ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމަކީ އިންގްލެންޑުގެ ގައުމީ ސްޓޭޑިއަމެވެ. އިންގްލެންޑުގެ ގައުމީ ޓީމުގެ ހޯމް މެޗުތަކާއި އިނގިރޭސި އެފްއޭކަޕްގެ ފައިނަލް މެޗު ކުޅޭ ތަނަކީވެސް އާއްމު ގޮތެއްގައި ވެމްބްލީ ސްޓޭޑިއަމެވެ.
ގާތްގަޑަކަށް 90 ހާސް މީހުންގެ ޖާގައިގެ ވެމްބްލީ ސްޓޭޑިއަމަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމެވެ. އަދި މުޅި ޔޫރަޕަށް ނިސްބަތްކުރާނަމަ އެއީ ޔޫރަޕުގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޑިއަމެވެ.
މިހާރު އެހެރަ ވެމްބްލީ ސްޓޭޑިއަމަކީ 2003 ވަނަ އަހަރު ތަޅާލާފައި މުޅިން އަލަށް ތައްޔާރުކުރެވިފައިވާ މުޅިން ޒަމާނީ އައު ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމް އަލުން އިމާރާތް ކުރުމަށް 1.2 ބިލިޔަން ސްޓާލިން ޕައުންޑް ޚަރަދުވި ކަމަށް ބުނެވެއެވެ. އިނގިރޭސިވިލާތުގެ ގިނަ ސްޓޭޑިއަމްތަކާ ޚިލާފަށް ވެމްބްލީ ސްޓޭޑިއަމަކީ ވަކި ކުލަބަކަށް ނިސްބަތްވާ ސްޓޭޑިއަމެއް ނޫނެވެ. އެހެންނަމަވެސް ލަންޑަނުގެ ކުލަބުތަކުގެ ތެރެއިން ޓޮޓެންހަމް ހޮޓްސްޕާރގެ އަމިއްލަ ސްޓޭޑިއަމް ކަމަށްވާ ވައިޓް ހާޓް ލޭން އަލުން އިމާރާތްކުރަންވެގެން އެ މުއްދަތުގެ ތެރޭގައި ޓޮޓެންހަމްގެ ހޯމް ސްޓޭޑިއަމެއްގެ ގޮތުގައި އެ ކުލަބުގެ މެޗުތައް ދެތިން އަހަރަކު ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވެއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ފިޔަވަހީގައި އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ އެންމެހައި މެޗުތަކާއި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗެވެ. އިންގްލެންޑް ހިމެނެނީ ގްރޫޕް ޑީގައި ސްކޮޓްލެންޑާއި ކްރޮއޭޝިޔާއާއި ޗެކްރިޕަބްލިކާއެކުގައެވެ.
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އުއްމީދުކުރާ ގޮތުގައި ގްރޫޕް ފިޔަވަހީގައި އިންގްލެންޑު ކުޅޭ ތިން މެޗަށް ވެމްބްލީގެ ޖުމްލަ ކެޕޭސިޓީގެ ފަންސަވީސް އިންސަައްތަ މީހުން ވެއްދޭނެއެވެ. ސެމީފައިނަލުން ފެށިގެން މި އަދަދު އިތުރުވެސް ކުރެވިދާނެއެވެ. ގްރޫޕް ޑީގައި އިންގްލެންޑް ކުޅޭ މެޗުތައް ފިޔަވައި މި ގްރޫޕުގެ އެހެނިހެން މެޗުތައް ކުޅޭނީ ސްކޮޓްލެންޑުގެ ގްލާސްގޯ ސިޓީގައި ހުންނަ ހެމްޕްޑެން ޮޕާރކް ސްޓޭޑިއަމްގައެވެ.