ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ޖޫނިއާ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން ފިސްޑާއިން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބު ގުޑީސް އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިސްޑާއިން ހޯދީ ފައިނަލުގައި ބ. ގޮއިދޫއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-23 އިން ފިސްޑާއިން ކާމިޔާބުކުރި ނަމަވެސް ގޮއިދޫ ޓީމުން ވަނީ މޮޅު ކުޅުމަކާއެކު ދެ ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް އެޓީމުން ކާމިޔާބުކުރީ 25-23 އަދި 25-18 އިންނެވެ.
ގޮއިދޫ ޓީމުން މި ދެ ސެޓު ގެންގޮސް މެޗުން މޮޅުވުމުގެ އުންމީދު ބޮޑުކޮށްފައި ވަނިކޮށް ފިސްޑާއިން ވަނީ އަނެއްކާވެސް ކުޅުން އިތުރަށް ވަރުގަދަކޮށް ފަހު ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. މި ސެޓުތައް އެޓީމުން ކާމިޔާބުކުރީ 25-19 އަދި 15-11 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިސްޑާގެ އައިމިނަތު އަރީޝާއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ގުޑީސް އިން ހޯދީ ފައިނަލުގައި މަލްސަންއާ ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ސެޓުތައް ގުޑީސް އިން ކާމިޔާބުކުރީ 26-25، 25-23 އަދި 25-21 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގުޑީސްގެ މުހައްމަދު މިމްރާހުއެވެ.