ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 22:09
އޭއެފްސީ "ސީ" ލައިސެންސް ކޯސް ފުރިހަމަކުރި ކޯޗުން
އޭއެފްސީ "ސީ" ލައިސެންސް ކޯސް ފުރިހަމަކުރި ކޯޗުން
ރާއްޖެއެމްވީ
އޭއެފްސީ ކޯޗިން ކޯސް
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
ކޯހުގައި 20 ކޯޗުން ބައިވެރިވިއިރު، ފުރިހަމަކޮށްފައިވަނީ 19 ކޯޗުން
އަންހެން ކޯޗުން މިކަހަލަ ކޯސްތަކުގައި ބައިވެރިވުން ގިނަކުރަންޖެހޭ

އޭއެފްސީގެ އެހީތެރިކަމާއެކު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި އޭއެފްސީ "ސީ" ލައިސަންސް ކޯސް ޖުމްލަ 19 ފަރާތަކުން ފުރިހަމަކޮށްފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި، އެހެންނަމަވެސް އޭގެ ތެރެއިން ކޯސް ފުރިހަމަކޮށްފައިވަނީ 19 ފަރާތަކުން ކަމަށެވެ.

 

މި ކޯހުގެ އިންސްޓްރަކްޓަރަކަށް ބޫޓާންގެ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރު ކޮރްކޭ ނިމާ ހަރަކާތްތެރިވިއިރު، އެސިސްޓެންޓް އިންސްޓްރަކްޓަރަކަށް ހަރަކާތްތެރިވެފައިވަނީ އޭއެފްސީ އޭ ލައިސަންސް އޮންނަ ހަމައެކަނި ރާއްޖޭގެ ކޯޗު މުހައްމަދު ޝާޒްލީ އެވެ. މީގެއިތުރުން މި ކޯހުގެ ކޯޑިނޭޓަރަކަށް އަހުމަދު ޝަރީފް (ޑުންގާ) ވަނީ ހަރަކާތްތެރިވެފައެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޑުންގާ ވިދާޅުވީ، މި ކޯހުގައި ކުރީގެ މަޝްހޫރު ކުޅުންތެރިން އަދި ކޮލެޓީ ހުރި ކޯޗުން ބައިވެރިވެފައިވާ ކަމަށާއި، މިއީ ވަރަށް ކާމިޔާބުކޮށް ނިންމާލެވުނު ކޯހެއް ކަމަށެވެ.

 

މި ކޯސް ފުރިހަމަކޮށްފައިވަނީ އެންމެ އަންހެން ކޯޗެއް ކަން ފާހަގަކުރަމުން ޑުންގާ ވިދާޅުވީ، ރާއްޖޭގައި އަންހެން ފުޓުބޯޅަ ތަރައްގީކުރަން އަންހެން ކޯޗުންވެސް އުފެދުން މުހިންމު ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އަންހެން ކޯޗުން ކޯސްތަކުގައި ބައިވެރިވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

 

ޑުންގާ ފާހަގަކުރާގޮތުގައި އަންހެން ކޯޗުން ކޯސްތަކުގައި ބައިވެރިވުމަށް ފަސްޖެހެނީ ކުޅުމުގެ ތަޖުރިބާ ނެތުމުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އަންހެން ފުޓުބޯޅަ މަޑުމަޑުން ކުރިއަރަމުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

އޭއެފްސީ "ސީ" ލައިސަންސް އިތުރު ކޯހެއް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެފްއޭއެމް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް