 މީހުންނަށް ވަދެވޭ އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމަކީ ފުޓްބޯޅައިގެ މަންޒިލެކެވެ. އިޓަލީގެ ކުޅިވަރާއި ބެހޭ ވުޒާރާއިން މިހާރު މެޗު ބަލަން ދަނޑުގެ ކެޕޭސިޓީގެ 24 އިންސައްތަ މީހުންނަށް ވަނުމަށް ހުއްދަދޭން ވަނީ ނިންމާފައެވެ.
ހަރަކާތްތައް ކުރިއަށްދާނީ ވާޗުއަލްކޮށް!
ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތު ހުށަހަޅާނީ މާޓިން ގަރިސް، ބޯނޯ އަދި ދި އެޑްޖްއެވެ. މި ރަސްމިއްޔާތުގެ ހަރަކާތްތައް ވާޗުއަލްކޮށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. ޔުއެފާއިން ބުނީ ވާޗުއަލްކޮށް ހަރަކާތްތައް ކުރިއަށްގެންދަން ނިންމީ ދަނޑަށް މަދު އަދަދެއްގެ މީހުންނަށް ވަދެވޭނެތީ ކަމަށާއި، އެކަމަކު ވާޗުއަލްކޮށް ހަރަކާތްތައް ކުރިއަށްގެންދާއިރު، ކުޅިބެލުންތެރިން ގަޔާވާ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.
ޔުއެފާއިން ޔޫރޯ 2020 ގެ ރަސްމީ ލަވަ މިހާރު ލޯންޗުކޮށްފައިވާއިރު، މި ލަވަ ކިޔާފައިވަނީ މާޓިން ގަރިސް، ބޯނޯ އަދި ދި އެޑްޖްއެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ ކޮންއިރަކު؟
ޔޫރޯ 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ އިޓަލީ އަދި ތުރުކީ ބައްދަލުކުރާ މެޗުގެ އެއްގަޑިއިރު ކުރިން، ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 23:00 ގައެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ބަލާނީ ކިހިނެއް؟
ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި އަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީ މެދުވެރިކޮށް ފެނިގެންދާނެއެވެ.