ކ. މާލެ
|
8 ޖޫން 2021 | އަންގާރަ 23:15
ޔޫރޯ 2020 ގެ ލޯގޯ ކައިރިން ދެ މީހަކު ފޭސް މާސްކް އަޅައިގެން ދަނިކޮށް
ޔޫރޯ 2020 ގެ ލޯގޯ ކައިރިން ދެ މީހަކު ފޭސް މާސްކް އަޅައިގެން ދަނިކޮށް
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020: މުބާރާތް ކުރިއަށްދާނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު
ޔުއެފާއިން ވަނީ މުބާރާތަށް ބޭއްވުމަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަން ހޯދާފައި
ރާއްކާތެރިކަމަށްޓަކައި ކޮވިޑާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވޭ

މިދިޔަ އަހަރު ބާއްވަން ތާވަލުކުރެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތް މި އަހަރަށް ފަސްކުރަން ޖެހުނު އޮތީ ހަމަ އެންމެ ސަބަބެކެވެ. އެއީ މިދިޔަ އަހަރު މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.

ޔޫރަޕުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ނިންމާފައި ވަނީ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ ރާއްކާތެރިކަމަށްޓަކައި ކޮވިޑާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން މުބާރާތުގެ މެޗުތައް ކުރިއަށްގެންދިޔުމަށެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔުއެފާއިން ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެހީތެރިކަން ހޯދައި، އެ ޖަމިއްޔާއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ޓީމުތައް އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވުމެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް 11 ގައުމެއްގެ 11 ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ޔުއެފާއިން މެޗުތައް ހޯސްޓްކުރާ ގައުމުތަކަށް ވަނީ ދީފައެވެ. އެކަމަކު ދަނޑުތަކަށް ސަޕޯޓަރުން ވައްދާނެ އަދަދު ނިންމުމުގެ ފަހުބަސް ބުނާ ބަޔަކީ އެ ގައުމެއްގެ ސިއްހީ އިދާރާއެވެ.

ދަނޑުތަކަށް ސަޕޯޓަރުން ވައްދާ އަދަދު:

  • ގްރޫޕް އޭ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އަޒަބައިޖާނުން ނިންމާފައި ވަނީ ދަނޑުގެ %50 ސީޓް ބޭނުން ކުރުމަށެވެ. ދަނޑަށް ވަނުމަށް ހުއްދަ ލިބޭނީ އަޒަބައިޖާންގެ ރައްޔިތުންނަށާއި ގްރޫޕް އޭ ގައި ހިމެނޭ ގައުމުތަކަށް ނިސްބަވްވާ، މި ވަގުތު އަޒަބައިޖާންގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މިގްރޫޕުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ ،މުޅި ޔޫރަޕުގައިވެސް ކޮވިޑުގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އިޓަލީގައެވެ. އިޓަލީން ޔޫރޯގައި ބޭނުން ކުރާނީ 70،000 ސަޕޯޓަރުންގެ ޖާގައިގެ ރޯމާގެ ސްޓާޑިއޯ އޮމްޕިކޯއެވެ. އިޓަލީގެ ސިއްހީ އިދާރާއިން ކަނޑައެޅީ ދަނޑުގެ %25 ސީޓް ބޭނުން ކުރުމަށެވެ. މާނައަކީ މެޗު ބެލުމަށް އެއްފަހަރާ ދަނޑަށް ވަދެވޭނީ 17،659 (ސަތާރަހާސް ހަސަތޭކަ ފަންސާސް ނުވަ) ސަޕޯޓަރުންނަށެވެ.
  • ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޑެންމާކުން ނިންމީ ދަނޑުތަކުގެ %25-33 ސީޓް ބޭނުން ކުރުމަށެވެ. މިގްރޫޕުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވާ ރަޝިޔާއިން ނިންމީ ދަނޑުގެ ދެބައި ކުޅަ އެއްބައި ސީޓް ބޭނުން ކުރުމަށެވެ.
  • ގްރޫޕް ސީ ގެ މެޗުތައް ކުޅުމަށް ހަމަޖެފައިވާ ނެދަލޭންޑްސްއިން ނިންމީ 16،000 ސަޕޯޓަރުންނަށްވުރެ އިތުރަށް ދަނޑަށް ނުވެއްދުމަށެވެ.
  • ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިންގްލެންޑާއި ސްކޮޓްލޭންޑުން ނިންމީ ދަނޑުގެ %25 ސީޓް ބޭނުން ކުރުމަށެވެ. އެކަމަކު މެޗުތައް ކުރިއަށްދާ މިންވަރަކުން ސަޕޯޓަރުން ދަނޑަށް ވައްދާ މިންވަރު އިތުރު ކުރުމުގެ ވިސްނުން އިންގްލެންޑުން ގެންގުޅެއެވެ.
  • ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޕެއިނުން ނިންމީ، މެޗުތައް ކުޅެން އެގައުމުން ހަމަޖެއްސި 60،000 ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭ ސެވިއްޔާ ދަނޑުގެ %30 ސީޓް ބޭނުން ކުރުމަށެވެ. އެހެން ކަމުން މިގްރޫޕުގެ މެޗުތައް ބެލުމަށް އެއްފަހަރާ ދަނޑަށް ވަދެވޭނީ 18،000 ސަޕޯޓަރުންނަށެވެ.
  • ގްރޫޕް އެފް ނުވަތަ މިފަހަރުގެ މަރުގެ ގްރޫޕް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޖަރުމަނާއި ހަންގޭރީއިން ވަނީ ސަޕޯޓަރުންނަށް ލުއި ޕެކޭޖްތަކެއް ހުޅުވާލާފައެވެ. ހަންގޭރީން ނިންމީ އެގައުމުން މުބާރާތުގެ މެޗުތައް ހޯސްޓްކުރާ "އެރީނާ ނެޝަނަލާ" ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީ ބޭނުން ކުރުމަށެވެ. މިދަނޑަށް އެއްފަހަރާ 55،00 (ފަންސާސް ފަސްހާސް) ސަޕޯޓަރުންނަށް ވަދެވެއެވެ. އަދި މެޗް ބެލުމަށް ތިން ދުވަހަށް ވުރެ ކުރު މުއްދަތަކަށް ހަންގޭރީއަށް ދަތުރުކުރާނަމަ، ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އެކަމަކު ދަނޑަށް ވަނުމަށް އެހެނިހެން ގައުމުތަކޭ އެއްގޮތަކަށް ޕީސީއާރް ނެގަޓިވް ނަތީޖާއެއް ބޭނުން ވާނެއެވެ.
  • މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޖަރުމަނުން މުބާރާތުގައި ބޭނުންކުރާނީ މަޝްހޫރު ބަޔާން މިޔުނިކް އަލިއަންޒާ އެރީނާއެވެ. 70،000 (ހަތްދިހަ ހާސް) ސަޕޯޓަރުންގެ ޖާގައިގެ މި ސްޓޭޑިއަމްއަމަށް ޖަރުމަނުން ވެއްދުމަށް ނިންމީ އެއްފަހަރާ އެންމެ 14،500 ސަޕޯޓަރުންނެވެ. ޖަރުމަނަކީ ކޮވިޑް މިދިޔަ އަހަރު ޔޫރަޕުގައި އެންމެ ބޮޑަށް ގޯސް ވެގެންދިޔަ ހާލަތުގައިވެސް، ބަލި ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދައްކާފައިވާ ގައުމުކަން ފާހަގަކޮށްލެވެއެވެ.

