ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ މެޗުން ލަޓްވިއާ އަތުން ތަފާތު ބޮޑުކޮށް ޖަރުމަން މޮޅުވެއްޖެއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޖަރުމަން މޮޅުވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޖަރުމަނުން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ހާފުގައި އެ ގައުމުން ވަނީ ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ރޮބިން ގޮސެން ޖަރުމަނަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނިޓް ފަހުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އެ ގައުމުގެ ތިންވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.
އަދި މެޗުގެ 39 ވަނަ މިނެޓުގައި ލަޓްވިއާގެ ރޮބާޓް އޮޒޮލް އަތުން ބައިކޮޅަށް ވަން ލަނޑާއި، އިތުރު ވަގުތުގައި ސާޖް ގްނަބްރީ ޖެހި ލަނޑާއެކު ޖަރުމަނުން ވަނީ ފުރަތަމަ ހާފުގައި ފަސް ލަނޑު ހަމަކޮށްފައެވެ. ދެން މި މެޗުގައި ޖަރުމަނުން ޖެހު އަނެއް ދެ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޓިމޯ ވާނާ އާއި ލެރޯއި ސާނޭއެވެ. މި މެޗުގައި ލަޓްވިއާގެ ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސެއީސް ސަވެލްޔެވްސްއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން ޖަރުމަން މޮޅުވިއިރު، މި މުބާރާތަށް ތައްޔާރުވުމަށް ކުޅުނު ފުރަތަމަ މެޗުން ޖަރުމަން ވަނީ ޑެންމާކާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި ފަހަރުގެ ޔޫރޯގައި ޖަރުމަން ހިމެނެނީ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީ، ޕޯޗުގަލް އަދި ފްރާންސެވެ.