ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމެންޓުން ހޮވި ތިމާވެށީގެ ޕްރޮޖެކްޓުތަކުގެ ގަދަ ފަހެއްގައި މުޙްޔިއްދީން ސުކޫލުގެ "މުރަކަ ކުދިން" ޕްރޮޖެކްޓް ހިމެނިއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި, އެކި ގައުމުތަކުގެ ސްކައުޓުން ކުރިއަށްގެންދާ ތިމާވެށީގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ގަދަ ފަސް ޕްރޮޖެކްޓް އެޖަމުއިއްޔާއިން އާންމުކޮށްފައިވެއެއެވެ. އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ވެސް ހިމެނެއެވެ.
މުހްޔީއްދީން ސްކޫލުގެ ސްކައުޓުންގެ ޕްރޮޖެކްޓް ގަދަ ފަހެއްގައި ހިމެނުމުން, އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް ތަހުނިޔާ ކިޔާފައެވެ.
"މުރަކަ ކުދިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ބޭނުމަކީ ފަރު ހިމާޔަތް ކުރުމުގެ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ. މި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ފަރުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތައް ބަލައި ދިރާސާ ކޮށްފައިވެއެވެ.
މުޙްޔިއްދީން ސްކައުންޓުންގެ މި މަސައްކަތުގެ މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ވިލިމާލޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތައް އަލުން އިޔާދަކުރުމުގެ ގޮތުން މުރަކަ އާލާކުރުމެވެ.
މި ޕްރޮޖެކްޓަކީ މޫދުބުޅާ ޑައިވިން ސެންޓަރާއި ސޭވް ބީޗް މޯލްޑިވްސްއާއި އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ގަދަ ފަހެއްގައި ހިމެނުނު އިތުރު ޕްރޮޖެކްޓްތަކަކީ, ޔަތީމްޚާނާއެއްގައި ސޯލާޕެނަލް ހަރުކުރުމަށް އަފްޣާނިސްތާނުގެ ސްކައުޓުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓާއި, ފްލާސްޓިކް ކުނިބުނި ސާފުކުރުމަށް ސައުތު އެފްރިކާގެ ސްކައުޓުން ކުރިއަށް ގެންދާ ޕްރޮޖެކްޓާއި, ސިނގިރޭޓް ބަޓުން ގަސްކާނާ ފަދަ ތަކެތި އުފައްދައިގެން އަލުން ބޭނުން ކުރެވޭނެ ގޮތް ހެއްދުމަށް ގްރީސްގެ ސްކައުޓުން ކުރިއަށްގެންދާ ޕްރޮޖެކްޓާއި, ޖަންގަލީގެ ދިރުންތައް ހިމާޔަތް ކުރުމަށް 65,000 ގަސް އިންދުމަށް ކްރޮއޭޝިއާގެ ސްކައުޓުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެވެ.