ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 00:25
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ހެރީ ކޭން
 
ޔޫރޯއަށް ހެރީ ކޭން އަންނަނީ ރަގަޅު ފޯމެއްގައި ހުރެގެން
 
ވޯލްޑް ކަޕުގައި ކޭން ވަނީ ޓޮޕް ސްކޯރަރ ކަން ހޯދާފައި

ހެރީ ކޭންއަކީ އިންގްލެންޑްގެ ކެޕްޓަނެވެ. އެ ޓީމުގެ ފޯވާޑްލައިނުގެ އުއްމީދެވެ. ނިމިގެންދިޔަ ސީޒަނުގައި ހެރީ ކޭންގެ ކްލަބް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާރއަށް މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވިޔަސް އެޓީމުން އެންމެ ވިދި އެއްކުޅުންތެރިޔަކީ އޭނާއެވެ. ސީޒަނުގެ އެންމެ ގިނަ ގޯލްޖެހީ އޭނާއެވެ. އަދި އެހެން ކުޅުންތެރިންނަށް ގޯލް ޖެހުމަށް އެންމެ ގިނައިން އެހީތެރިވެދީފައިވަނީވެސް އޭނާއެވެ. އެހެންވީމާ ޔޫރޯއަށް އިންގްލެންޑުގެ ޓީމާއެކު ހެރީ ކޭން މި އަންނަނީ ވަރަށް ރަގަޅު ފޯމެއްގައި ހުރެގެންނެވެ. އެންމެ ބަރާބަރު ތޫނުފިލިކަމާއެކުގައެވެ.

ގޯލް ޖެހުމުގައި ފަހަކަށް އައިސް ހެރީ ކޭން ވަރުގެ އެހެން ފޯވާޑެއް އިންގްލެންޑުން ފެނިފައެއް ނުވެއެވެ. އޭނާ މޮޅީ ހަމައެކަނި ޓޮޓެންހަމުގެ ޖާރޒީގައި އެކަންޏެއް ނޫނެވެ. އިންގްލެންޑުގެ ޖާރޒީގައި ކުޅުނަސް އެ ތޫނުފިލިކަން ދައްކައެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި ހެރީ ކޭން ވަނީ ޓޮޕް ސްކޯރަރ ކަންވެސް ހޯދާފައެވެ. އެކަމަކު މީގެ ތެރެއިން ފަސް ގޯލް ޖެހީ ގްރޫޕުގެ ފުރަތަމަ ދެ މެޗުގައެވެ. ނޮކައުޓް ތިން މެޗުވެސް ހިމެނޭގޮތުން ފަހު ހަތަރު މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.

ހެރީ ކޭންގެ އެންމެ ބޮޑު ބިރަކީ އަނިޔާއެވެ. އެއީ އަނިޔާއާ ވަރަށް ކައިރި ކުޅުންތެރިއެކެވެ. އަނިޔާއިން ސަލާމަތްވެގެން ހުރެވިއްޖެނަމަ އެއަށްވުރެ ވަކިން އިތުބާރު ފޯވާޑެއް ނުހުންނާނެއެވެ. ހެރީ ކޭން މިފަހަރުގެ ޔޫރޯއަށް ނުކުންނަނީ އާ ސީޒަނުގައި ޓޮޓެންހަމް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ވާހަކަތައް ވަރަށް ގަދަވެފައިވަނިކޮށެވެ. މިފަހަރުގެ ޔޫރޯގެ އަލިކަން ގަދަ ތަރިޔަކަށް ހެރީ ކޭން ވެއްޖެނަމަ ޓޮޓެންހަމްގައި އިތުރު ސީޒަނަކަށް އޭނާ ނުހުންނާނެކަން މުޅިން ކަށަވަރުވާނެއެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ ފަރާތުން ހެރީ ކޭނަށް 7 އަހަރުގެ ވަރަށް ބޮޑު އައު ޑީލެއް މިހާރުވެސް ވަނީ ހުށައަޅައިފައެވެ.

ެއިންގްލެންޑުގެ އެންމެ ބޮޑު އުއްމީދަކީ ކެޕްޓަން ހެރީ ކޭން ކަމަށް ބެލެވުނަސް މިހާރުގެ އިންގްލެންޑުގައި އެކަހަލަ ކިތަންމެ ތަރީންނެއް އެބަތިއްބެވެ. ފިލް ފޮޑެންއާއި މޭސަން މައުންޓްފަދަ ތަރިންނެެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ތެރެއިން ތަށި ހޯދުން އެންމެ ކައިރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއްޓީމަކީ އިންގްލެންޑެވެ. އެޓީމާމެދު އުއްމީދުތައް އެހާ ބޮޑީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މިއީ ފަހަކަށް އައިސް އިންގްލެންޑް ތަމްސީލުކުރާ އެންމެ ކޮލިޓީ ޓީމު ކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވޭތީއެވެ.

އުމުރުން 27 އަހަރުވީ ހެރީ ކޭންއަކީ ކޯޗް ސައުތުގޭަޓް އެންމެ އިތުބާރުކުރާ ކުޅުންތެރިޔާއެވެ. އޭނާއަކީ ކުލަބުގެ ކެޕްޓަނަކަށް ނުވިޔަސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ދީފައިވަނީ އެހެންވެގެންނެވެ. ކްލަބް ލެވެލްގައި ހެރީ ކޭންއަށް މަޝްހޫރުކަން ލިބުނީ ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވިޔަސް ޔޫތު ކެރިއަރާއި ސީނިއަރ ކެރިއަރުގައި އެހެން ޓީމުތަކަށްވެސް އޭނާ ވަނީ ކުޅެފައެވެ. ޔޫތު ކެރިއަރުގައި އާސެނަލްއަށާއި ވޮޓްފަޑަށްވެސް ކުޅުނެވެ. ސީނިއަރ ކެރިއަރުގައި ނޮރިޗް ސިޓީއާއި މިލްވޯލް އަދި ލެސްޓަރ ސިޓީއަށްވެސް ކުޅެފައިވެއެވެ. އިންގްލެންޑުގެ ގައުމީ ސީނިއަރ ޓީމަށް 2015 ވަނަ އަހަރު ކުޅެންފެށި ފަހުން މިހާތަނަށް ކުޅެދިން 54 މެޗުގައި ޖުމްލަ 34 ގޯލް ޖަހާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް