ޑިޕްލޮމެޓުންނާއި އެނޫން މީހުންގެ ތަފާތު އެންމެ ބޮޑަށް ފާޅުވާ ދާއިރާއަކީ ބަސްމަގެވެ. ޑިޕްލޮމެޓުންގެ ބަސްމަގު އޮމާންވެފައި ވަރަށް ޗާލުވާނެއެވެ. މިކަމަށް އިޝާރާތްކުރެވިގެން ހެދިފައި އޮންނަ ޖޯކެއްވެސް އޮވެއެވެ. ކަލޭގެ ނަރަކަޔަށް ދާށޭ ޑިޕްލޮމެޓަކު ވިދާޅުވިއަސް ނަރަކަޔަށް ދާން އަނެއް މީހާ ދަތުރު ހަދައި އިންތިޒާރު ކުރާނެއެވެ. އެބަސް ބޭރުކުރައްވާނީ އެހައިވެސް ފަށުވިކޮށް މެޓާ ކަރުދާހުގައެވެ.
އދ އަށް ފަންސާސް އަހަރު ފުރުމުގެ ހަރަކާތުގެ ތެރެއިން 1995 ވަނަ އަހަރު ރާއްޖޭގައި ޓީވީ ޕްރޮގްރާމްތަކެއް ހެދި ދުވަސްވަރު އަޅުގަޑަށްވެސް މިކަން އޮތީ ތަޖުރިބާ ކުރެވިފައެވެ. ޓީވީ މޯލްޑިވްސްއާއި ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީސް ގުޅިގެން "ޔޫއެން ފަންސާސް" މި ނަމުގައި އުފެއްދި ސިލްސިލާ ޕްރޮގްރާމް ހުށަހަޅައިދިނީ އަޅުގަޑެވެ. ޕްރޮގްރާމުގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސް އޮފީހުގެ ފަރާތުން އަބްދުﷲ ޝާހިދު އެއްދުވަހަކު ވަޑައިގެންނެވިއެވެ. ހަނދާންވާގޮތުގައި އޭރު ޝާހިދަކީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކަޓިވް ސެކްރެޓަރީއެވެ.
ކޮންމެއަކަސް އަޅުގަޑުގެ މަސައްކަތާމެދު ހެޔޮ ބަސްފުޅެއް ވިދާޅުވުމުގެ ގޮތުން އެދުވަހު ޝާހިދު ވިދާޅުވިއެވެ. މައުލޫމާތު ބަރާބަރެވެ. ހިތަށް އަރައެވެ. އދ ގެ އާއްމު މަޖިލީހުގެ ސެޝަނެއް ކުރިއަށް ދަނިކޮށް ވާނުވާ ބަލާލައި އަޑުއަހާލަން އދގެ ހެޑްކުއާޓަރަށް ގެންދެވޭނޭ ނަމައެވެ. އެވެސް ނުކުރެވޭނޭ ކަމެއް ނޫނެވެ. އެކަން ކުރެވޭތޯ ބާރުއަޅައިދޭނަމެވެ. އެދުވަހަށް ފަހު އަޅުގަޑު އަދިވެސް މިހުންނަނީ އދ ގެ އާއްމު މަޖިލީހުގެ ސެޝަނެއް ބަލައިލާން ދެވޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އޭގެ ފަހުން މިހާރު ސައްބީސް އަހަރެވެ. އަޅުގަޑުގެ އިންތިޒާރު އަދިވެސް އޮތީއެވެ.
މި މުއްދަތުގެ ތެރޭގައި އަބްދުﷲ ޝާހިދު ދެފަހަރެއްގެ މަތިން ރާއްޖޭގެ ޚާރިޖީވަޒީރު ކަމަށް ވަޑައިގެންފިއެވެ. އަދި ކިޔެއްތަ އެ މަޖިލީހަކާމެދު މީގެ ސައްބީސް އަހަރު ކުރިން އަޅުގަޑަށް އިޝާރާތެއް ކުރެއްވި އދ ގެ އާއްމު މަޖިލީހުގެ ރިއާސަތަށްވެސް އެމަނިކުފާނު އިންތިޚާބުވެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީގެ ޑެސްކު
އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އޮނަރަބްލް ޝާހިދު ވަޑައިގެންނެވުމުގެ ކެމްޕޭނު ކުރިއަށް ދަނިކޮށް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމަނިކުފާނާއި ބައްދަލުވުމުގެ ފުރުސަތު އަޅުގަޑަށް ލިބުނެވެ. އެބައްދަލުވުމެއް އޮތީ ފޮރިން މިނިސްޓްރީ މިހާރު ހިންގަމުންދާ ކުރީގެ މާލެތިލައޭ ކިޔުނު ތުނޑީގައެވެ. އެމަނިކުފާނުގެ ކެބިންގައެވެ.
އެދުވަހު އަޅުގަޑަށް އެ ކެބިންގެ ތެރެއިން ވަރަށް ފުރިހަމަ ވަރަށް ބޮޑު ޑެސްކެއް ދައްކަވައިފައި ވިދާޅުވިއެވެ. މިއީ ކޮން ޑެސްކެއްކަން އެނގޭހެއްޔެވެ. އަޅުގަޑު ދެންނެވީމެވެ. ތިޔައީ މިނިސްޓަރުގެ ރަސްމީ ޑެސްކު ނޫންތޯއެވެ. މަނިކުފާނުގެ ޑެސްކު ނޫންތޯއެވެ.
ވިދާޅުވިއެވެ. ނޫނެކެވެ. ތިޔައީ ދިވެހި ޚާރިޖިއްޔާގެ ބާނީ މަރުހޫމް ފަތުހުﷲ ޖަމީލުގެ މިނިސްޓަރު ކަމުގެ ދުވަސްވަރު އެމަނިކުފާނު އެންމެ ފަހުން ބޭނުންކުރެއްވި ޑެސްކެވެ. އެމަނިކުފާނުގެ ޝަރަފަށްޓަކައި އަދި ޒިކުރާއަށްޓަކައި ތިޔަ ޑެސްކު ތިޔަތާނގައި ބެހެއްޓީއެވެ. އަޅުގަޑު ބޭނުންކުރަނީ މިހިރަ މީޓިން ޓޭބަލެވެ. އެހެންވިދާޅުވެފައި އެތާގައި ހުރި ވަށްމޭޒެއް ދެއްކެވިއެވެ.
ފަތުހުﷲ ޖަމީލަކީ ޝާހިދުގެ ކާކު؟
ފަތުހުﷲ ޖަމީލަކީ 1978 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމަޔަށް މެދުނުކެނޑި 27 އަހަރުގެ ދިގު މުއްދަތެއްގައި ރާއްޖޭގެ ޚާރިޖީވަޒީރުކަން ކުރެއްވި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މޭސްތިރިއެވެ. ދިވެހި ޚާރިޖިއްޔާއަށް ޒަމާނީ ސިފަ ގެންނެވި އާރުކާޓީއެވެ. ދިވެހި ޚާރިޖިއްޔާގެ ރަސްމީ އިމާރާތަށް ފަތުހުﷲ ޖަމީލު ބިލްޑިންގްގެ ނަމުން ނަންދިނުމުގެ ސިއްރަކީވެސް ދިވެހި ޚާރިޖިއްޔާއަށް އެމަނިކުފާނަށްވުރެ ގިނަ ދުވަހު އެހާ ގިނަ ޚިދުމަތްތަކެއް ކުރެއްވި އެހެން ބޭފުޅަކު ނެތުމުން އެމަނިކުފާނުގެ ހަނދާނުގައެވެ.
މަރުހޫމް ފަތުހުﷲ ޖަމީލަކީ އޮނަރަބްލް އަބްދުﷲ ޝާހިދުގެ އުސްތާޒެވެ. ޚާރިޖީ ދާއިރާގައި އޮނަރަބްލް ޝާހިދު ތަމްރީނުވެވަޑައިގެންނެވީ ފަތުހުﷲ ޖަމީލުގެ ބެއްލެވުމުގެ ދަށުންނެވެ. ތައުލީމީ ދައުރަށްފަހު އެންމެ ފުރަތަމަ ގައުމީ ޚިދުމަތް ފެއްޓެވީވެސް ފަތުހުﷲ ޖަމީލުގެ ބެއްލެވުމުގެ ދަށުން ދިވެހި ޚާރިޖިއްޔާގައެވެ.
މަރުހޫމް ފަތުހުﷲ ޖަމީލަކީ އޮނަރަބްލް ޝާހިދުގެ ހަމައެކަނި އުސްތާޒަކީއެއް ނޫނެވެ. އެއީ ބޭބެއެވެ. ފަތުހުﷲ ޖަމީލަކީ މުހައްމަދު ޖަމީލުގެ ދަރިކަލުންނެވެ. އޮނަރަބްލް ޝާހިދަކީ މޫސާ ޖަމީލުގެ ދަރިކަލުންނެވެ. މުހައްމަދު ޖަމީލާއި މޫސާ ޖަމީލަކީ ދެބައިންނެވެ. އެހެންވީމާ ޝާހިދަކީ ފަތުހުﷲ ޖަމީލުގެ ދެބެއިންގެދަރި ކޮއްކޮއެވެ.
އޮނަރަބްލް ޝާހިދުގެ ޝައުގުވެރިކަން ޑިޕްލޮމަސީގެ ދާއިރާއަށް އަމާޒުވުމާއި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ ޝައުގު އުފެދުމާއި ޚާރިޖިއްޔާގެ ޚިދުމަތާއި ގުޅިވަޑައިގެންނެވުމުގެ ގަސްތާއި މިހުރިހާ ކަމެއް އުފެދިގެން އައީ ފަތުހުﷲ ޖަމީލުގެ ސަބަބުންނެވެ. ޑިޕްލޮމަސީއަކީ އާއިލީ ޝައުގަކަށް ވުމުންނެވެ. އާއިލީ ހުނަރަކަށްވެސް ވުމުންނެވެ. ކޮންމެއަކަސް އޮނަރަބްލް ޝާހިދުގެ މަދުރަސީ ދައުރުން ފެށިގެންވެސް ނަމޫނާއަކަށް ބައްލަވަމުން ގެންދެވި ބޭފުޅަކީ އެމަނިކުފާނުގެ ފަތުހުﷲ ބޭބެއެވެ.
ޚާރިޖީ ޚިދުމަތުގެ ދާއިރާއާ ގުޅިވަޑައިގަތުން
އޮނަރަބްލް ޝާހިދު ދިވެހި ޚާރިޖިއްޔާގެ ޚިދުމަތްތަކާ ގުޅިވަޑައިގަތީ މާލެއިން ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވުމާއެކުހެން ވަރަށް ޒުވާން އުމުރުފުޅުގައި 1984 ވަނަ އަހަރުއެވެ. ފުރަތަމަ ވަޒީފާއަކީ ޚާރިޖިއްޔާގެ ޑެސްކް އޮފިސަރުކަމެވެ.
އޮނަރަބްލް ޝާހިދު މަތީ ތައުލީމަށް އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާއަށް ފުރާވަޑައިގެންނެވީ ޚާރިޖިއްޔާގެ ވަޒީފާގައި އުޅުއްވަމުންނެވެ. ކެންބެރާގެ ކޮލެޖް އޮފް އެޑްވާންސްޑް އެޑިއުކޭޝަނުގައި ޕޮލިޓިކަލް ސައެންސްގެ ޑިގްރީއެއް 1987 ވަނަ އަހަރު އެމަނިކުފާނު ހާސިލް ކުރެއްވިއެވެ. އެޔާއެކު އދ ގައި ހުންނަ ރާއްޖޭގެ މިޝަނުގައި ދިވެހި ފޮރިން ސާރވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެގޮތުން 1987ން 1994ށް އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ޝާހިދު ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ބައްދަލުވުންތަކުގައި ތަފާތު މައްސަލަތަކުގައި ކުދި ގައުމުތަކުގެ އަޑު އިއްވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އދ. ގެ އިތުރުން ކޮމަންވެލްތާއި އޯއައިސީ ފަދަ ތަންތަނުގެ ޖަލްސާތަކުގައިވެސް ރާއްޖެ ތަމްސީލުކުރެއްވިއެވެ. ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ތަޖުރިބާތައް ހާސިލް ކުރެއްވިއެވެ.
އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ މާސްޓަރސް ޑިގްރީ ޕްރޮގްރާމު ވެސް ފުރިހަމަ ކުރައްވައިފައެވެ. އެމެރިކާގެ މެސެޗޫސްޓްސްގައި ހުންނަ ޓުފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން 1991 ވަނަ އަހަރު ޝާހިދު ވަނީ އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލް ކުރަައްވައިފައެވެ. އެޔާއެކު ޚާރިޖިއްޔާގައި އެމަނިކުފާނުގެ މަގާމުވެސް އުފުލިގެންދިޔައެވެ. މިނިސްޓްރީގެ އިންޓަނޭޝަނަލް އެފެއާޒް ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގަތެވެ.
ދިވެހި ޚާރިޖިއްޔާގެ ޚިދުމަތުން 1994 ވަނަ އަހަރު ޝާހިދު ދެން ބަދަލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތަށެވެ. އެންމެ ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެނީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކަޓިވް ސެކްރެޓަރީގެ މަގާމެވެ.
"ތިއަރީ ހެންރީއެއް ނޫނެވެ. ތިއަރީ އޮންރީއެވެ"
ރައީސް އޮފީހުގައި ޝާހިދު ހުންނެވި ދުވަސްވަރުގެ ހަނދާނެއް އާކޮށްލާނަމެވެ. އެއީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕު ދުވަސްވަރެވެ. އެއްދުވަހަކު ރައީސް އޮފީހުން ކުޑަވަރެއްގެ ފޮތެއް އަޅުގަޑާ ހަމަޔަށް އަތުވެއްޖެއެވެ. އޭގައިހުރީ ބިދޭސީ ކުޅުންތެރިންގެ ނަން ކިޔަންވީ ގޮތުގެ ވާހަކައެވެ. ތިއަރީ ހެންރީއޭ ލިޔެފައި އޮތަސް ކިޔާންވާނީ ތިއަރީ އޮންރީއޭ ކަމަށް އޮތެވެ.
މިފޮތާމެދު ވިސްނާން އިންދައި ރައީސް އޮފީހުން ޝާހިދު ގުޅުއްވައިފިއެވެ. ވިދާޅުވިއެވެ. ކުޑަވަރެއްގެ ހަދިޔާއެއް ފޮނުވީމެވެ. އޭގެ ބޭނުން މިދުވަސްވަރު ހިފާނޭކަމަށް ހީކުރަމެވެ. ބޭރު މީހުންގެ ނަންތައް ކިޔޭތޯ ބަލަންވާނީ އެވެރިންވެސް ކިޔާގޮތަށެވެ.
ރައީސް އޮފީހުން އަބްދުﷲ ޝާހިދު އެ ހަދިޔާ ކުރެއްވީ ރައީސް މައުމޫން ވިދާޅުވެގެން ކަމެއް ނޫނީ ޝާހިދުގެ އަމިއްލަފުޅު އިސްނެންގެވުމެއް ކަމެއް އަޅުގަޑަށް ސާފެއް ނޫނެވެ. އަޅުގަޑަށް ސާފު ކަމަކީ އެހަދިޔާގެ ސަބަބުން ބަލްގޭރިޔާއާއި ނޯވޭއާއި ބެލްޖިއަމާއި މިހެންގޮސް ބައެއް ގައުމުތަކުގެ ކުޅުންތެރިންގެ ނަންތައް ކިޔާން އަޅުގަޑާއި އަޅުގަޑުގެ ބައިވެރިޔާ މުހައްމަދު ޝާހިދަށް ވަރަށް ފަސޭހަވި ކަމެވެ.
