އިންސާނުންނަކީ ފިޠުރަތުގެ ސާފުކަން މަތީ ދުނިޔެއަށް ފޮނުއްވި މަޚްލޫޤުންތަކެކެވެ. ފިޠުރީގޮތުން ވަކި ހަމަތަކެއް އިންސާނުންގެ ކިބައިގައި ލައްވާފައިވެއެވެ. އިންސާނަކަށް ވީތީ ތަބާ ވާންޖެހޭ ވަކި އުސޫލުތަކެއް ހުރެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ދެމެދުގައި ހުރި ފަރަޤަކީ މިއެވެ.
އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ އުސޫލުތަކާއި ހަމަތަކުން އެއްކިބާ ވެއްޖެނަމަ އެބައިމީހުން ވެއްޓިގެންދަނީ ޖަނަވާރުންނާ އެއް ހަމައަކަށެވެ. މާތް الله ގެ ގަދަފަދަ ކޯފާއާއި ޢަޒާބު އެބައެއްގެ މައްޗަށް ބާވައިލެއްވި ސަދޫމު ގައުމުގެ އަހުލުވެރިންނަކީ ޝަހުވާނީ އެދުން ފުއްދުމުގައި މިދެންނެވި ދަރަޖައަށް ވެއްޓުނު ބައެކެވެ.
ސަދޫމަކީ ހުރިހާ ނުބައި މުންކަރާތްތަކެއް އެބިމެއްގައި އާންމުވެފައިވީ ބިމެކެވެ. އެތަނުގެ އަހުލުވެރިންނަކީ ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. ޝަހުވާނީ އެދުން ފުއްދުމަށް ޙަލާލު އަނބިން ދޫކޮށް ޒިނޭގެ މަގު އެބައިމީހުން ޚިޔާރުކުރިއެވެ. އަނބިންނާއި، ހިލޭ އަންހެނުންގެ ފުރަގަސް ފަރާތުން އެދުން ފުއްދުންވެސް އެބައިމީހުންގެ ތެރޭގައި އާންމުވިއެވެ. އެއަށްފަހު ދެން އެމީހުން ސިއްރިއްޔާތުގައި ފިރިހެނުންނާއެކު ގުޅުން ހިންގަން ފެށިއެވެ.
އެންމެފަހުން އެ ޢަމަލު ހުއްދަކޮށް، ފާޅުގައި ފަޚްރުވެރިކަމާއެކު އެކަން ކުރަންފެށިއެވެ. ސަދޫމަށް ނިސްބަތްކޮށް، މިފަދަ ހަޑިމުޑުދާރު ޢަމަލު ތަކަށް ނަންދެވިގެން ދިޔައެވެ.
މުޑުދާރު ޢަމަލުތަކާއި ފާފައަށް އަރައިގަތުން އާންމުވެފައި ވަނިކޮށް، އެބައި މީހުންނަށް ހިދާޔަތް ދެއްކެވުމަށްޓަކައި މާތް الله، ލޫޠު ޢަލައިހިއްސަލާމް އެބައިމީހުންގެ ގާތަށް ނަބިއްޔެއްގެ ގޮތުގައި ފޮނުއްވިއެވެ. ހަވާ ނަފްސުގެ ފާޙިޝް އެދުންތައް ދޫކޮށް الله ގެ މަގަށް ރުޖޫޢަވުމަށް ލޫޠު ގެފާނު އެމީހުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ނަމަވެސް މުންކަރާތްތަކުގެ ކަނޑެއްގެ ތެރެއަށް ޣަރަޤުވެފައިތިބި ސަދޫމްގެ އަހުލުވެރިން އެ ނަސޭހަތްތަކަށް ދިނީ ބީރު ކަންފަތެކެވެ. މާތް الله ގެ ގަދަފަދަ ކޯފާގެ އިންޒާރުގެ އަޑުއެހުމަށް ވެސް އެމީހުން ކުރީ އިންކާރެވެ. ހަމައެހެންމެ ހެޔޮމަގަށް ގޮވާލެއްވުމުގައި ދެމިހުންނަވާނަމަ، ޝަހަރުން ފައްސާލާނެ ކަމަށް ބުނެ اللهގެ ނަބިއްޔާއަށް އެބައިމީހުން ބިރުދެއްކިއެވެ. އަދި الله ގެ ޢަޒާބު އެބައިމީހުންގެ މައްޗަށް ގެނައުމަށް ގޮންޖެއްސެވެ.
އައްޝުޢަރާ ސޫރަތުގެ 165 ވަނަ އާޔަތުގެ މާނައިގައިވެއެވެ: "ޚަލްޤުތަކުން ކުރެ ފިރިހެނުންނާ ތިޔަބައިމީހުން ގާތް ވަނީ ހެއްޔެވެ؟" އެ ސޫރަތުގެ 166 ވަނަ އާޔަތުގެ މާނައިގައިވެއެވެ: " ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލް ކުރަވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނައަޅާފައިވާ ބަޔަކީމުއެވެ."
އެ ސޫރަތުގެ 167 ވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވެއެވެ: "އެއުރެން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވި ނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. " ޖެހިގެން އޮތް އާޔަތުގެ މާނައިގައި ވަނީ : "އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ޢަމަލަށް (އެބަހީ: ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ." މިފަދައިންނެވެ.
އަލްޢަންކަބޫތު ސޫރަތުގެ 29 ވަނަ އާޔަތުގެ މާނައިގައިވެއެވެ: "ހަމަކަށަވަރުން ތިޔަބައިމީހުން ފިރިހެނުންގެ ގާތަށް (ޝަހުވާނީ އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި, ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ އެކަލޭގެފާނު (އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެ މީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވަނީނަމަ ތިމަންމެންނަށް (ތިޔަ ވިދާޅުވާ) الله ގެ ޢަޒާބު ނިކަން ގެނެސްދެއްވައި ބައްލަވާށެވެ!"
ސަދޫމުގެ ނުބައި ޢަމަލުތަކުން, ލޫޠުގެފާނާއި އެކަލޭގެފާނުންގެ އަހުލުވެރިން ސަލާމަތް ކުރެއްވުން އެދި އެކަލޭގެފާނު މާތް اللهއަށް ދުޢާ ދެންނެވިއެވެ. ސަދޫމް ހަލާކުކުރެއްވުމަށް މާތް الله އިރާދަކުރެއްވި ހިނދު, ޒުވާން ރިވެތި ފިރިހެނުންތަކެއްގެ ސިފައިގައި މަލާއިކަތުން ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެއީ މެހެމާނުންތަކެއް ކަމުގައި ހީފުޅުކުރައްވާ ލޫޠުގެފާނު އެ ބޭކަލުންނަށް މަރުޙަބާ ވިދާޅުވިއެވެ. އެކަމަކު ސަދޫމުގެ އަހުލުވެރިންނަށް އެ ރިވެތިކަންފެނި, އެ ބޭކަލުންނާ ދިމާކޮށްފާނެތީ ބިރުފުޅުގެންވަޑައިންނެވިއެވެ. ކަންވީވެސް އެހެންނެވެ.
ސަދޫމް ޝަހަރަށް ވަޑައިގެންނެވި ރިވެތި ޒުވާނުންގެ ޚަބަރައިގެން, ވަޙުޝީ އެދުމުން ފޯވެފައިވާ އެޝަހަރުގެ އަހުލުވެރިން ލޫޠުގެފާނުންގެ ގެކޮޅު ކައިރިއަށް ޖަމާވިއެވެ. ލޫޠުގެފާނު އެބައި މީހުންނަށް އެހިނދު ނަސޭހަތްތެރިވިއެވެ. އެކަލޭގެފާނުންގެ މެހެމާނުންގެ ކުރިމަތީ ފަޟީޙަތް ނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެދުން ފުއްދުމަށް ބޭނުންވާނަމަ ޝަހަރުގެ އަންހެން ދަރީންނާ ކައިވެނިކުރުމަށް ވިދާޅުވިއެވެ. އެކަމަކު އެބައިމީހުންވީ ފާޙިޝް މަސްތެއްގެތެރޭ ޣާފިލުވެގެންތިބި ބައެއް ކަމުގައެވެ.
އެހިނދު މަލާއިކަތުންގެ ޙަޤީޤަތް ލޫޠުގެފާނަށް ހާމަކުރެއްވިއެވެ. މަލާއިކަތުން ވަޑައިގެންނެވި ސަދޫމް ހަލާކު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެ ޝަހަރު ހަލާކު ކުރައްވާނެ ވަގުތަކީ ފަތިސްވަގުތުކަމުގައި ވިދާޅުވެ, އެ ވަގުތުގެ ކުރިން އެކަލޭގެފާނާއި, އަހުލުވެރިން އެރަށުން ނިކުންނެވުމަށް އަމުރުކުރެއްވިއެވެ.