ޓީމް ބޭސް ކޭމްޕްސް

މުބާރާތް ކުރިއަށްދާ ދުވަސް، ޓީމުތައް ތިބުމަށް "ޓީމް ބޭސް ކޭމްޕްސް" މިފަހަރު ވަނީ ތައާރަފުކޮށްފައެވެ. ކޮންމެ ޓީމަކުންވެސް މެޗް ކުޅުމަށްފަހު އެނބުރި އެ ޓީމެއްގެ ބޭސް ކޭމްޕަށް އަންނަން ޖެހެއެވެ. ބޭނުމަކީ ކޮވިޑް ނުރައްކަލުން ކުޅުންތެރިންނާއި އޮފިޝަލުން ސަލާމަތް ކުރުމެވެ. ޕޯޗުގަލް ފިޔަވައި މަޝްހޫރު ހުރިހާ ގައުމަކަށް އެގައުމެއްގެ ޓީމް ބޭސް ކޭމްޕް އެގައުމެއްގައި ހެދުމުގެ ފުރުސަތު ލިބިގެން ވަނީ ގޮސްފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ބޭސް ކޭމްޕް ޖަހާނީ އެ ޓީމުން ގްރޫޕް ސްޓޭޖުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ހަންގޭރީގައެވެ.

ކޮވިޑާ ގުޅިގެން މެޗުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ގޮތް:

  • ކޮވިޑް ހަލާތާ ގުޅިގެން 23 ކުޅުންތެރިންގެ ސްކޮޑުގެ ބަދަލުގައި މިފަހަރު ކޮންމެ ގައުމަކަށް 26 ކުޅުންތެރިންގެ ސްކޮޑެއް ހުށަހެޅުމުގެ ފުރުސަތު ލިބޭ.
  • މުބާރާތުގެ ކުރިން ކުޅުންތެރިންގެ ކޮވިޑް ޓެސްޓް ހަދާނެ، ޕޮޒިޓިވްވާ ކުޅުންތެރިންނަށް ސްޑާއެކު ދަތުރު ނުކުރެވޭނެ.
  • މެޗު ކުޅެމުންދާއިރު ފަސް ބަދަލު ގެނައުމުގެ ފުރުސަތު ލިބިދޭ.
  • ޔުއެފާގެ އެގްޒެކްޓިވް ކޮމެޓީއިން ނިންމާފައި ވަނީ ޓީމަކުން ކުޅުންތެރިން ކަރަންޓީން ކުރަން ޖެހޭ ހާލަތެއް ކުރިމަތި ވިނަމަވެސް، ކުޅެވޭ ހާލަތުގައި 13 ކުޅުންތެރިން ތިބިނަމަ އެޓީމެއްގެ މެޗުތައް ކެންސަލް ނުކޮށް ކުރިޔަށް ގެންދިޔުމަށް. މިހާލަތުގައި މެޗަށް ނެރޭ ޓީމު ލިސްޓުގައި އެންމެ ގޯލް ކީޕަރެއްގެ ނަންވެސް ހިމަނަން ޖެހުމުގެ ފުރުސަތު އެބައޮތް.
  • ޓީމަކުން 13 ކުޅުންތެރިން މެޗަށް ނެރެވެން ނެތް ހާލަތެއް ކުރިމަތިވެ މެޗް ފަސް ކުރަން ޖެހިއްޖެނަމަ، ޖެހިގެން އަންނަ 48 ގަޑިއިރު ތެރޭގައި މެޗް އަލުން ކުޅޭނެ ތާރިހާއި ދަނޑު ޔުއެފާއިން އިއުލާން ކުރާނެ.
  • ޔުއެފާއިން އަޅާ ފިޔަވަޅުތަކާއެކުވެސް ޓީމަކުން މެޗް ކުޅެން އުޒުރުވެރިވާނަމަ، އެޓީމެއް އެމެޗުން 3-0 އިން ބަލިވި ކަމަށް ނިންމާނެ.
- ކޮމެންޓް