އެޒަމާނަކީ ކޭބަލް ޓީވީގެ ޒަމާނެއް ނޫނެވެ. އެހެންވީމާ ބޭރުގެ ކޮމެންޓޭޓަރުން ނަންކިޔައި އުޅޭގޮތް އަޅުގަޑުމެންނަށް އެހާ ފަރިތައެއް ނޫނެވެ. އެކަމަކު އޭރުވެސް އިޓަލީއާއި ސްޕޭނުގެ ކުޅުންތެރިންގެ ނަންތައް ކިޔާން އަޅުގަޑު ވަރަށް ފަރިތައެވެ.
ޝާހިދުގެ ޚާރިޖީވަޒީރުކަން
ރައީސް އޮފީހުގެ ޚިދުމަތަށްފަހު އަނެއްކާވެސް 2005 ވަނަ އަހަރު ޚާރިޖިއްޔާގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއެވެ. މިފަހަރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ގިނަ ދުވަސްތަކެއް ނުވެ އެމަނިކުފާނަށް ފޮރިން މިނިސްޓަރުކަންވެސް ލިބިވަޑައިގެންނެވިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު ދެ އަހަރު ކަމަށްވާ 2007ން 2008ށް އޮނަރަބްލް ޝާހިދު ހުންނެވީ ޚާރިޖީވަޒީރު ކަމުގައެވެ.
އެ ދައުރަށްފަހު ދެން އަލުން އޮނަރަބްލް ޝާހިދު ޚާރިޖީވަޒީރުކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރެއްވުމާއެކު އެކުލަވައިލެއްވި ކެބިނެޓުގައި ހިމެނިވަޑައިގެންނެވެ.
ބޭރުދުނިޔެއާއި ރާއްޖޭގެ ކިލަނބުވެފައިވާ ގުޅުންތައް އަލުން ރަގަޅުކުރައްވައި ރާއްޖޭގެ ހައްގު މަގާމަށް ރުޖޫއަކުރުމުގެ މަސައްކަތް ރައީސް ސާލިހު ހަވާލު ކުރެއްވީ އެދާއިރާއިން ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އަދި ތޫނުފިލި ފަރާތް ކަމުގައިވާ އޮނަރަބްލް އަބްދުﷲ ޝާހިދާއެވެ.
ވަޒީރުކަމުގެ ދެ ދައުރުގެ ދޭތެރޭގައި ކުރެއްވީ ކޮންކަމެއް؟
އޮނަރަބްލް އަބްދުﷲ ޝާހިދު ދެވަނަ ފަހަރަށް ޚާރިޖީ ވަޒީރުކަމަށް 2018 ވަނަ އަހަރުގެ ފަހުކޮޅު ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް ފާހަގަ ކުރެވޭ މުހިއްމު މަގާމުތަކެއް ވަނީ ފުރުއްވައިފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމެވެ. އެމަނިކުފާނު ވަނީ 28 މެއި 2008ން 28 މެއި 2014ށް މަޖިލީހުގެ ރައީސްކަން ކުރައްވައިފައެވެ. މަޖިލީހަށް ޝާހިދު ހޮވިވަޑައިގެންނެވީ ވ އަތޮޅު ކެޔޮދޫ ދާއިރާގެ ގޮނޑިއަށެވެ.
އޭގެ ފަހުންވެސް 2014ން 2018ށް ހެންވޭރު އުތުރު ދާއިރާގެ މަޖިލީސް ގޮނޑިއަށް ޝާހިދު ހޮވިވަޑައިގެންނެވިއެވެ. އެހެންވީމާ ވަޒީރުކަމުގެ ދެ ދައުރުގެ ދޭތެރޭގައި ދިހަ އަހަރު އޮނަރަބްލް ޝާހިދު ހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންގެ މަޖިލީހުގައެވެ. އޭގެ ތެރެއިން ފުރަތަމަ ފަސް އަހަރު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައެވެ.
"އޭރު ބޮލުގައި އިސްތަށި ގިނައެވެ. މިހާރަކު ނެތެވެ"
ޚާރިޖީ ދާއިރާގެ އެންމެ އާދައިގެ ވަޒީފާއަކުން ފެއްޓެވި ކެރިއަރުގައި އެ ދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަގާމަކަށް ވަޑައިގަތުމަކީ އޮނަރަބްލް އަބްދުﷲ ޝާހިދުގެ ވަރަށްވެސް މަތިވެރި ކާމިޔާބީއެކެވެ. އެމަނިކުފާނު އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގެންނެވުމަކީ މިއަދު އޮނަރަބްލް ފަތުހުﷲ ޖަމީލު ދުނިޔޭގައި ހުންނެވިނަމަ ހަގީގަތުގައިވެސް ވަރަށް ފަޚުރުވެރިވެވަޑައިގަންނަވާނޭ ކަމެކެވެ.
ޝާހިދުގެ މިކާމިޔާބީއަކީ ހުރިހާ ދިވެހިންނަށްވެސް ލިބުނު ކާމިޔާބީއެކެވެ. ހިތްވަރެކެވެ. ކުރިމަގަށް އުންމީދާއެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ހިތްވަރެކެވެ. އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާއެކު ދެއްވި ތަގުރީރުގައި ޝާހިދުގެ މި ދަތުރުގެ ހަނދާންތައް އެމަނިކުފާނު ސިފަކުރެއްވީ މިފަދައިންނެވެ.
"މިއަދު މިތަނުގައި ހުއްޓި ހުންނައިރު ހަނދާނަށް އަންނަނީ އަލަށް ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްތަކުގެ މަތިންނެވެ. އެއީ ބޮލުގައި އިސްތަށި ހުރި ޒަމާނެވެ. އދ. ގެ މައި މަރުކަޒުގެ ހޯލުތަކުގެ ތެރޭ ހިނގައި، ޗެމްބަރަށް ވަދެނުކުމެ ހެދި އެ ދުވަސްތަކަކީ އެ ތަނުގެ ތާރީޚާމެދު ޝައުގުވެރިކަން އިތުރުވެ، ކުރިއަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ގިނަ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ހުރި ކުޅަދާނަކަމާއި ބާރާމެދު ހައިރާންކަން އުފެދުނެވެ. އެހެންމެ ކުރިއަށް ދެވެން އޮތް މަގަކީ އެއީކަމަށްވެސް ގަބޫލު ކުރެވުނެވެ"
އޭރު ބޮލުގައި އިސްތަށި ގިނައޭ ވިދާޅުވެ އޮނަރަބްލް ޝާހިދު ސަމާސާގެ ރާގެއްގައި އެވިދާޅުވީ ހަގީގަތުގައި ސަމާސާ ވާހަކަފުޅެއް ނޫނެވެ. އެއީ ސީރިއަސް ވާހަކަފުޅެކެވެ. އެވިދާޅުވި އެއްޗަކީ ޑިޕްލޮމަސީގެ މި ދާއިރާއަށް ވަރަށް ޒުވާން އުމުރުގައި ވަދެއްޖައީމެވެ. ބޮލުން އިސްތަށި ފޭބީ މި ދާއިރާގައި އުޅެއުޅެ ހުއްޓައެވެ. އެއީ ބޭކާރުވެގެންދިޔަ އިސްތައްޓެއް ނޫނެވެ. ދުނިޔެއަށްޓަކައި ކުރެވުނު ގުރުބާނީއެކެވެ.
އެހެންވީމާ ލައްކަ ގިނަ ތަޖުރިބާ އެބަހުއްޓެވެ. އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ބަލަހައްޓާނީ މި ތަޖުރިބާގެ ބޭނުނުންކޮށް އދ އަށާއި ދުނިޔެއަށް އެންމެ ފައިދާވާނޭ ގޮތަށް ވިސްނައިގެންނެވެ. މި މަގާމަށް ދުނިޔޭގެ 143 ގައުމަކުން ވޯޓުދީގެން ގެނައީ ތަޖުރިބާއަށް ބަލައިފައެވެ. އެކަން ގަބޫލު ކުރަމެވެ. ބަލައިގަންނަމެވެ.