އެދުވަހު ސަދޫމަށް އަލިވިލިގެން އައީ ގަދަފަދަ އަޑަކާއެކުގައެވެ. އެބިމަށް ގަދަފަދަވެގެންވާ ބިންހެލުމެއް އައެވެ. އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން އެ ބިމަށް މާތްالله ވާރޭ ވެއްސެވިއެވެ. އެރަށް ބަންޑުން ޖެއްސެވިއެވެ. މާތް الله ގެ ގަދަފަދަ ޢަޒާބު އައި ހިނދު އެކަލާނގެ ކޯފާއިން ސަލާމަތްކުރެއްވީ އެކަލޭގެފާނުންގެ ދެ ދަރިކަނބަލުން އެކަންޏެވެ. ނުކިޔަމަންތެރިންގެ ތެރޭގައި ހިމެނުނު ލޫޠުގެފާނުގެ އަނބިކަނބަލުން ވެސް އެ ޢަޒާބުގައި ހަލާކުވެގެންދިޔަ މީހުންގެ ތެރޭގައިވިއެވެ.
ބިރަކާނުލައި އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ މީހުންގެ ހުރިހާ ނިޝާނެއް މާތް الله މިދުނިޔެއިން ފޮހެލެއްވިއެވެ. ސަދޫމާއި ސަދޫމުގެ ނަންވެސް ދުނިޔެއިން ނެތިގެން ދިޔައީއެވެ. އެކަމަކު ހާސް އަހަރުފަހުން ސަދޫމު ފަނާކުރެއްވި ހަޑިމުޑުދާރު ފިތުނަ މިހާރު މިވަނީ އާންމުވެފައެވެ. އެލް.ޖީ.ބީ.ޓީ މި ހަތަރު އަކުރުން ރަމްޒު ކޮށްދޭ ފާޙިޝް މުންކަރާތްތަކަށް އަރައިގަތުމަކީ ކުރެވެންޖެހޭ ކަމެއްކަމަށް އަންނަނީ ގޮވަމުންނެވެ. އިންސާނީ ފިޠުރަތާ ޚިލާފުވާހެން ޝަހުވާނީ އެދުން ފުއްދުމަކީ އިންސާނީ ޙައްޤެއް ކަމަށް އަންނަނީ ބުނަމުންނެވެ.
ޖޫން މަހަކީ އެއްވެސް ހަމައެއް ލަމައެއްނެތި ޠަބީޢަތުން ބޭރުން ހަށިގަނޑުގެ ލައްޒަތު ފުއްދަން ބޭނުންވާ މީހުންގެ މަހުގެ ގޮތުގައި ފާހަގަކުރެވޭ މަހެވެ. މިމަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްވުންތަކާއި ހިނގާލުންތައް ބާއްވާ، އެފަދަ ނުބައި ޢަމަލުތަކަށް ބާރުދީ ވަކާލާތު ކުރެއެވެ. އެމީހުން ހިންގާ މުޑުދާރު ހުރިހާ ޢަމަލެއް ރަމްޒުކޮށްދޭ ނިޝާނަކަށް ބޭނުން ކުރަނީ ވިއްސާރަ ދުނީގެ ކުލަތަކެވެ.
މި ކުލަތަކާއެކު ސިއްރާއި ފާޅުގައި ފާޙިޝް ޢަމަލުތަކަށް ވަކާލާތު ކުރާ މި މުޖުތަމަޢުގެ ތެރޭގައި ވެސް އެބަ އުޅެއެވެ. އެމީހުންނަށް ވެސް އިންސާނީ ސަފުން ޖާގަ ދޭންޖެހޭ ކަމަށް ދެކޭ ބަޔަކު ދިވެހިންގެ ތެރޭގައިވެސް އުޅެއެވެ. އެކަމަކު ފަޚްރުވެރި ކަމާއެކު ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު، ސަދޫމުގެ މީހުންގެ މައްޗަށް ފޮނުއްވި އަލިފާނުގެ ވާރޭ މަތިން ހަނދުމަ ނެތުމަކީ އިންސާނިއްޔަތަށް ހުރި ބިރެކެވެ.