ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 00:29
ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑިބްރޫނާ
ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑިބްރޫނާ
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ކެވިން ޑިބްރޫނާ
 
ނިމިގެންދިޔަ ސީޒަނަކީ ޑިބްރޫނާއަށް ވަރަށް ކާމިޔާބު ސީޒަނެއް
 
ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަމެއް ބެލްޖިއަމަށް ލިބިފައެއް ނެތް

ރޮބާރޓޯ މާޓިނެޒްގެ ކޯޗުކަމުގެ ދަށުން ޔޫރޯއަށް މިފަހަރު ނުކުންނަ ބެލްޖިއަމަކީ ދުނިޔޭގެ އެއްވަނައަށް ރޭންކު ކުރެވިފައިވާ ޓީމެވެ. އެގޮތުން ޔޫރޯގައި މިފަހަރު ވާދަކުރާ 24 ޓީމުގެ ތެރެއިން އެންމެ މަތީ ރޭންކު ޓީމަކީ ބެލްޖިއަމެވެ. އެ ގައުމުގެ ރޭންކު ކިތަންމެ މަތިވިޔަސް ބޮޑު އެއްވެސް މުބާރާތެއްގެ ޗެމްޕިއަންކަމެއް ބެލްޖިއަމަށް މިހާތަނަށް ލިބިފައެއް ނެތެވެ. އެއް ޓީމަކަށް ބަލާއިރު ސުޕަރ ސްޓާރުން އެންމެ ގިނަ އެއްޓީމަކީވެސް ބެލްޖިއަމެވެ. އެ ޓީމުގައި ނަގާކިޔަން ތިބި ގިނަ ކުޅުންތެރިން ނިސްބަތްވަނީ ބެލްޖިއަމްގެ ރަން ޖީލަށެވެ. މާނަޔަކީ ފަހަކަށް އައިސް ބެލްޖިއަމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ޖީލެވެ. މި ޖީލުގެ ގިނަ ކުޅުންތެރިން މިހާރު އެތިބީ ގައުމީ ޓީމަށް ތައްޓެއް ހޯދައި ނުދެވި ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރާ އުމުރާ ގާތްވެފައެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯއަކީ އެފަދަ ކުޅުންތެރިންގެ ވިދުން ދައްކާލަން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެއެވެ.

މިދެންނެވި ޖެނެރޭޝަނުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ އީޑެން ހަޒާޑާއި ކެވިން ޑިބްރޫނާއެވެ. މީގެ ތެރެއިން ހަޒާޑަކީ ބެލްޖިއަމްގެ ކެޕްޓަނެވެ. ނިމިގެންދިޔަ ސީޒަނުގައި ދެއްކި ކުޅުމާއި ފޯމަށް ބަލާއިރު މި ދެމީހުންގެ ތެރެއިންވެސް އެންމެ މުހިއްމު މީހަކީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޫނާއެވެ. ނިމިގެންދިޔަ ސީޒަނަކީ ޑިބްރޫނާއަށް ވަރަށް ކާމިޔާބު ސީޒަނެކެވެ. ބެލްޖިއަމަށް މިފަހަރުގެ ޔޫރޯގައި ކާމިޔާބު ލިބުން އޮތީ އެ ފޯމުގައި ޑިބްރޫނާ ދެމިހުރެގެންނެވެ. ޑިބްރޫނާ ވަނީ މެންޗެސްޓަރ ސިޓީއަށް އިނގިރޭސި ލީގާއި ކަރަބާއޯ ކަޕް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ސިޓީ ގެންގޮސްދީފައެވެ. ހުރިހާ މުބާރާތެއް ހިމަނައިގެން އޭނާ ވަނީ ނިމިގެންދިޔަ ސީޒަނުގައި 9 ގޯލް ޖަހައިފައެވެ. އަދި އިތުރު 17 ގޯލް ޖެހުމަށް މަގުފަހިކޮށްދީފައިވެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޑިބްރޫނާގެ މޫނަށް ވަރަށް ބޮޑު އަނިޔާއެއް ލިބި ޔޫރޯގައި އޭނާއަށް ކުޅެވޭނެކަމާ މެދު ޝައްކުތައް އުފެދުނަސް އެ ޝައްކުތައް މިހާރުވަނީ ފިލާފައެވެ. ކޯޗު މާޓިނެޒް އިއުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ޑިބްރޫނާ ވަނީ ހިމަނައިފައެވެ. އެހެންކަމުން ޑިބްރޫނާ ކުޅޭނެކަން ވަނީ ކަށަވަރުވެފައެވެ. މެދުތެރެއިން މިނިވަންކަމާއެކު ޑިބްރޫނާ އުފައްދާ ހަރަކާތްތަކުން ފޯވާޑްލައިނުން ލުކާކޫއަށް ފުރުސަތު ތަނަވަސްކޮށްދެވުމަކީ ބެލްޖިއަމަށް ކާމިޔާބު ލިބުމަށް އޮތް މަގެވެ. އެކަން ކުރެވޭނީ ޑިބްރޫނާ ބަރާބަރަށް ފިޓްކޮށް ހުރެގެންނެވެ. މެންޗެސްޓަރ ސިޓީގައި އޭނާ އަދާކުރާ ދައުރު އެގޮތަށް އަދާކުރަން މިނިވަންކަންވެސް ދެވިގެންނެވެ.

ބެލްޖިއަމްގެ ފޯވާޑްލައިނާއި މިޑްފީލްޑަކީ މުބާރާތުގެ ހުރިހާ ޓީމަކަށް ނިސްބަތްކުރާއިރުވެސް އެންމެ ވަރުގަދަ ދެ ޑިޕާޓްމަންޓެވެ. އެކަމަކު އެކަން ދެމިއޮތުން ގުޅިފައިވަނީ ޑިބްރޫނާއާއި ލުކާކޫ އަދި ހަޒާޑްގެ ފިޓްނަސްއާއެވެ. ބެލްޖިއަމްގެ ޑިފެންސްލައިނާމެދު ބުނެވެނީ ޓީމު ކުރިއަށްދާންވާ ހިސާބަށް ނުދެވުމުގެ ސަބަބު ކަމުގައެވެ.

ކެވިން ޑިބްރޫނާ ބެލްޖިއަމްގެ ގައުމީ ސީނިއަރ ޓީމަށް ކުޅެންފެށީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 80 މެޗު ކުޅެދީ 21 ގޯލް ޖަހާފައިވެއެވެ. އޭނާގެ ފާހަގަކޮށްލެވޭ މުބާރާތްތަކުގެ ތެރޭގައި 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ ހިމެނެއެވެ. މީގެ ތެރެއިން 2018 ގެ ވޯލްޑް ކަޕުގައި ބެލްޖިއަމް ވަނީ އިންގްލެންޑް ބަލިކޮށް މުބާރާތުގެ ތިންވަނަ ހޯދާފައެވެ. ޑިބްރޫނާގެ ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓަރ ސިޓީގެ އިތުރަށް ޗެލްސީއަށް ވެސް ކުޅެފައެވެ. ޖާރމަނީގެ ބްރޭމަނާއި ވުލްފްސްބާގަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް