ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ބުދަ ދުވަހުގެ ފަތިހު ކުޅުނު މެޗުން ކޮލަމްބިއާ އާއި އާޖެންޓީނާ އެއްވަރުވިއިރު، ޕަރަގުއާއީ ބަލިކޮށް ބްރެޒިލުން ކޮލިފައިންގައި ސައްތައިން ސައްތަ ރިކޯޑު ދަމަހައްޓައިފިއެވެ.
ކޮލަމްބިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ކޮލަމްބިއާގައި ކުޅުނު މި މެޗުގައި އާޖެންޓީނާއިން ވަނީ ފުރަތަމަ އަށް މިނެޓު ތެރޭ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ އާޖެންޓީނާއަށް ލީޑު ނަގައިފިންއިރު، އޭގެ ފަސް މިނެޓު ފަހުން އާޖެންޓީނާގެ ލީޑު ފުޅާކޮށްދިނީ ލެއަންޑްރޯ ޕަރޭޑޭސްއެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފުގައި ކޮލަމްބިއާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ގައުމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް މުރިއެލްއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މިހޭލް ބޯހާ ވަނީ ލަނޑެއް ޖަހައި، ކޮލަމްބިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ،
މީގެ އިތުރުން ކޮލިފައިންގައި ބުދަ ދުވަހުގެ ފަތިހު ޕަރަގުއާއީ އަތުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ޕަރަގުއާއީ ކުޅުނު މި މެޗުގައި ބްރެޒުލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ނޭމާއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބްރެޒިލުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.
މި ނަތީޖާތަކާއެކު ބްރެޒިލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. އާޖެންޓީނާއިން ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެއްވަރުވެފައިވާއިރު، އެ ގައުމު ދެވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް އެކުއެޑޯ ވަނީ ބުދަ ދުވަހުގެ ފަތިހު ޕެރޫ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު އެކުއެޑޯއަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.