ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭގެ އުމުރުން އަދި އެންމެ 22 އަހަރެވެ. މިއީ އޭނާގެ އެންމެ ފުރަތަމަ ޔޫރޯއެވެ. އެކަމަކު ފްރާންސްގެ ހުރިހާ އުއްމީދުތަކެއް ހަގީގަތަކަށް ހެދުމުގެ ތަޅުދަނޑިއަކީ އެމްބާޕޭ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އެގޮތަށް ގަބޫލުކުރަނީ އެމްބާޕޭގެ ފުރަތަމަ މުބާރާތް ކަމުގައިވާ ވޯލްޑްކަޕުގައި އޭނާ ދެއްކި ކުޅުމާއި އެ މުބާރާތް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކުރި ދައުރުގެ ސަބަބުންނެވެ.
މިފަހަރުގެ ޔޫރޯއަކީ ފްރާންސްގެ ޖާރޒީގައި އެމްބާޕޭ ނުކުންނަ ބޮޑު ދެވަނަ މުބާރާތެވެ. އަމިއްލަ ގައުމުގައި މީގެ ފަސް އަހަރު ކުރިން ޔޫރޯގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވިއިރު އެމްބާޕޭ ޓީމަކު ނުހިމެނެއެވެ. އެ ހިތްދަތިކަން ފިލުވާލައި ފްރާންސަށް ޔޫރޯގެ ތަށި އަލުން ހޯދާދިނުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ތަރިން ފްރާންސްގައި ވަރަށްވެސް ގިނައެވެ. އެކަމަކު އޭގެތެރެއިން ހުނިޖަހާލެވޭ މީހަކީ ގިނަބައެއްގެ ނަޒަރުގައި އެމްބާޕޭއެވެ. ހުސްވި ސީޒަނުގައި އޭނާވަނީ ޕީއެސްޖީއަށް ކުޅެދިން ކޮންމެ މެޗަކަށް ގޯލެއްގެ ރޭޓުން ސްކޯކޮށްފައެވެ. މިއީ އާދަޔާ ޚިލާފު ރިކޯޑެކެވެ. އެހެންވީމާ މި ތޫނުފިލިކަން މިފަހަރު ދެއްކިއްޖެނަމަ ދެ މުބާރާތުގައި ކުޅެ ދެތަށި ހޯދުމުގެ ފަޚުރު އެމްބާޕޭއަށް ނުލިބެންވީ ސަބަބެއް ނެތެވެ.
ކީލިއަން އެމްބާޕޭ ފްރާންސަށް ކުޅެނީ އޭނާގެ އުފަން ގައުމަކީ ފްރާންސްކަމަށް ވުމުންނެވެ. އެކަމަކު އިތުރު ދެ ގައުމަކަށް ކުޅުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނެވެ. އެމްބާޕޭގެ ބައްޕަ ވިލްފްރައިޑަކީ އެފްރިކާގެ ގައުމެއްކަމަށްވާ ކެމެރޫނުގެ މީހެކެވެ. ބައްޕަގެ ސަބަބުން ކެމެރޫނަށް ކުޅެން ފުރުސަތު ލިބުނެވެ. އެމްބާޕާގެ މަންމަ ފާއިޒާ ލަމާރީއަކީ އަލްޖީރިއާގެ މީހެކެވެ. އެގޮތުން އަލްޖީރިއާއަށް ކުޅުމުގެ ފުރުސަތުވެސް އެމްބާޕޭއަށް ލިބުނެވެ. އެކަމަކު އޭނާ ގަސްތުކުރީ އުފަންވެ އަދި އުޅެ ބޮޑުވި ގައުމު ތަމްސީލު ކުރުމަށެވެ. އުފަން ގައުމާއިގެން ކުރިއަށް ދިއުމަށެވެ.
ކީލިއަން އެމްބާޕޭގެ ފުރަތަމަ ކޯޗަކީ އޭނާގެ ބައްޕައެވެ. ކުޑައިރު އެމްބާޕޭއަށް ކޯޗުކޮށްދިން ހުރިހާ ކޯޗުންވެސް އިއްތިފާގުވާ ގޮތުގައި އެމްބާޕޭއަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިގެންވާ ކުޅުންތެރިއެކެވެ. ވިސްނުންވެސް އެހާމެ ބަރާބަރެވެ. ކިޔެވުމުގައިވެސް އެމްބާޕޭއަކީ މޮޅު ކުއްޖެކެވެ. އެކަމަކު ޑިސިޕްލިންގެ މައްސަލަ ބޮޑެވެ. ކިޔެވުމާއި ކުޅުމުގެ ތެރެެއިން ބޮޑަށް އޭނާގެ މިޒާޖާއި ގުޅުން ހުރީ ކުޅުމެވެ. އެހެންވެގެން އުމުރުން ސޯޅަ ނުފުރެނީސް ފްރާންސްގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމުގައިވާ މޮނާކޯއަށް ސޮއިކޮށް އެ ކުލަބުގެ ސީނިއަރ ޓީމަށް އަރަން ފެށިއެވެ.
މިފަހަރުގެ ޔޫރޯގައި އެންމެ ވިދުން ގަދަވާނެ އެއްތަރިޔަކީ ކީލިއަން އެމްބާޕޭ ކަމަށް ގިނަ ބަޔަކު ދެކޭއިރު ފްރާންސްގެ ކުރިމަގަކީވެސް އެމްބާޕޭ ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ. އުމުރުން ތިރީސް އަހަރުވާއިރު މިޝެލް ޕްލަޓީނީމެން ޒިދާންމެން ފަހަތަށް ޖައްސާލައި ފްރާންސްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކަށް އެމްބާޕޭ ވެދާނެ ކަމަށް މީހުން ގަބޫލުކުރަނީ އެމްބާޕޭގެ ޅަ އުމުރުގައި އޭނާ ހާސިލްކުރި ވަރާ ގާތަށްވެސް ކުރީގެ ތަރީންނަށް އެ އުމުރުގައި ހާސިލް ކުރެވިފައި ނެތުމުންނެވެ. ކޮންމެއަކަސް އެމްބާޕޭއަށް ވިހި އަހަރު ނުވަނީސް އޭނާވަނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރެވިއްޖެނަމަ 23 އަހަރުވުމުގެ ކުރިން ޔޫރޯވެސް ހޯދުނީއެވެ. އެހެންވީމާ އެއޮތީ ފްރާންސްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ފުޓްބޯޅަ ތަރި ކަމަށް ވުމުގެ ރާސްތާގެ އެންމެ މުހިއްމު ހަރުފަތްތައް ގިރާ ކުރެވިފައެވެ.