ކޮވިޑް-19ގެ ހާލަތު މާލޭގައި ގޯސްވެފައިވާތީ ޒަރޫރީ ބޭނުކަމަށް ނޫނީ މާލެ ސަރަހައްދުން އަތޮޅުތެރެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތައް ފިޔަވައި މާލެއިން އަތޮޅުތަކަށް ކުރާ ދަތުރުތައް މިވަގުތު ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގެ ގޮތުގައި ބަލާ ކަންކަން ވެސް ބަޔާންކޮށްފައިވެއެވެ.
- ސިއްހީ ފަރުވާ ހޯދުމަށް މާލެ އައުމަށް ފަހު އެނބުރި ދާން ޖެހުން، އަދި އެފަދަ މީހަކާ އެކު ކޮންމެހެން ދާން ޖެހުން
- މާލޭގައި އަދާކުރާ ވަޒީފާ ހުއްޓާލަން ޖެހުމާއި އެފަދަ އެހެން ސަބަބުތަކާ ހެދި މާލޭގައި ދިރިއުޅެން ދަތިވެ ރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހުން
- ތައުލީމް ހާސިލްކުރަން މާލެ އައުމަށްފަހު ކިޔެވުން އެއްކޮށް ނިމިގެން ރަށަށްދާން ބޭނުންވުން ( މީގެ ތެރޭގައި ކިޔެވުން މެދުކެނޑިފައިވުން ނުވަތަ ޗުއްޓީއެއް ނުހިމެނޭ)
- އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ރަށަށް ދާން ޖެހުން
އެޗްޕީއޭއިން ބުނީ މިގޮތަށް ރަށަށް ދާ މީހުން ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރް ޓެސްޓު ހެދުމަށް ފަހު ނެގެޓިވް ވުމުން ކަމަށް ވެސް ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނީ ރަށަށް ދިއުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ކައުންސިލުން އެކަމަށް ދިފައިވާ ހުއްދައިގެ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުން ޕޯޓަލްއަށް އަޕްލޯޑްކުރުމަށް ފަހު އެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވެ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެގޮތުން ހަވީރު 4ން އަނެއް ދުވަހުގެ ހެނދުނު 8ށް ކާފިއު އިއުލާންކޮށްފައިވާއިރު ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވެނީ ވަކި ހުއްދައަކާ އެކު ކޮންމެ ގޭބީސީއަކުން ދެމީހަކަށެވެ.