ވަކި މުއްދަތެއް ނެތް ގޮތަށް ނައިޖީރިއާއިން ޓްވިޓަރ އެޕްލިކޭޝަން ބޭނުން ކުރުން ސަސްޕެންޑު ކޮށްފިއެވެ.
އެގައުމުން މި ނިންމުން ނިންމާފައިވަނީ ނައިޖީރިއާގެ ރައީސް މުހައްމަދު ބުޚާރީ ކުރެއްވި ޓްވީޓެއް ޑިލީޓްކޮށްލުމާގުޅިގެންނެވެ. މިކަމާ ގުޅިގެން ޓްވިޓަރއިން ބުނީ އެ ޓްވީޓަކީ ޓްވިޓަރގެ އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފު ޓްވީޓެއް ކަމަށެވެ.
ޓްވިޓަރގެ ސްޕޯކްސްމަނެއް ބުނެފައިވަނީ އުސޫލާ މިންގަނޑުތަކާ ޚިލާފު ޓްވީޓެއް ކޮށްފިނަމަ އެ ޓްވީޓެއް ޑިލީޓް ކުރަން ޖެހޭނެ ކަމަށާ 12 ގަޑިއިރު ވަންދެން އެ އެކައުންޓު ހިފެހެއްޓޭނެ ކަމަށެވެ. އެ މުއްދަތުގައި އެހެން ޓްވީޓް ބެލުން ފިޔަވާ އިތުރު ކަމެއް ނުކުރެވޭނެ ކަމަށާއި 'ރީޑް މޯޑް' އެކްޓިވޭޓެ ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ނައިޖީރިއާގެ ރައީސް ބުޚާރީ ކުރެއްވި ޓްވީޓުގައިވަނީ 1967 ވަނަ އަހަރު އެ ގައުމުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ވާހަކައެވެ. އެ ޓްވީޓުގައި ވިދާޅުވީ މިއަދު ކަންކަމާ ދެކޮޅުހަދާ، ބަސްނަހާ އުޅެމުން އަންނަ މީހުންނަށް 1967 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމަ ނޭނގޭނެ ކަމަށާއި އެމީހުން އެއަށް ވުރެ ހަގު ކަމަށެވެ. އަދި 30 މަސް ދުވަހު އެކަމުގައި އުޅުނު މީހުންނަށް އެ ބިރުވެރިކަމާ ނާމާން ކަން އެނގޭނެ ކަމަށެވެ.
އެއް މިލިއަން މީހުން މަރުވި މި ހާދިސާއާއި ގުޅުން ހުރި މި ޓްވީޑް ޑިލީޓް ކޮށްލުމާއެކު އެގައުމުގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ އިން ހުކުރު ދުވަހު ޓްވިޓަރ އާއި ދެކޮޅަށް މި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހާމަކޮށްފައިވެެއެވެ.