ލިއުޝާ ޝާކިރު މެތަޑޯން ފަރުވާއަށް ނައުމުން އާއިލާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ)އިން ބުނެފިއެވެ.
ލިއުޝާއަކީ މަސްތުވާތަކެތި ސަލާމަތްވުމަށް މެތަޑޯން ފަރުވާ ނަގަމުން އައި ޒުވާނެކެވެ. ނަމަވެސް މެއި މަހުގެ 21 ވަނަ ދުވަހުގެ ފަހުން ފަރުވާއަށް ގޮސްފައެއް ނުވެއެވެ. އޭގެ ފަހުން މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅެމުން ދިޔަ ކޮޓަރިންނެވެ.
މިކޭހާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެންޑީއޭއިން ބުނީ ލިއުޝާ ފަރުވާއަށް ނައުމުން އޭނާގެ އިތުރުން ލިއުޝާގެ އާއިލާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮންޓެކްޓް ނުވެ އުޅެނިކޮށް ލިބުނީ މަރުވި ޚަބަރު ކަމަށެވެ. އެންޑީއޭއިން ބުނީ މެތަޑޯން ފަރުވާގައި އަންނަން ޖެހޭ ގޮތަށް ފަރުވާ ނުނަގާނަމަ އޮޓޯއިން ޕްރޮގްރާމުން ވަކި ވާނެ ކަމަށެވެ.
ވަކި ގޮތަކަށް އެޑޯޒްތައް ފުރިހަމަ ކުރަމުންދާނީ. އެންމެ ދުވަހެއް ވެސް އެހެން ނައިސްގޮސްފިނަމަ އަލުން ޕްރޮގްރާމް ފަށަން ޖެހޭނީއެންޑީއޭ
އެންޑީއޭއިން ބުނީ މެތަޑޯންގެ ފަރުވާ ނަގައިގެން ބައެއް މީހުން އެއްކޮށް މަސްތުވާތަކެތިން ސަލާމަތްވެފައިވާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެފަދަ މީހުން ރަނގަޅު ކުރުމަށް ކަމަށާއި، އަދި އެމީހުންނަށް އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި މީހަކު އެއްކޮށް ރަނގަޅުވެ މުޖުތަމައުއަށް ނުކުތުމަކީ އެންޑީއޭއަށް ވެސް ލިބޭ އެންމެ ބޮޑު ކުރިއެރުންކަން ފާހަގަކުރިއެވެ.
ލިއުޝާގެ މަރާގުޅޭ ގޮތުން އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ވިދާޅުވީ ލިއުޝާ ޕްރޮގްރާމަށް ނައުމުން އެންޑީއޭއިން ވީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށާއި މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އެހާ ދުވަސްވެގެންދާއިރު ޚަބަރު ބަލާނުލެވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަދީބު ވިދާޅުވިއެވެ.
ރާއްޖޭގައި އެންޑީއޭ ފިޔަވައި ފަރުވާ ހޯދުމަށް ދާނެ އެހެންތަނެއް ނެތްއިރު މިއަށްވުރެ ބޮޑަށް މިފަދަ ކޭސްތަކަށް ސަމާލުވާން ޖެހޭކަން އަދީބު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ފަރުވާ ނަގާ ކުދިން ފަރުވާއަށް ނައުމުން އެކުއްޖަކު ހުރި ހިސާބަކަށް ގޮސް ކަންކަން ބަލާކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެއްވެސް އުސޫލެއް މިންގަނޑެއްނެތި ކަންކަން ކުރުމުގެ ނަތީޖާއަކީ ފަރުވާއޭ ކިޔައިގެން ކުރެވޭ ކަންކަމުން ލިބެންޖެހޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވުން ކަމަށެވެ. މީގެ އިތުރުން އަދީބު ވިދާޅުވީ ރާއްޖޭގައި ފަރުވާ ބައްޓަން ވަނީ ވަރަށް އަމުރުވެރިކޮށް ކަމަށެވެ. ދެމުންދާ ފަރުވާތަކަކީ ކޮން އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއްކަން ބުނެދޭން ޖެހޭ ކަމަށެވެ.
ގަލޮޅު ގެއަކުން ކުނި ވަސް ދުވާތީ ބެލިއިރު ލިއުޝާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ 2ވީ ބުދަ ދުވަހުގެ ރޭ މެންދަމު 2:33 ހާއިރުއެވެ. ލިއުޝާ މަރުވީ ފިޓް ޖެހިގެން ކަމަށް އާއިލާއިން ބުނެފައިވާއިރު، މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.