މިއީ ގާތްގަޑަކަށް 38 ހާސް މީހުންގެ ކެޕޭސިޓީ އެކުލެވިގެންވާ ސްޓޭޑިއަމެކެވެ. ޑެންމާރކުގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުލަބްތަކުގެ ތެރެއިން އެފްސީ ކޯޕެންހޭގަންގެ ހޯމް ސްޓޭޑިއަމަކީ މިއީއެވެ. އަދި ޑެންމާރކުގެ ގައުމީ ޓީމުގެ ހޯމް މެޗުތައްވެސް އާއްމުގޮތެއްގައި ކުޅެނީ މި ސްޓޭޑިއަމްގައެވެ.
މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން މި ސްޓޭޑިއަމުގައި ކުޅޭނީ ގްރޫޕް ބީގަައި ޑެންމާރކު ކުޅޭ ތިން މެޗާއި ރައުންޑް އޮފް 16 ބުރުގެ މެޗަކާއެކު ޖުމްލަ ހަތަރު މެޗެވެ. މި މެޗުތަކަށް ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށްފައި ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ ވިހި އިންސައްތަށްވުރެ މަދުނުވާނޭ މިންވަރަކުން މީހުން ވައްދަން ޚިޔާލުކުރާ ކަމަށް ޑެންމާރކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ޕާރކެން ސްޓޭޑިއަމަކީ ކެޕޭސިޓީގެ ގޮތުން މިފަހަރު ޔޫރޯގެ މެޗުތައް ކުޅެވޭ އެންމެ ކުޑަ އެއް ސްޓޭޑިއަމެވެ. އެކަމަކު ޒަމާނީ ސިފަތައް އެންމެ ބޮޑަށް ހިމެނިފައިވާ އެއްތަނަކީ މިއީއެވެ. ޒަމާނީ ސިފަތަކުގެ ތެރޭގައި ފުރާޅު ލެއްޕުމާއި ކަހައިލުން ހިމެނެއެވެ. މި ސްޓޭޑިއަމް މިހާރުގެ ގޮތަށް ބިނާކުރެވިގެން އަލުން ހުޅުވުނީ 1992 ވަނަ އަހަރުގެ ތެރޭގައެވެ.
ޕާރކެން ސްޓޭޑިއަމް ޑެންމާރކުގައި މަޝްހޫރުވެގެންވަނީ ޕާރކެންގެ ނަމުންނެވެ. ފުޓްބޯޅައިގެ އިތުރުން ދެން މިތަނުގައި ގިނައިން ބާއްވަނީ ބޮޑެތި މިއުޒިކް ކޮންސަޓްތަކެވެ. ފުޓްބޯޅަ މެޗުތަކަށް ގިނަވެގެން ވައްދަނީ 38 ހާސް މީހުން ކަމަށްވިޔަސް މިއުޒިކް ޝޯތައް ބެލުމަށް ބައެއް ފަހަރު 50 ހާސް މީހުންވެސް ވައްދައެވެ. މި ސްޓޭޑިއަމް ހުންނަނީ ކޯޕަންހޭގަންގެ އިންދްރޭ އޮސްޓަރބްރޯއޭ ކިޔުނު ސަރަހައްދުގައެވެ.