ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 00:19
ޕޮލެންޑުގެ ކެޕްޓަން ރޮބަރޓް ލެވަންޑޯސްކީ
ޕޮލެންޑުގެ ކެޕްޓަން ރޮބަރޓް ލެވަންޑޯސްކީ
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ރޮބަރޓް ލެވަންޑޯސްކީ
 
ލެވަންޑޯސްކީއަކީ މިވަގުތު ޔޫރަޕުގެ އެންމެ ތޫނުފިލި ފޯވާޑް
 
ޕޮލެންޑުގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ލެވަންޑޯސްކީ

އުމުރުން 33 އަހަރުވީ ރޮބަރޓް ލެވަންޑޯސްކީއަކީ ޕޮލެންޑުގެ ކެޕްޓަނެވެ. ޓީމުގެ ހުރިހާ އުއްމީދުތަކާ ގުޅިފައިވާ ފޯވާޑެވެ. ޕޮލެންޑުގެ ތާރީޚުގައިވެސް އެގައުމުގައި އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ކުޅުންތެރިޔަކީ ލެވަންޑޯސްކީއެވެ.

ލެވަންޑޯސްކީގެ ކެރިއަރުގައި މިހާތަނަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްވެސް ހޯދިފައިވަނީ ކުލަބުގައެވެ. ގައުމީ ޓީމުގައި ކާމިޔާބީއެއް ނުހޯދެއެވެ. ލެވަންޑޯސްކީގެ ކުލަބަކީ ޖާރމަނީގެ ބަޔާން މިއުނިކެވެ. އެކުލަބާއެކު އޭނާވަނީ ޖާމަނީގެ ލީގު އެތަކެއް ފަހަރު ހޯދާފައެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. އޭގެ ކުރިން ޖާމަނީގެ ބޮރޫޝިއާ ޑޯޓްމުންޑާއެކުވެސް ގިނަގުނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.

ޖާރމަން ލީގާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ފާއިތުވީ އަށެއްކަ ސީޒަނުގައި ގޯލްޖެހުމުގައި ލެވަންޑޯސްކީ ވަނީ އެތަކެއް ރިކޯޑު ގާއިމްކޮށްފައެވެ. މި ރިކޯޑުތަކުގެ އަލީގައި ފުޓްބޯޅައިގެ ތަޖުރިބާކާރުން އެއްބަސްވަނީ މި މުއްދަތުގެ ތެރޭގައި ލެވަންޑޯސްކީއަށްވުރެ ހުޝިޔާރު އެހެން ފޯވާޑެއް ޔޫރަޕުގައި އުފެދިފައިނުވާ ކަމުގައެވެ.

ކުލަބް ފެންވަރުގައި ލެވަންޑޯސްކީ ނުހޯދާ މަގާމެއް ކާމިޔާބީއެއް ނެތެވެ. ދުނިޔޭގެ އެއްވަނަ ފޯވާޑުގެ މަގާމު އެތަކެއް ފަހަރު ހޯދައިފިއެވެ. އެގޮތުން އޭނާ ހިމެނެނީ އާޖެންޓީނާގެ ލަޔަނަލް މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ގިންތިއެއްގައެވެ. އެކަމަކު ރޮނާލްޑޯއާއި މެސީއަށް ގައުމީ ޓީމު ބަރޯސާކުރާ މިންވަރަށް ލެވަންޑޯސްކީގެ މައްޗަށް ޕޮލެންޑްގެ ގައުމީ ޓީމު ބަރޯސާއެއް ނުކުރެއެވެ. އޭނާ 2008 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނައިރު އެއްވެސް ފައިނަލަކާ ހަމަޔަށްވެސް އަދި ނުދެވެއެވެ.

މިފަހަރުގެ ޔޫރޯއަށް ޕޮލެންޑްގެ ޓީމާއެކު ލެވަންޑޯސްކީ ނުކުންނަނީ ހުސްވި ސީޒަނުގައި ޖުމްލަ 41 ގޯލް ޖަހައިގެން ޖާމަން ލީގުގެ އެއްވަނަ ފޯވާޑުގެ ތާޖުއަޅައިގެން ހުރެއެވެ. ލީގުގައި އޭނާ ދެއްކި ފޯމް ޔޫރޯގައި ދެއްކިދާނެތޯ އެއީ މިއަދު ގިނަބަޔަކު ދެނެގަންނަން ބޭނުންވެގެން ތިބި ކަމެކެވެ. ޝައްކެއްނެތި އެނގޭ ކަމަކީ ލެވަންޑޯސްކީއަކީ މިވަގުތު ޔޫރަޕުގެ އެންމެ ތޫނުފިލި ފޯވާޑުކަމެވެ. އެ ތޫނުފިލިކަން ދައްކައި ގައުމީ ޓީމަށް ކާމިޔާބެއް ހޯދައިދޭން މިއީ ލެވަންޑޯސްކީގެ އެންމެ ފަހު ފުރުސަތަށްވެސް ވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް